ތިމާ ދަތިޙާލުގަހުރެވެސް މައިންބަފައިންނަށް އެހީތެރިވާ މީހުންނަށް ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ތިމާ ދަތިޙާލުގަހުރެވެސް މައިންބަފައިންނަށް އެހީތެރިވާ މީހުންނަށް ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެ! އިން ޝާ ﷲ

ފުރަތަމަވެސް ވިސްނާލަންވީ ދަތިޙާލުގައި ތިބި މީހުންގެ ބޭނުންތައް ފުއްދައިދޭ މީހާއަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ވޮޑިގެންވާކަމެވެ. ދެން ވިސްނާލަންވީ އެހެންކަމަށްވާއިރު މައިންބަފައިންނަށް އެހީތެރިވާ މީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެން ރަޙްމަތް ލައްވަވާނެ މިންވަރަށެވެ. ނަމަވެސް އެކަމަށް ވިސްނަނީ މަދުމީހެކެވެ.  

ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. ތިބާ މީހަކަށް ދަރައި އޮތީއެވެ. އެހެންވެ އެމީހާ ތިބާ ހޯދަން ފަހަތުން ހިނގާތީ އޭނާއަށް އޮތް ދަރަނި އަވަހަށް އަދާކުރަނީއެވެ. މައިންބަފައިން ތިބީ ކައިގެންތޯވެސް ބަލައިނުލައެވެ. 

ބުނަން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް މައިންބަފައިންގެ ޙައްޤުތައް ފުރިހަމަކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް ފުރިހަމަކޮށްދޭށެވެ. ނުކައި ހުންނަނީ ތިބާ ކަމަށްހަދާފައިވެސް މައިންބަފައިންނަށް ކާންދޭށެވެ! ތިބާގެ ދަރަނި އަދާކުރެވޭނެ ގޮތަކާއި އެހެން ބޭނުންތައް ފުދޭނެ މަގެއްވެސް ދައްކަވާނެތެވެ. އިން ޝާ ﷲ  

ކިތަންމެ ކުޑަކުޑަ ނަމަވެސް ދަތިއުނދަގޫކަމެއް ކުރިމަތިވި ނަމަވެސް ބައެއް މީހުން އެންމެ ފުރަތަމަ ކުރާ އެއްކަމަކަށް ހަދަނީ މައިންބަފައިންނާއި ދުރުހެލިވުމެވެ. މައިންބަފައިންނާއިމެދު ފަރުވާ ކުޑަކުރެވުމެވެ. ނަމަވެސް އެއީ ވަރަށް ނުބައިކޮށް ކުރެވޭ ކަމެކެވެ.  

މުޞީބާތްތައް އިތުރުވާވަރަކަށް މައިން ބަފައިންނަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އަޅައިލާ މިނަވރު ބޮޑުކުރާށެވެ! އެކަން ވެގެންދާނީ މުޞީބާތްތަކުން އަރައިގަތުމަށް ލިބޭ ރަނުގެ ފުރުޞަތަކަށެވެ. މައިންބަފައިންނަށް ލޯބި ދިނުމާއި އެހީތެރިކަން އިތުރުކުރުމުން އެމީހަކަށް ކުރިމަތިވެފައިވާ މުޞީބާތުން އަރައިގަތުމަށް މަގުފަހިވެގެންދާކަން އެއީ ގިނަ ބައަކު ކޮށްފައިވާ ތަޖުރިބާއެކެވެ.  

މުޞީބާތެއް ކުރިމަތިވުމުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރުމަށެވެ. އެގޮތުން ބެލި ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އަޅައިލުމަކީ އަދި ލޯބި ދިނުމަކީ އެކަންކަމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ކަންކަމުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ. އަދި އެންމެ ފަސޭހައިން ކުރެވެން އޮތް ވެސް އެއްކަންތަކެވެ.  

ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދޭ މީހާ އެންމެ ހިނދުކޮޅަކަށްވެސް މައިންބަފައިންނާއި ދުރުވެގެން ނުވާނެއެވެ. މާނައަކީ މައިންބަފައިންނަށް ލޯބި ދިނުމާއި އަޅައިލުން ދިނުމާއި އެހީތެރިވުން ފަދަ އެއްވެސް ކަމެއް ކުރުން ހުއްޓާލައިގެން ނުވާނެއެވެ. އެކަމަށް ފަރުވާކުޑަކޮށްގެން ނުވާނެއެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަންތައް ކަމުގައި ދެކެމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން