މިސްކިތްތަކުގައި ފޯނު ރިންގވުން މިވަނީ ވަރަށްބޮޑު މައްސަލައަކަށް ވެފައެވެ. ފަރުޟް ނަމާދެއް ނިމިގެންދާއިރު 2، 3 ފޯނު ރިންގނުވާ ނަމާދެއް ނެތް ކަމަށް ބުނެވޭހައިވެސް އެކަން ގިނަވެއްޖެއެވެ. ވީމާ އެދެނީ އެކަމުގެ
ސަބަބުން ތިމާ ފާފަވެރިވުން ހުއްޓައިލުމަށެވެ. ފޯނާއިމެދު ސަމާލުވުމަށެވެ. މިކަމަށް ހޭލުންތެރިކުރުވުމަށް ކުރިންވެސް ވާނީ ވަރަށް ގިނަ ފަހަރުމަތިން ލިޔުންތައް ޝާއިޢުކޮށްފައެވެ. އަދިވެސް ޝާއިޢުމިކުރަނީ މިބޮޑު މައްސަލައެއް ޙައްލެއް ނުފެންނާތީއެވެ.
ސުވާލަކީ ނަމާދަށް ހުއްޓައި ފޯނު ރިންގުވާން ފަށައިފިނަމަ ދެން ހަދާނީ ކިހިނެއްޔެއްޔެވެ؟
- ޝެއިޚް މުޙައްމަދު ޣާލިބު
އާދެ، މީގަ އެންމެ ފުރަތަމަ އަޅުގަނޑުމެން ދަންނަންޖެހޭ ކަމަކީ ޢިލްމުވެރިން ބަޔާން ކުރައްވާފައިވޭ ފޯނު ގަސްދުގައި ސައިލެންޓަށް ނުލާ ބާއްވައިގެން މިސްކިތަށް ދިޔުން ހުއްދަ ނުވާނެ ކަމުގައިވެސް. ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވަނީ (އަރަބި) " ރަނގަޅު މުސްލިމަކީ އެއީ އެމީހެއްގެ ދުލާއި އަދި އަތުގެ ނުބައިކަމުން، މާނައަކީ އެމީހެއްގެ ޢަމަލުތަކުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތް ވެގެންވާ މީހާއެވެ."
އެހެންމަ ފޯނު ސައިލެންޓަށް ނުލާ އޮއްވައި މިސްކިތަށް ގޮސް، އޭތި ރިންގުވާން ފަށައިގެން، އޭގެ ސަބަބުން އެހެން މީހުންނަށް އުނދަގޫ ވީމަ، އެއީ އަޅުގަނޑުމެންނަށް ކުރެވޭ ނުބައި ކަމެއްގެ ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘް އަށް އެކަނި ބަލައިލިކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އެނގިގެންދެއެވެ.
އަދި އެހެން ފަހަރެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގެ އަދަބުތައް އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވާ ދަސްކޮށްދެއްވަމުން ޙަދީޘް ކުރައްވާފައިވަނީ (އަރަބި) " މީހެއް އަތުން އެއްޗެއް ގެއްލިގެން އެމީހަކު އެ ގެއްލުނު އެއްޗެއްގެ ވާހަކަ މިސްކިތުގައި "ތިމަންނަ މިވެނި އެއްޗެއް ގެއްލިއްޖެއޭ " ކިޔާ މިސްކިތުގައި އެކަން އިޢުލާނު ކުރާ އަޑު އިވިއްޖެ ކަމުގައި ވާނަމަ ތިޔަބައި މީހުން ބުނާށެވެ. (އަރަބި) "ތިބާއަށް އޭތި ރައްދު ނުކުރައްވާށިއެވެ." އެމީހާއަށް އެކަން ނުވާން ދުޢާ ކުރަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައި ވަނީ. އެއީ ކީއްވެގެންކަން ބަޔާން ކުރައްވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއަށްފަހުގައި ޙަދީޘް ކުރައްވަނީ (އަރަބި) " އެހެނީ މިސްކިތްތައް ބިނާ ކުރެވިފައިވަނީ ތިކަމަށްޓަކައެއް ނޫނެވެ."
އެހެންމަ އެއީވެސް މިސްކިތާއި ނުގުޅޭ ކަމަކަށްވާތީ، މިސްކިތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނަމާދުކޮށް އަޅުކަން ކޮށް ޤުރުއާން ކިޔަވާ، އެކަލާންގެ އާޔަތްތަކާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްތަކުގެ ވާހަކަތައް ދެކެވެންޖެހޭ ތަނަކަށް މިސްކިތްތައް ވާތީވެ، މިކަމާ ނުގުޅޭ ކަމެއް، މީހުން އަތުން ގެއްލޭ އެއްޗިހީގެ ވާހަކައާއި، ދުނިޔަވީ ކަންތައްތަކާއި އަދި ވިޔަފާރިއާއި މިފަދަ ކަންތައްތަކަކީ މީ މިސްކިތާ ގުޅުން ހުރި ކަމަކަށް ނުވާތީވެ އެފަދަ އަޑުތައްވެސް މިސްކިތުން އިވުން އެއީ އިންކާރު ކުރެވެންޖެހޭ ކަމެއްގެ ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޙަދީޘްގައި ބަޔާން ކޮށްދެއްވާފައި ވަނީ.
އެމީހާގެ ވަރަށް މުހިއްމު ކަމެއް އެއީ. އެހެންނަމަވެސް މިސްކިތުތެރޭގައެއް ނޫން އެވާހަކަ ދައްކާނީ، މިސްކިތުން ބޭރުގަ އެވާހަކަ ދެއްކިދާނެ. މިސްކިތުން ބޭރުގަ އެވާހަކަ ދެއްކުމަކީ މުހިއްމު ކަމެއް. އެހެންނަމަވެސް މިސްކިތުގައި މިވާހަކަ ނުދައްކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވުމުން އަޅުގަނޑުމެންނަށް އެނގިގެން ދަނީ އަދި އަމުދުން ފޯނުގެ އަޑުފަދަ އަޑުތައް މިސްކިތުން އިވިގެން ނުވާނެކަން.
އެހެންމަ، މިފަދަ ޙަދީޘްތައް މިހެން އައިސްފައި ވާތީ ޢިލްމުވެރިން ބަޔާން ކުރައްވަނީ ފޯނު ސައިލެންޓަށް ނުލާ ގަސްދުގައި އެގޮތަށް ބާއްވައިގެން މިސްކިތަށް ވަނުންވެސް ހުއްދަ ނުވާނެ ކަމުގައެވެ. އަދި މިޔުޒިކް ހުންނަ ރިންގުޓޯނެއް ފޯނުގަ ހުރެއްޖެކަމުގައި ވާނަމަ އެކަމުގެ ނުބައިކަން އިތުރުވެގެން އެބަދޭ.
އެހެނީ ޞަހާބީ ބޭކަލުންވެސް މިޔުޒިކް ސިފަ ކުރައްވާފައިވަނީ (އަރަބި) " ޝައިޠާނާގެ ދުންމާރީގެ ގޮތުގައެވެ." އަދ އަޅުގަނޑުމެންނަށް މިޔުޒިކް ހަރާމްކަން އިނގޭ އެތައް ބައިވަރު އާޔަތްތަކާއި ޙަދީޘްތަކުގެ ދަލީލުތައް ލިބެން އޮތް އިރުގައި ޝައިޠާނާގެ ދުންމާރީގެ އަޑު މިސްކިތުގެ ތެރެއިން އިވުމަކީ މީ އެކަމުގެ ނުބައިކަން އިތުރުވެގެން ދާނެ ކަމެއްކަން ޢިލްމުވެރިން ބަޔާން ކުރައްވަނީ.
އެހެންކަމުން މިޔުޒިކް ހުންނަ ރިންގުޓޯނެއް ފޯނުގަ ބެހެއްޓުން އާއްމު ހާލަތުގައިވެސް އަޅުގަނޑުމެން ދުރުހެލިވާން ޖެހޭކަމެއް، އަދި އެ އަޑު މިސްކިތުން އިވިއްޖެކަމުގައި ވާނަމަ އެކަމުގެ ނުބައިކަން އިންތިހާއަށް ބޮޑުވެގެން ދާކަން އަޅުގަނޑުމެން ދަންނަން އެބަޖެހެއެވެ.
އާދެ މިކަމުގެ ސީރިއަސްކަން ބަޔާންކޮށްދެއްވާ އައްޝައިޚް މުޙައްމަދު ޞާލިޙު އަލް މުނައްޒިދު ޙަފިޒަހުﷲ ބަޔާން ކުރައްވާ ވިދާޅުވެފައިވޭ (އަރަބި) " ފޯނުގެ ރިންގްޓޯނުގެ ގޮތުގައާއި ފޯނުން އިވޭ އަޑުގެ ގޮތުގައި މިޔުޒިކް ހުންނަ އެކި ކަހަލަ ރިންގްޓޯނުތަކާއި އަޑުތައް ބޭނުން ކުރުމަކީ މީ (މުންކަރު ވަ މުޙައްރަމް) މުންކަރާތެކޭ، އަދި ޙަރާމް ވެގެންވާ ކަމެކެވެ." (އަރަބި) " އަދި މިކަމުގެ ނުބައި ކަމާއި ހުތުރުކަމާއި ފާފައިގެ ބޮޑުކަން އިތުރުވެގެން ދެއޭ، މިޔުޒިކްގެ މި އަޑުތައް މިސްކިތުގެ ތެރެއިން އިވޭކަމުގައި ވާނަމަ" އޭގެ ނުބައިކަން އަދި އިތުރުވެގެން ދެއޭ ޝެއިޚް ވިދާޅުވަނީ. އެއަށްފަހު ވިދާޅުވަނީ (އަރަބި) " އެހެނީ އެކަމުގެ ނުބައިކަން އިތުރު ވެގެން އެދަނީ އެއީ މާތްވެގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގެކޮޅުތައް ކަމުގައިވާ މިސްކިތްތަކުގެ ތެރޭގައި އެ ނުބައި ބާތިލު އަޑުތައް އިޢުލާން ކުރެވިގެން ދާތީ، އެންމެންނަށް އިވޭނެގޮތަށް އެކަމުގެ އަޑުތައް އިވިގެން ދާތީ.
މީހަކު އެކަނިމާއެކަނި އެއާޕޮޑްސް އެއް އެއްޗެއް ޖަހައިގެން މިސްކިތުގެ ތެރޭގައި ،މިޔުޒިކްގެ އަޑު އެހި ކަމުގައި ވިޔަސް އެއީވެސް އެހާ ނުރައްކާތެރިކަމެއް. އަދި ކިހިނެއްތޯ ވާނީ އެއަޑު އެންމެނަށް އިވޭ ކަމުގައި ވާނަމަ؟ އެންމެނަށް އިވޭނެފަދަ ގޮތަކަށް ފޯނުން އެ އަޑު އަންނަ ކަމުގައި ވާނަމަ އޭގެ ނުބައިކަން އަދި އިތުރުވެގެން ދާނެކަން ޝެއިޚް ބަޔާން ކުރައްވާފައިވެއެވެ.
އެހެންވެ ޝެއިޚް ވިދާޅުވަނީ (އަރަބި) " އެ ހާލަތުގައި އެކަމުގެ ނުބައިކަން އިތުރުވެގެން ދެއެވެ. އަދި ފާފަ ބޮޑުވެގެން ދެއެވެ." (އަރަބި) " އަދި އެންމެންނަށް ސާފުކޮށް އެނގެން އޮތް ކަމެކޭ އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޔުޒިކްގެ ޙަރާމްކަން ވަރަށް ޞަރީޙަކޮށް ދެމާނައެއް ނުނެގޭހާ ސާފުކޮށް އެކަން ބަޔާން ކޮށްދެއްވާފައި ވާކަން، މިއީ އެންމެންނަށް އެނގެންޖެހޭ ކަމެކެވެ. އެހެންމަ އެ އަޑުތައް މިސްކިތުގެ ތެރެއިން އިވުން އަދި އެއީ އިތުރަށް ނުރައްކާތެރި ނުބައިކަން ބޮޑު ކަމެއްކަން މީގެން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.
ދެން އެއަށް ފަހުގައި ސުވާލަކަށް އުފެދިދާނެ، އެކަމަކު ހަނދާން ނެތިގެން މީހަކަށް ހަމަ ފޯނު ރިންގް އޮފްކޮށް ނުލާ ބޭއްވުނީއެވެ. ދެން އެހާލަތުގައި ކިހިނެއްހޭ ހަދާނީ؟
އާދެ، ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ދަންނަންޖެހެނީ ހުރިހާ ހާލަތެއްގައިވެސް މިޔުޒިކް ހުންނަ ރިންގްޓޯންތައް ފޯނުން ދުއްވާލަންޖެހޭކަން، އެއްވެސް ހާލެއްގައި ބަހައްޓައިގެން ނުވާނެކަން. އަޅުގަނޑުމެން ދަންނަންޖެހޭ ދެވަނަ ކަމަކީ ނަމާދަށް ހުއްޓަ ފޯނު ރިންގުވާން ފަށައިފިކަމުގައި ވާނަމަ ނަމާދަށް ހުރެގެންވެސް ފޯނު ސައިލެންޓަށް ލާން އެބަޖެހޭ، އެހެން ނޫން ކަމުގައި ވާނަމަ އެހެންމީހުންގެ ނަމާދުގެ ޚުޝޫއަތްތެރިކަންވެސް އުނިވެގެން ދާނެ. އަދި އެހެން މީހުންނަށް އުނދަގޫ ކުރުމުގެ ފާފަވެސް އަޅުގަނޑުމެންގެ ބޮލުގަ އެޅިގެން އަންނާނެއެވެ. އެހެންކަމުން މިއީ ނަމާދަށް ހުރެގެންވެސް ކުރަންޖެހޭ ކަމެއްކަން ޢިލްމުވެރިން ވަނީ ބަޔާން ކުރައްވާފައެވެ.
އަދި އެކަން ކުރުމަށްޓަކާ މަދު ހަރަކާތެއް ކުރި ކަމުގައިވިޔަސް އެކަމުގެ ސަބަބުން ނަމާދު ބާޠިލް ނުވާނެކަން ޢިލްމުވެރިން ވަނީ ބަޔާންކުރައްވާފަ. މަދުހަރަކާތް މާނައަކީ އެމިހެއްގެ ފޯނު މިއޮތީޖީބުގައި. އެހެންމަ ޖީބުގެ ބޭރުން ފިތާލައިގެން ފޯނު ސައިލެންޓަށް ލީ ކަމުގައި ވިޔަސް ނުވަތަ އެކަން އެގޮތަށް ނުވަންޏާ ޖީބުން ފޯނު ނަގާފަ ފޯނު ސައިލެންޓަށް ލާފަ ދެން ޖީބަށް ލީ ކަމުގައި ވިޔަސް މީ މަދު ހަރަކާތެއްގެ ގޮތުގައި ބެލެވެނީ. އެކަން އެގޮތަށް ކޮށްގެން އެމީހެއްގެ ނަމާދު އަދި ބާޠިލެއް ނުވާނެއެވެ. އަދި އެހާލަތުގައި އެކަން ކުރަން ޖެހޭނެކަމުގައި ޢިލްމުވެރިން ވަނީ ބަޔާން ކުރައްވާފައެވެ.
އަދި އަޅުގަނޑުމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ބަލައިލައިފި ކަމުގައި ވާނަމަ ނަމާދުގެ މަސްލަހަތަށްޓަކައި ނަމާދުގެ ޚުޝޫއަތްތެރިކަން އިތުރު ކުރުމަށްޓަކައި ބައެއް ކަހަލަ އިތުރު ހަރަކާތްތައް އެކަލޭގެފާނު ކުރެއްވިކަން އެނގެން އެބައޮތް. އެގޮތުން އެކަލޭގެފާނުގެ ކާފަ ދަރިކަލުން އުމާމާ ބިންތް އަބިލް އާސް ރަޟިޔަﷲ ޢަންހާ އުރުއްވައިގެން އެކަލޭގެފާނު ނަމާދު ކުރެއްވިއެވެ. އެއީ އެކަމަނާ ތުއްޕުޅު އިރުގައި އެކަމަނާ ނޫރަ ބިންމަތީގައި ބަހައްޓައިފި ކަމުގައި ވާނަމަ ފަހަރެއްގައި ކީރިތި ކުރައްވަން ފަށައިގެން އެކަމުގެ ސަބަބުން ނަމާދުގެ ޚުޝޫއަތްތެރިކަމަށް ބުރު އަރާފާނެތީ. އެހެންވެ އެކަލޭގެފާނު މިހާލަތުގައި އިތުރު ހަރަކާތް އޭގަ އައިކަމުގައި ވިޔަސް ސަޖިދަ ޖައްސަވާ ކޮންމެ ފަހަރަކު އެކަމަނާ ބިންމަތީގައި ބަހައްޓަވާ، އަނެއްކާ ސަޖިދައިން ޤިޔާމަށް ތެދުވާ ކޮންމެ ފަހަރަކު އަނެއްކާ އަލުން ނަންގަވާ މި ހުރިހާ ކަންތައްތަކެއް ކޮންމެ ރަކުޢަތެއްގައި ކުރަން ޖެހިވަޑައިގެން ކަމުގައި ވިޔަސް އެކަލޭގެފާނު ނަމާދުގެ މަސްލަޙަތަށްޓަކާ، މާނައަކީ ނަމާދުގެ ޚުޝޫއަތްތެރިކަން އިތުރު ކުރުމަށްޓަކާ އެ ހާލަތުގައި އެކަން ކުރައްވާފައި ވަނީ. އަދި މިފަދަ އެކިއެކި އިތުރު ހަރަކާތްތައެ އެކަލޭގެފާނު ނަމާދުގެ މަސްލަޙަތަށްޓަކާ ކުރައްވާފައި ވާތީވެ ޢިލްމުވެރިން ބަޔާންކުރައްވަނީ އެކަން ކުރަން މަދު ހަރަކާތްތަކެއް ބޭނުންވާ ކަމުގައި ވާނަމަ މީހަކު ފޯނު އޮފްކޮށްލައިގެން އެމީހެއްގެ ނަމާދު ބާޠިލް ނުވާނެއެވެ.
އެހެންނަމަވެސް ނަމާދުގެ ޚުޝޫއަތްތެރިކަމަށް އަންނަ އުނުކަމުގެ ސަބަބުން އޭގެން ލިބޭ ޘަވާބާއި ދަރުމަ މަދުވެދާނެ، އެ ނަމާދު ބާޠިލް ނުވި ކަމުގައި ވިޔަސް. އެހެންމަ މީ އަޅުގަނޑުމެން ދަންނަން ޖެހޭ ކަމެއް.
ދެން އެންމެ ފަހު ކަމަކަށް އަޅުގަނޑުމެން ބަލާލަންވީ އެހެން މީހެއްގެ ފޯނު ރިންގުވާ އަޑު މިސްކިތުގެ ތެރޭގައި އަޅުގަނޑުމެންނަށް އިވޭ ކަމުގައި ވާނަމަ މިކަމާއި މެދު އަޅުގަނޑުމެން ކަން ކުރާނީ ކިހިނެއްތޯ؟
އާދެ، އަޅުގަނޑުމެން ދަންނަންވީ އަޅުގަނޑުމެން އެމީހާއަށް އެއްޗެހި ކިޔާތަނުން އަޅުގަނޑުމެންނަށް މާދަން ހަމަ އެކަން އެގޮތަށް ވެދާނެކަން. އަޅުގަނޑުމެންނަށްވެސް ހަނދާން ނެތިދާނެކަން. އެހެންވީމަ އެމީހާއަށް އެއްޗެހި ގޮވައިގަނެ، ދެވަނަ ދުވަހު އެމީހާ މިސްކިތަށް އަންނަން ބިރުގަންނަ ވަރު ކޮށްލުމުގެ ކުރިން އެކަން އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ.
ދެވަނަ ކަމަކަށް ރީތި ގޮތުގައި އެމީހަކަށް ނަސޭޙަތްތެރިވާންވެސް އެބަޖެހޭ. ރީތި ގޮތިގައި އެމީހަކަށް އެކަމުގެ ނުބައި ކަމާއި އެކަމުގެ ނުރައްކާތެރި ކަމާއި އެކަމުގެ ސަބަބުން އެމީހާއަށް ލިބެންއޮތް ފާފައާއި އަދި ހާއްސަގޮތެއްގައި މިސްކިތުގެ ތެރޭގައި އެކަން ދާކަމުގައި ވާނަމަ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަން ރީތިގޮތުގަ އެމީހަކަށް ބަޔާން ކޮށްދިނުމަކީ މިވެސް އަޅުގަނޑުމެން އެމީހާޔަށްޓަކާ ކޮށްދޭންޖެހޭ ކަމެއްކަން އަޅުގަނޑުމެން ދަންނަންޖެހޭ.
ތިންވަނަ ކަމަކަށް އެއީ އުމުރުން ދުވަސްވީ މީހެއް ކަމުގައި ވާނަމަ ފަހަރެއްގައި އެކަށީގެންވޭ އެމީހަކަށް ސައިލެންޓަށް ލާނެގޮތް ނޭންގުންވެސް. ނުވަތަ އެ މިޔުޒިކް ހުންނަ ރިންގްޓޯންއެއް ދުއްވާލާފަ މިޔުޒިކް ނުހުންނަ ރިންގް ޓޯންއެއް ލާނެގޮތް ނޭންގުމަކީ އެއީ އެކަށީގެންވާ ކަމެއް. އެހެންވީމަ އެ ހާލަތުގަ އެމީހަކަށް އެ ރިންގްޓޯން ބަދަލުކުރަން އެހީތެރިވެ އަދި އެމީހާއަށް ސައިލެންޓަށް ލާން ނޭންގޭ ކަމުގައި ވާނަމަ އެމީހާއަށް ސައިލެންޓަށް ލާން ހަދަންޖެހޭ ގޮތް ރީތި ގޮތުގައި ކިޔައިދީ މިކަންތައްތައް ކުރުމަކީ މިވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް.
އެހެންކަމުން ދުޢާއަކީ އަޅުގަނޑުމެންނަކީ މިސްކިތުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތާ މިސްކިތަށް ވަންނައިރު ފޯނު ސައިލެންޓަށް ލާން ހަނދާން ކުރާ އަދި އެހެން މީހުންނަށް މިކަން ރަނގަޅު ގޮތުގައި ބަޔާން ކޮށްދޭ ބައެއްކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވުން.
- ޝައިޚް މުޙައްމަދު ޣާލިބް