ދެމަފިރިން، އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން…..
ބާއްޖަވެރި ކައިވެންޏެއްގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ބަޔަކީ އެކައިވެނިކުރާ ދެމީހުންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ކައިވެނީގެ ގުޅުން ގުޅުމާއެކު، ކައިވެނި ކުރާ ދެމީހުންގެ ފަރާތުން އެއްފަރާތުން އަނެއް ފަރާތަށް ދޭންޖެހޭ (އަދާކުރަންޖެހޭ) ޙައްޤުތަކެއް ވެއެވެ. އެއިގެތެރެއިން ކޮންމެ ބައިވެރިޔަކީ އަނެއް ބައިވެރިޔާގެ ފާރާތުން ވަރަށް ގިނަގުނަ މަސްޢޫލިއްޔަތުތަކަކާ ޙަވާލުވާންޖެހޭނެ ބައިވެރިޔެކެވެ. ކައިވެނި އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު ދެމެހެއްޓުމަށްޓަކައި، އެއްފަރާތުން އަނެއްފަރާތައް ދޭންޖެހޭ މުހިއްމު ޙައްޤުތަކަކީ ކޮބައިކަން ދެނެގަނެ، އެޙައްޤުތަކަށް ރައްކާތެރިވުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.
މިގޮތުން ބަލާއިރު، ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިއްމު ޙައްޤުތަކުގެ ތެރޭގައި އަނބިމީހާއަށް ހެޔޮކޮށް ހިތުންވެއެވެ. އަނބިމީހާއަކީ އެއްވެސް ޙާލެއްގައި އަޅެއްގެ މަޤާމުގައިވާ މީހެއްނޫނެވެ. އެކަނބުލޭގެއަށް އެކަށީގެންނުވާވަރަށް މަސައްކަތްތައް ޖެއްސުމާއި، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަނިޔާކުރުންފަދަ ކަންކަމަކީ އިސްލާމްދީން ނަހީ ކުރާކަންކަމެވެ.
ހަމައެފަދައިން އަނބިމީހާ ސަލާމަތްތެރިކަމާއެކު ގެންގުޅުމާއި، އެކަނބުލޭގެއަށް މާލީގޮތުން ދޭންޖެހޭ އެހީތައް ދިނުމާއި، އަނބިމީހާއާ މުޢާމަލާތުކުރާއިރު އިޙްތިރާމާއި އޯގާތެރިވެރިކަމާއެކު މުޢާމަލާތުކުރުމާއި، އެކަނބުލޭގެއަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދީ އުޅުމަކީ ފިރިމީހާގެ މައްޗަށްވާ ޙައްޤެކެވެ. އަދި އެކަނބުލޭގެ ޙައްޤުގައި، އެކަނބުލޭގެ އާއިލާ މީހުންނަށް އިޙްތިރާމްކުރުމަކީވެސް އަނބިމީހާއަށް ހެޔޮކޮށް ހިތުމުގެ ތެރެއިންވާ ކަމެކެވެ. އަޅުގަނޑުމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައިވާ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން އެންމެ ހެޔޮމީހަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮމީހެކެވެ.
ހަމައެފަދައިން އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ދޭންޖެހޭ ޙައްޤުތަކެއް ވެއެވެ. މިގޮތުން ﷲ އަށް އުރެދުމެއްނުވާ ކަމެއްގައި ފިރިމީހާއަށް ކިޔަމަންތެރިވުމާއި، ފިރިމީހާއާ ކުރާ މުޢާމަލާތުތަކުގައި ރިވެތިކޮށް މުޢާމަލާތުކުރުމާއި، ފިރިމީހާ އުފާކޮށްދެނިވި ކަންތައްތައްކުރުމުގައި ޤާއިމުވެހުރުމާއި، އޭނަގެ ގޮވާލުންތަކަށް އިޖާބަދިނުމާއި، އޭނަގެ މުދަލަށާއި ދަރިންނަށް ރައްކާތެރިވުމަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން މުހިއްމު ކަންކަމެވެ.
ހަމައެއާއެކު، ފިރިމީހާ ޙާޟިރުވެނެތް ޙާލަތްތަކުގައިވެސް އޭނާ ހިތްނުރުހޭ މީހުން ގެއަށް ނުވެއްދުމާއި، މިފަދަ ޙާލަތްތަކުގައިވެސް މުދަލާއި ދަރިންނަށް ރައްކާތެރިވުމާއި، އޭނާގެ އާއިލާމީހުންނަށް އިޙްތިރާމުކުރުމަކީ ފިރިމީހާއަށް ހެޔޮކޮށް ހިތުމުގެ ތެރެއިންވާ ކަންކަމެވެ.
ދެމަފިރިން، އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތައް ދަނެ، އެޙައްޤުތަކަށް އަދާކުރުމުގައި ދެފަރާތުންވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކައިވެނި ބާއްޖަވެރިވާނެކަމެއްކަމާމެދަކު ޝައްކެއްނެތެވެ.
- ޝައިޚް މުޙައްމަދު ސިނާންގެ ދަރުސަކުން
- -މިއަދުނޫސް