ގޮތްނުއެނގޭ މީހުން ތަޖުރިބާކުރަން އުޅުމުން ލިބޭނީ ދެރަ! ފައިދާކުރާނީ އިޚްލާޞްތެރިކަން ޔަޤީންކުރެވޭ ވަފާތެރި ބައިވެރިޔާ އާއިއެކު ދިރިއުޅުނީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ގޮތްނުއެނގޭ މީހުން ތަޖުރިބާކުރަން އުޅުމުން ލިބޭނީ
ދެރަ! ފައިދާކުރާނީ އިޚްލާޞްތެރިކަން ޔަޤީންކުރެވޭ ވަފާތެރި ބައިވެރިޔާ އާއިއެކު
ދިރިއުޅުނީމަ!


ބައްދަލުވި ލޯބިވެރިޔާ ގިނައިން ހިނިތުންވެދާނެއެވެ. ބޮޑަށް ފިރުމައިވެސްފާނެއެވެ. ނަމަވެސް އެއީ ޙަޤީޤަތްކަން އެނގޭނީ އެކުގައި އުޅެން ފެށުމުންނެވެ. މިއީ ގިނަބައަކަށް ސަމާލުކަން ނުދެވޭ ކަމެކެވެ. ކައިވެނި ރޫޅެން މެދުވެރިވާ ސަބަބެއްވެސްމެއެވެ.  

ގިނަ ބައެއްގެ ޒަވާޖީ ޙަޔާތް ފޭލްވެގެންދަނީ ބައިވެރިޔާގެ ކަންކަން ބަލަހައްޓަންވެގެން ގެންގުޅޭ ޗެކްލިސްޓްގައި ފާހަގަލެވޭ ގޮތުންނެވެ. އެންމެ ކަމެއް ގޯސްވާއިރަށް ހުރިހާ ގޮޅިއެއްގައި ނުބައި ފާހަގަލެވޭތީއެވެ! ޗެކްލިސްޓުގައި ބަރާބަރަށް ތެދުވެރިކަމާއެކު ފާހަގަލައިގެން ނޫނީ ނަތީޖާއެއް ނުލިބޭނެއެވެ!  

ތިބާއާއިއެކުގައި ހުރި ބައިވެރިޔާގެ ހުރި "ޕްލަސް، މައިނަސް" (ރަނގަޅާ ނުބައި) ޕޮއިންޓްތައް ތިބާއަށް ރަނގަޅަށް އެނގޭނެއެވެ. ޔަޤީންވެސް ކުރެވޭނެއެވެ. އެކަމަށް ނުބަލައި ދެން ގެންނަ ބައިވެރިޔާގެ "ޕްލަސް، މައިނަސް" އެނގޭއިރު ގިނަފަހަރު އޮންނަނީ ފަހުން ގެނެވުނު ބައިވެރިޔާގެ މައިނަސް (ނުބައި ކަންތައްތައް) މާގިނަވެފައެވެ. ނަތީޖާއަކަށްވަނީ އިތުރު ހިތްދަތިކަމުގައި ޙަޔާތް ހޭދަކުރަންޖެހުމެވެ.

އަހަރެން ގާތު މީހުން ދައްކާ ވާހަކަތަކުން އެނގޭ ގޮތުގައި ގިނަ ބައަކަށް އޮންނަނީ ޒަވާޖީ ޙަޔާތް ރޫޅައިލެވި، އެކުގައި ހުރި ބައިވެރިޔާ ދޫކޮށްލެވުނީތީ ހިތާމަކުރަން ޖެހިފައެވެ. ވީމާ ދިރިއުޅުމުގެ ޙަޔާތަށް އެންމެ ފުރިހަމަ ބައިވެރިއަކު ނުލިބިގެން ކަންބޮޑުނުވާށެވެ!

ކަންބޮޑުވާންވީ ލިބިފައިވާ ހުރިހާ ކަމަކުން އެންމެ ފުރިހަމަ ބައިވެރިޔާ ގެއްލިދާނެތީއެވެ. އެއީ ﷲ ތަޢާލާއެވެ. ތިބާ ﷲ ތަޢާލާ އާއިއެކުގައި ވުމުން ﷲ ތަޢާލާ ވޮޑިގެންވާނީ ތިބާ އާއިއެކުގައެވެ.

ތިބާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ ހަޔާތުގެ ބައިވެރިޔާ އާއިމެދު ވެސް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ތިބާއަށް ބޭނުންވާނެ ހުރިހާ ކަންކަމެއް ﷲ ތަޢާލާ ގެންދަވާނީ ފުރިހަމަކޮށްދެއްވަވަމުންނެވެ.  

ގަދަ އަޅައި މަސައްކަތް ކުރަންވީ ތިމާގެ އަމަލުތައް ސީދާ ކުރުމަށެވެ. އެކަން ކުރެވޭނީ ހިތް ސީދާ ކުރެވިގެންނެވެ. ހިތް ސާފުކުރެވިގެންނެވެ. މިކަންކަމުގެ ތަޅުދަނޑިއަކީ ހަމަ ޢަޤީދާ ވަރުގަދަކުރުމަށެވެ. ހަރުދަނާ ޢަޤީދާއެއްގެ މަތީގައި ސާބިތުވެވިއްޖެ ނަމަ ދެން ހުރި ހުރިހާ ކަމެއް ކުރިއަށް ދާނީ ސީދާ ގޮތުގައެވެ.  

ދުނިޔޭގައި ހުރިހާ ކަންކަން އެންމެ ފުރިހަމަވުމަށް ނުއެދޭށެވެ! ދަތި އުނދަގުލާއި ހިތްހަމަ ނުޖެހުމުގައި ދިރިއުޅެން ޖެހުމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް ކަމަށް އަބަދުވެސް ބުނަނީ އެކަމުން ލިބެން އޮތް ފައިދާ ހަމަ ބޮޑުކަމުންނެވެ.

ޙަޔާތުގެ ހުރިހާ ކަންކަން އެންމެ ފުރިހަމަވެއްޖެނަމަ ﷲ ތަޢާލާގެ މަތިން ހަނދާން ކުރެވުން މަދުވާނެއެވެ. ﷲ ތަޢާލާ އާއި ބާއްވަން ޖެހޭ ގުޅުންވެސް ކުޑަކުރެވޭނެއެވެ. ވީމާ ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރި ކުރައްވަވަނީ ތިބާ ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާތީކަން ޔަޤީންކުރާށެވެ! ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވާއިރަށް ޙަޔާތުގެ ބައިވެރިޔާ ބަދަލުކުރުމުގެ ވިސްނުން ދޫކޮށްލާށެވެ! އެއީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

 --އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން