އެންމެ ރެއަކުވެސް ނިދުމުގެ ކުރިން 3 ކަމަކަށް އެދިގެން ދުޢާކުރަންޖެހެއެވެ.
ފުރަތަމަކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުގެންދެވުމެވެ. އަދި މަރުވުމަށްފަހު ޞާލިޙް އަޅުންނާއިއެކުގައި ލެއްވެވުމެވެ.
ދެވަނަ ކަމަކީ ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވައި ކުރެވުނު ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ކުރެއްވެވުމެވެ.
ތިންވަނަ ކަމަކީ ނަރަކައިން މިންޖުކޮށްދެއްވެވުމެވެ.
"ޔާ ﷲ! އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މިއަޅާގެ ފުރާނަ ނުގެންދަވާނދޭވެ! އަދި މަރުވުމަށްފަހު ޞާލިޙް އަޅުންނާއިއެކުގައި މިއަޅާ ލައްވަވާނދޭވެ!
ޔާ ﷲ! މިއަޅާއަށް އެނގިގެންނާއި ނުއެނގި ކުރެވިފައިވާ ހުރިހާ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އަދި މިއަޅާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ ނަރަކައަށް ނުވައްދަވާނެ އަޅުންގެތެރޭގައި މިއަޅާ ލައްވަވާނދޭވެ! ނަރަކައިގެ ހޫނުކަން ޛައްރެއްގެ މިންވަރަށްވެސް މިއަޅާގެ ގައިގަ ނުބީއްސަވާނދޭވެ! އާމީން!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަރުވާނީ މިރޭ ނޫންކަމެއްވެސް ނުއެނގެއެވެ. މަރުވުމުން ސަލާމަތްކަން ލިބެން އޮތީ މިދުޢާގައި ހިމެނޭ ކަންކަން ލިބިގެންނެވެ. ވީމާ މިދުޢާނުކޮށް ނުނިދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން