އެމީހާއަކީ ދުނިޔޭގައި އެމީހާ އުޅުނުއިރު ކިތަންމެ ނުބައިކޮށް އުޅުނު މީހެއް ނަމަވެސް އެއްވެސް މުސްލިމަކު މަރުވުމުން އޭނާއަށް އެއްޗެތި ނުގޮވާށެވެ! ނުބައިބަސްތައް ނުބުނާށެވެ! އެހެނީ އެމީހާ މަރުވި ޙާލަތު މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. މަރުވުމުގެ ކުރިން ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވާފައިވާ މީހަކަށް ވެދާނެތީއެވެ. އެކަން އަހަރެމެންނަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ!
ދުނިޔޭގައި ނުބައިކޮށް އުޅުނު މީހުންގެ ވާހަކަ ދައްކަންވާނީ އެހެން މީހުންނަށް އެކަމުން ޢިބްރަތެއް ޙާޞިލުކުރެވެން އޮތް ނަމައެވެ. އެހެން މީހުންނަށް ފިލާވަޅަކަށްވެ ފައިދާ ކުރާނެ ކަންތައްތަކެއް އެވާހަކަތަކުގައި ހިމެނޭނަމަ ހަމައެކަނި އެކަމުގެ ބޭނުމުގައެވެ.
ނުބައި ނުލަފާ މީހުން ދުނިޔޭގައި އުޅޭއިރު އެމީހުންނަށް ބިރުގަންނަން ޖެހެއެވެ. ސަމާލުކަންވެސް ދޭން ޖެހއެވެ. އެއީ އެމީހެއްގެ ކިބައިން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށާއި އަދި އެހެން މީހުން ސަލާމަތްކުރުމަށެވެ. މަރުވުމުން އެމީހަކަށް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. މީހަކަށް ދެވޭނެ އެއްވެސް ގެއްލުމެއްވެސް ނުއޮންނާނެއެވެ.
ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. އަދި މަރުވާ ވަގުތުން ފެށިގެން ދުނިޔޭގައި އެމީހަކު ކުރި ކަންކަމުގެ ރަހަ އެމީހަކަށް ލިބެންފަށާނެއެވެ. ރަނގަޅުގޮތުގައި ދުނިޔޭގައި އުޅެފައިވާނަމަ އެކަމުގެ އުފާވެރިކަން ލިބޭނެއެވެ. ނުބައި ގޮތުގައި ދުނިޔޭގައި އުޅެފައިވާނަމަ އެކަމުގެ ނުބައިކަންވެސް އެމީހަކާއި ބައްދަލުކުރާނެއެވެ.
އެއްވެސް މީހަކާއިމެދު ﷲ ތަޢާލާ ކަންކަން ނިންމަވާނެ ގޮތެއް ނުއެނގޭނެއެވެ. ވީމާ މީހަކު މަރުވެއްޖެ ނަމަ އެހިސާބުން އެމީހަކަށް އެއްޗެތި ގޮވުން ހުއްޓައިލާށެވެ! އެގޮތް މާފައިދާ ބޮޑެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން