ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ދިމާވުމުން ތިމަންނަ މިހިރީ ﷲ ތަޢާލާއަށް ވަކީލްކޮށްގެން ކަމަށް ގިނަ ބައަކު ބުނެއެވެ. ނަމަވެސް ސުވާލަކީ ވަކީލްކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަކޮށްފިން ހެއްޔެވެ؟ ތިމާއަށް މިހުރެވެނީ އެޙާލަތުގައި ހެއްޔެވެ؟
ވަކީލްކުރާކަމަށް ބުނަންވާނީ އެކަމެއް ޙާޞިލްކުރަން ނުވަތަ ކާމިޔާބުކުރަން ތިމާއަށް ކުރެވެން ހުރި ހުރިހާ ކަންކަން ކުރުމަށްފަހުގައެވެ. އަދި އެކަމެއް ކުރުމުގެކުރިން ތިމާކުރަންޖެހޭ ކަންކަން ކޮށްގެންހުރެއެވެ.
މިޘާލަކަށް ކައިވެންޏަށް ބަލާށެވެ! ކައިވެނިކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް އެބަހުއްޓުވެ. އޭނާގެ ދީންވެރިކަމެވެ. ތަޤްވާވެރިކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މިންވަރެވެ. އެހެންކަމާއިއެކުވެސް މިއިން އެއްވެސް ކަމަކަށް ނުބަލައި ކައިވެނިކުރުމަށްފަހު ކައިވެނީގައި (ދެމީހުންގެ މެދުގައި) މައްސަލަޖެހުމުން ތިމަންނާ މިހުރީ ﷲ ތަޢާލާއަށް ވަކީލްކޮށްގެން ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
އިބްރާހީމްގެފާނަށް ބަލާށެވެ! މީސްތަކުންނަށް ދީނަށް ގޮވާލެއްވުމަށް ނުކުރައްވަވާ މަސައްކަތްޕުޅެއް ނެތެވެ. އެންމެފަހުން އެމީހުން އަޅުކަންކުރަން ގެންގުޅޭ ބުދުވެސް ތަޅުއްވަވައިލެއްވެވިއެވެ. ނަތީޖާއެއްގެ ގޮތުން އެބިޔަ ބޮޑު އަލިފާންގަނޑަށް އެއްލާލަން އުޅުނު ވަގުތު ﷲ ތަޢާލާއަށް ވަކީލްކުރެއްވެވިއެވެ.
ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެބިޔަ ބޮޑު އަލިފާންގަނޑު އެމީހުން ހިތްފުރޭވަރުވަންދެން އެންދިއިރު އިބްރާހީމްގެފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވައެވެ. ﷲ ތަޢާލާގެ ރަނަވަސް ރަޙްމަތްފުޅުގައި އެންމެ ހެޔޮޙާލުކޮޅުގައި ސަލާމަތުން ހުންނެވީއެވެ.
މީސްތަކުންނޭވެ! ވަކިކަމެއްގައެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލްކުރުމަކީ މިބަޔާންކުރިމަގުން ކުރަންޖެހޭ ކަމެކެވެ. މީގެމާނައަކީ ޝަރުޠު ފުރިހަމަ ނުކުރެވޭނަމަ މާޔޫސްވުމެއްވެސް ނޫނެވެ. މިބުނާ ވާހަކައަކީ ކޮންމެ ކަމެއް ކުރުމުގެކުރިންވެސް ﷲ ތަޢާލާއަށް ވަކީލްކުރަން ތިމާ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މުހިންމުކަން ބޮޑުވާހަކައެވެ. އެއީ އެކަމަކުން ސަލާމަތްވުމަށް ނުވަތަ އެޙާލަތުން އަރައިގަތުމަށް ތިމާއަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން