މިއޮތީ ނަމާދުކުރަން ކަންނެތްވެ ފަސްޖެހެވޭނަމަ އެކަމަށް އޮތް ފަރުވާ! ލިބިގެންފިނަމަ ނަމާދަށް އަވަސްވެގަނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
މިއޮތީ ނަމާދުކުރަން ކަންނެތްވެ ފަސްޖެހެވޭނަމަ އެކަމަށް އޮތް ފަރުވާ! ލިބިގެންފިނަމަ ނަމާދަށް އަވަސްވެގަނެވޭނެ!

މުސްލިމުންނަކީ ނަމާދުކުރަން ބޭނުންވާ ބައެކެވެ. ނަމާދުކުރަން ބޭނުން ނުވާ މުސްލިމަކު ނުހުންނާނެއެވެ. ގިނަ ބައަކަށް ނަމާދުނުކުރެވެނީ ކުރަން ބޭނުންނުވާތީއެއް ނޫނެވެ. ކަންނެތްވެވެނީއެވެ. ކަންނެތްވެވޭ އެންމެ ބޮޑު އެއް ސަބަބަކީ ނަމާދުކުރަންޖެހެނީ ކީއްވެގެންކަން ހިތަށް ގެނެވޭގޮތެވެ! ނުކުރުމުން ތިމާއަށް މިދެވެނީ ނަރަކައާއި ދިމާއަށްކަން ނުވިސްނޭކަމެވެ.  

ވީމާ އަހަރެމެންނަށް އޮތް އެންމެ މުހިންމުކަމަކީ ކަންނެތް ނުވާނެ ގޮތެއް ހޯދަން މަސައްކަތްކުރުމެވެ. އެކަމަށް ވިސްނައި ފިކުރުކުރުމެވެ. ވީމާ ފުރަތަމަވެސް ވިސްނައިލަންވީ ނަމާދުކުރަން ޖެހެނީ ކީއްވެގެންތޯއެވެ! އެއީ ކިހައިވަރެއްގެ މުހިންމު ކަމެއްކަމާއިމެދުގައެވެ.   

ﷲ ތަޢާލާ މޫސާގެފާނަށް ބަސް ވަޙީކުރެއްވެވީ މަލާއިކަތަކު މެދުވެރި ނުކުރައްވަވައެވެ. މޫސާގެފާނަށް ﷲ ތައާލާ އެންމެ ފުރަތަމަ ވަޙީކުރެއްވެވި ބަސްފުޅާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟  

މޫސާގެފާނަކީ ﷲ ތައާލާގެ ރަސޫލްބޭކަލަކު ކަމުގައި އިޚްތިޔާރު ކުރެއްވެވިކަން ވަހީކުރެއްވެވުމަށްފަހު ވަޙީ ކުރެއްވެވީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެއްވެވުމަށެވެ. ވިދިގެން ވަޙީކުރެއްވެވީ ނަމާދު ޤާއިމުކުރެއްވެވުމަށެވެ. ކީއްކުރަން ހެއްޔެވެ؟ ﷲ ތަޢާލާގެ މަތިން ހަނދުމަފުޅު ކުރެއްވެވުމަށެވެ.  

އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) އުޑަށް އުފުލެއްވުނެވެ. މިޢްރާޖްގެ ދަތުރުފުޅުގައެވެ. ކިހައި ހިސާބަކަށް ހެއްޔެވެ؟ ޖިބްރީލްގެފާނަށްވެސް ވަޑައިގަތުމުމުގެ އިޛްނަފުޅު ނެތް ހިސާބަށެވެ. "ލައުހުލްމަޙްފޫޒް"ގައި ލިޔެވޭ އަޑުފުޅު އިވިވަޑައިގަންނަވާ ހިސާބަށެވެ. 

އެންމެ މައްޗަށް ރަސޫލް (ﷺ) އުފުއްލެވުމަށްފަހު ﷲ ތަޢާލާ 50 ނަމާދު ބާވައިލެއްވެވިއެވެ. 50 ނަމާދުކުރަން ބުރަވާނެތީ 5 ނަމާދަށް ލުއިކޮށްދެއްވަވައި އެ 5 ނަމާދުގައި 50 ގެ ބަރަކާތް ލެއްވެވިއެވެ.  އެހެން ހުރިހާ އަޅުކަމެއް ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރި ކުރައްވަވައެވެ. އެހެންކަމުން އަހަރެން ޤަބޫލުކުރާ ގޮތުގައި ރަސޫލް (ﷺ) އުޑަށް އުފުއްލެވީ ނަމާދު ބާވައިލެއްވެވުމަށެވެ. ނަމާދުގެ މުހިންމުކަން ބޮޑުކަމުން ޖިބްރީލްގެފާނުވެސް މެދުވެރި ނުކުރައްވަވައި ސީދާ މަސްއޫލިއްޔަތު ހަވާލުކުރެއްވެވުމަށެވެ. އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ!   

މީސްތަކުންނޭވެ! ބަޔާން މިކުރި ދެކަމުންވެސް އެނގިގެންދަނީ ނަމާދުކުރުމުގެ މުހިންމުކަމުގެ ބޮޑުކަމެވެ. ނަމަވެސް އަހރެމެން މިއަދު މިދަނީ ނަމާދުކުރުމަށް ކަންނެތްވަމުންނެވެ. އެހެން ނުހަދާށެވެ! ނަމާދަށް ކަންނެތްވާނަމަ މި ބަޔާންކުރި ދެ ކަމަށް ވިސްނައިލާށެވެ! މިކަންކަން ވިސްނުމުން ކަންނެތްކަން ފިލާނެއެވެ! ނަމާދު ނުކޮށް ހުންނަން ބިރުގަންނަން ފަށާނެއެވެ! ކޮންމެ ގޮތެއްވީ ނަމަވެސް އާޚިރަތް ދުވަހުގެ ސަލާމަތްކަން އޮތީ ނަމާދު ފުރިހަމައަށް އަދާކުރުމުންނެވެ!

 

- އުސްތާޛް ޢަލީ ހައްމުދާ ގެ ދަރުސަކުން

 

މިއަދު އޮންލައިން