ޢާއިޝަތު ރަފާޙް ޢަލީ
"އަޚުންނާއި އުޚުތުންނޭވެ! އިސްލާމްދީނުގައި އަހަރެމެންގެ ކައިވެނީގެ އަޚްލާޤު ރަނގަޅުކުރުމަކީ ވަރަށް މުޙިންމު ކަމެކެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ:
خيرُكُم خَيرُكُم لأَهْلِهِ وأَنا خيرُكُم لأَهْلي
މާނަ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ އެމީހެއްގެ އަނބިމީހާއަށް (ނުވަތަ އާއިލާއަށް) އެންމެ ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ އާއިލާއަށް އެންމެ ހެޔޮކޮށް ހިއްތަވާ މީހަކީ ތިމަންކަލޭގެފާނެވެ.
އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ރަނގަޅު މީހުންނަށް ވުމަށެވެ. ލިބެން ހުންނަ ވަޒީފާގެ ފުރުޞަތުތައް އިތުރަށް ރަނގަޅުކުރުމަށް އަހަރެމެން އެދެމެވެ. އާއިލާއަށްޓަކައި އެންމެ ރަނގަޅު ގެދޮރު ހޯދުމަށް އަހަރެމެން އެދެމެވެ.
ތިޔަބައިމީހުން ކައިވެންޏާ ބެހޭގޮތުން ދަރިންނަށް ބުނެދޭ އެއްޗަކަށްވުރެ ކުރިން، ދަރިންނަށް ހެޔޮލަފާ ފިރިންނާއި އަނބިންނަށް ވާން އެނގިގެންދާނީ ތިޔަ ދެމަފިރިން އެކަކު އަނެކަކާއެކު އުޅޭގޮތް ފެނިގެންނެވެ. ސަބަބަކީ އެކުދިން އަޑުއެހުމުގެ ކުރިން ކަންކަމުގެ ނަމޫނާ ބަލައެވެ. ދެމަފިރިންގެ ގޮތުގައި ތިޔަބައިމީހުން އެކަކު އަނެކަކު ގައިގައި ބައްދާލައި، އަނެކާއަށް ބަލައި ހިނިތުންވެ، އެކަކު އަނެކަކަށް އަދަބުވެރިކަމާއި އަޚްލާޤީ ރީތި ސިފަތަކާއެކު އުޅޭތަން ފެނިއްޖެނަމަ، އެކަމާ ބެހޭގޮތުން އެހެން މީހަކު ވާހަކަދެއްކުމުގެ ކުރިން އެކުދިން އެކަންކަން ދަސްކުރާނެއެވެ.
މީގެ އިތުރުން، މިއީ އުންމަތަށް އަހަރެމެންނަށް ކޮށްދެވޭނެ ޚިދުމަތެވެ. ޤިޔާމަތް ދުވަހުން ﷲގެ ޙަޟްރަތަށް އަހަރެމެން ދާއިރު، 'އިސްލާމްދީނަށްޓަކައި ކުރީ ކޮންކަމެއްހޭ' އެއްސެވުމުން، މަދުވެގެން އަހަރެމެންނަށް ބުނެވޭނެއެވެ؛ އަހަރެމެން ތަރުބިއްޔަތު ކުރި ދަރީންނަކީ ނަމޫނާ އާއިލާތަކަކަށްވެގެންދިޔަ ދަރިންތަކެކެވެ. މިއީ މި އުންމަތަށް އެންމެ ހެޔޮލަފާ އާއިލާއެއް ފޯރުކޮށްދީގެން އަހަރެމެންނަށް ވެވުނު އެހީތެރިކަމެކެވެ."
- ޝައިޚް ޑރ ސާޖިދް ޢުމަރުގެ ދަރުސަކުން
- މިއަދުނޫސް