ފާފަކުރެވިއްޖެކަން ކަނބަލުންނަށް ވިސްނޭކަން އެއީ ލައްވަވާ ބޮޑު ރަޙުމަތެއް! އެކަމަކު ތައުބާވުމުން ފާފަފުއްސަވައިދެއްވެވުމަކީ އެކަމަށް ބަލައިގެން ފާފަކުރުން ހުއްދަވާ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ފާފަކުރެވިއްޖެކަން ކަނބަލުންނަށް ވިސްނޭކަން އެއީ ލައްވަވާ ބޮޑު ރަޙުމަތެއް! އެކަމަކު ތައުބާވުމުން ފާފަފުއްސަވައިދެއްވެވުމަކީ އެކަމަށް ބަލައިގެން ފާފަކުރުން ހުއްދަވާ ސަބަބެއް ނޫން!

ވަރަށް ގިނައިން ޒުވާން އަންހެންކުދިން ކުރާ ސުވާލެކެވެ. "ކައިވެނިކުރުމުގެ ކުރިން ތިމަންނާއަށް ވަނީ މިވެނި އެވެނި ފާފަތަކެއް ލޯބިވެރިޔާއާއިއެކު ކުރެވިފައެވެ. އަހަރެންގެ ފާފަ ފުއްސަވައިދެއްވަވާނެ ހެއްޔެވެ؟"  

ޖަވާބުގައި ފުރަތަމަވެސް ބުނަން ޖެހެނީ ތިމާއަށް ފާފަތަކެއް ކުރެވިއްޖެކަން ވިސްނުނުކަން އެއީވެސް ތިބާގެ ފާތައް ފުއްސަވައިދެއްވަވާނެ ކަމަށް ﷲ ތަޢާލާ ދެއްވެވި ފެހި ސިގްނަލެއް ކަމަށެވެ. ލެއްވެވި ބޮޑު ރަޙްމަތެކެވެ. އަވަހަށް ތައުބާވާށެވެ. ތައުބާވުމުން ނުފުއްސަވާނެ ފާފައެއް ނެތެވެ.  

ދެން ބުނެލަން އޮތީ ފާފަ ފުއްސަވައިދެއްވަވާނެ ކަމަށް ޔަޤީންކޮށްގެން ހަމައެކަކުވެސް ފާފަނުކުރާށެވެ! އެއީ ވަރަށް އަދަބު ކުޑަ ގޮތެކެވެ. އަދި ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިނުވެވޭކަން އަންގައިދޭ ކަމެކެވެ. އެހެނީ އެއްވެސް މީހަކު ކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާނެ ކަމާއި އަދި ކުރާ ފާފަތައް ފުއްސަވައިދެއްވަވާ ކަމުގެ ޔަޤީންކަން ހަމަ އެކަކަށްވެސް ނެތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. މިހެން ބުނަން ޖެހެނީ ފާފަކުރުމާއި ކުރެވުމަކީ ތަފާތު ދެކަމަކަށްވާތީއެވެ.  

އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ. ޝިރުކުކުރި މީހާވެސް ދުނިޔޭގައި ހުރެ އެކަމަށް ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވައިފިނަމަ ފާފަ ފުއްސަވައި ދެއްވަވާނެތެވެ. ފާފަ ފުއްސަވައި ނުދެއްވަވާނީ ޝިރުކުރުންމަތީގައި ހުއްޓައި މަރުވެއްޖެނަމައެވެ.  

ތިއަކުދިން ގާތު ތިއަކުދިންނަށް ކުރެވުނު ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށާއި ތައުބާވިޔަސް ކުރާނެ ފައިދާއެއް ނެތް ކަމަށާއި ދެން ރަނގަޅުވާނީ ފާފަކުރުންމަތީގައި ދެމިހުރުން ކަމަށް ބުނަނީ ޝައިޠޯނާއެވެ. އިންސާނަކު އެފަދަ ބަހެއް ބުނެފިނަމަ އޭނާއަކީ އިންސާނެއް ނަމަވެސް އޭނާއަކީ ޝައިޠޯނާގެ ބައިވެރިއެކެވެ. އިންސީންގެތެރޭގައި ހިމެނޭ ޝައިޠޯނެކެވެ. ނޫންނަމަ އެފަދަ ބަހެއް ނުބުނާނެއެވެ.

އޮނަސައްތަ އިސްމުފުޅުގައި ހިމެނޭ ﷲ ތަޢާލާގެ ނަންފުޅުތަކަށް ބަލާށެވެ! ފާފަ ބުފުއްސަވާ ރަސްކަލާނގެ ކަމަށް އޮތް އެއްވެސް ނަންފުޅެއް ނުއޮންނާނެއެވެ. އޮންނާނީ ގިނައިން ފާފަފުއްސަވާ އެންމެ ދީލަތިވަންތަ ރަސްކަލާނގެ ފަދަ ނަންފުޅުތަކެވެ. ވީމާ އެއްވެސް ފާފައެއް ނުފުއްސަވާނެކަމަށް ޤަބޫލުކުރުމަކީ ކުރެވުނު ފާފައަށްވުރެ މާބޮޑު ފާފައެކެވެ. އަހުރެންގެ ގާތުގައި އެންމެ ބޮޑު ފާފައަކީ އެއީއެވެ. ފާފަ ނުފުއްސަވާނެކަމަށް ޤަބޫލުކުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން