ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވުމުން ޝަކުވާކުރެވެއެވެ. އެކަމަކު އެކަމުގައި ތިމާގެ އިހުމާލު އޮތް މިނަވަރާއިމެދު ވިސްނައިލެވެނީ ވަރަށް މަދު މީހަކަށެވެ. މިއީ އިންސާނުންގެ ކިބައިގައި ހުންނަ އެންމެ ބޮޑު އުނިސިފައެކެވެ. ވީމާ އިތުރަށް ވިސްނައިލަމާ ހިނގާށެވެ!
އެއްބައަކު ޝަކުވާކުރަނީ ބުރަކޮށް މަސައްކަތްކޮށް އަހަރުތައް ފާއިތުވެގެންދާއިރުވެސް މަޤާމުގެ ކުރިއެރުން ނުލިބޭތީއެވެ. އަނެއް ބައަކު ޝަކުވާކުރަނީ ކުރާ މަސައްކަތުން އެކަށީގެންވާ މަންފާއެއް ނުލިބޭތީއެވެ.
އެމީހުންނަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ވިސްނާށެވެ! ޝައިޠޯނާ ރޭގަނޑު ތިބާގެ ބޮލުގައި ޖެހިގޮށް ބޮލުގައި ބައިންދައިގެން، ތިބާގެ ކަންފަތަށް ޝައިޠޯނާ ކުޑަކަމު ގޮސްފައިހުރި ތަކެތި ކަންފަތުގައި ބަހައްޓައި ވަސްދުއްވަމުން ހިނގާއިރު ރަޙްމަތުގެ މަލާއިކަތުންނަށް އެކަންކަން ފެނިވަޑައިނުގަންނަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ގޮށްތައް ފެނިވަޑައި ނުގަންނަވާނެ ކަމަށާއި ކަންފަތުން އެނުބައިވަސް ނުދުވާނެ ކަމަށް ހީކުރަނީހެއްޔެވެ؟
އެހެންވީމާ ތިބާއަށް ރަޙްމަތް ލެއްވެވުން އެދި މަލާއިކަތުން ދުޢާކުރައްވަވާނީ ކިހިނަކުން ހެއްޔެވެ؟ އަދި ތިބާ ދުޢާކުރިޔަސް އެދުޢާއަށް މަލާއިކަތުންނަށް އާމީން ވިދާޅުވެވޭނީ ކިހިނަކުންހެއްޔެވެ؟
މިހުރިހާ ކަންކަމަށް އޮތް ޙައްލު ވަރަށް ފަސޭހައެވެ. ކުރަން އޮތީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެއީ ފަތިސްނަމާދުކުރުމެވެ. ފަތިސްނަމާދުކުރުމުން މިބުނި ކަންކަމުން ސަލާމަތްވެވޭނެއެވެ. ތިބާގެ ބޮލުގައި ޝައިޠޯނާ ޖެހި ގޮށްތައްވެސް މޮހެވިގެންދާނެއެވެ. އަދި ތިބާގެ ކަންފަތަށް ޝައިޠޯނާ އަޅާފައި ހުރި އޭތީގެ ކުޑަކަމުދާ ތަކެތިންވެސް ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ
ހިތާމައަކީ މިކަންކަން އެނގިތިބެވެސް ފަތިސްނަމާދު ނުކުރެވޭ ކަމެވެ. ފަތިސްނަމާދުން ދުވަސް ނުފަށައި ﷲ ތަޢާލާގެ ރަހްމަތަށް އެދެވޭކަމެވެ. ވީމާ ތަރުތީބު ބަދަލުކޮށްލަމާ ހިނގާށެވެ! ފުރަތަމަ ކަމަކަށް ފަތިސްނަމާދުކޮށް ފަތިސްނަމާދުން ދުވަސްފަށައި ދެން ތިމާ އެދޭ ކަންކަމުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދަމާ ހިނގާށެވެ! ކާމިޔާބު މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން