މާޔޫސްނުވާށެވެ! އެއްވެސް މީހަކަށް ތަކްލީފެއް ޖެއްސެވުމަށްފަހު ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މާޔޫސްނުވާށެވެ! އެއްވެސް މީހަކަށް ތަކްލީފެއް ޖެއްސެވުމަށްފަހު ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވަތެވެ!

މީސްތަކުންނޭވެ! މީހަކަށް ކުރެވޭ ކަމަކުން ތަކުލީފެއް އުފުލަން ޖެހުނު ނަމަވެސް އަދި އިމްތިޙާންކުރެއްވެވުމަށްޓަކައި ތަކްލީފެއް ޖެއްސެވުމަށްފަހު ނަމަވެސް ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވައެވެ. އެކަމުގައި އަމަލުކުރާ ގޮތް ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައިވޮޑިގެންވެއެވެ. ވީމާ އަހަރެމެންނަށް އޮތީ ތަކްލީފަށް ކެތްތެރިވުމެވެ. ކެތްތެރިކަމާއިއެކު ސާބިތުވެ ހުރެ އެކަމަކުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާ ކުރުމެވެ.  

އެއްވެސް މީހަކަށް ތަކްލީފް އުފުލަން ޖެހުމުން އެކަމާއިމެދު ޝަކުވާކުރާނަމަ އެއީ ފަހަތަށް އަޅާ ފިޔަވަޅެކެވެ. އެކަމުން އެނގެނީ އެމީހާގެ އީމާންކަން ފުރިހަމަނުވާކަމެވެ. ކީރިތި ޤުރްއާން ޤަބޫލު ނުކުރެވޭ ކަމެވެ. އެހެނީ ޝަކުވާކުރާ މީހާ އެވަނީ މިއާޔަތް ހަނދާން ނެތިފައެވެ. ނުވަތަ އޭނާއަށް އެވަނީ މި އާޔަތް ޤަބޫލު ނުކުރެވިފައެވެ.

"ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ...." (ބަޤަރާ: 286)  

ފަހަރެއްގައި ތިމާއަށް އުޅެން ޖެހިފައި މިވަނީ އެންމެ ދަތިޙާލުގައި ކަމަށްވެސް ހީކުރެވިދާނެއެވެ. ނަމަވެސް މަގުމައްޗަށް ގޮސް ބަލައިލުމުން ތިމާއަށް މި ޤަބޫލުކުރެވެނީ އެންމެ ރަނގަޅަށް ނޫންކަން އިޙްޞާބް ކުރެވޭނެއެވެ.

ބައެއް މީހުންނަށް 6 އަކުރުގެ އަދަދުތަކުން މުސާރަ ނުލިބޭތީ ތިމާއަށް އުޅެން ޖެހިފައި މިވަނީ ވަރަށް ދަތިޙާލުގައި ކަމަށް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް އިމާރާތް ކުރަމުންދާ ތަނަކަށް ގޮސް ނިކަން ބަލައިލަބަލާށެވެ! އުނަގަނޑުގައި ފޮތިގަނޑެއް އައްސައި އެ ފޮތިގަނޑުގެ ތެރެއަށް ތުއްތު ދަރިފުޅުލައިގެން ބޮލުގައި ސިމެންތި އާއި ހިލަ އުފުލާ މީހުން ފެންނާނެއެވެ. އެހައި ބުރަ މަސައްކަތްކުރުމުން ލިބޭ ލާރިކޮޅުން ހަމައެކަނި ބަނޑުހައިކަންވެސް އޮންނަނީ ނުފިލައިފައެވެ.  

ވީމާ ތަކްލީފެއް އުފުލަން ޖެހުމުން ޝަކުވާ ނުކުރާށެވެ! އެއީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. ކުރިއަށް ދެވޭނީ ފަހަތަސް ފިޔަވަޅު  ނުއަޅައި ކުރިއަށް ދާން މަސައްކަތް ކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން