ސުއިޒާ
ތިބާގެ ދަރިފުޅަކީ ދޮގުހަދާ، އެއްޗެހި ފޮރުވާ އަދި ކަންކަން ސިއްރު ކުރާ ކުއްޖެއް ކަމުގައި ވާން ނުއެދޭނަމަ މި 4 ކަންތައް ތިބާ ކުރުން ހުއްޓާލާށެވެ. ހާއްސަކޮށް 4 ވަނަ ކަމަށް ސަމާލު ވާށެވެ.
ކޮބައިތޯ އެ ކަންކަމަކީ؟
1: ކުދިކުދި ކުށްތަކަށް މާބޮޑަށް ރުޅިއައުން:
ތިބާގެ ދަރިފުޅު ކުރާ ކޮންމެ ކުށަކަށް ތިބާގެ ހަޅޭކާއި، ބޮޑެތި އަދަބުތަކާއި ބޭޒާރުވުން އަމާޒުވާނަމަ ދަރިފުޅު ދަސްކުރާނެ ހަމައެކަނި ކަމަކީ އެކަމެއް ފުރަތަމަވެސް ސިއްރު ކުރުމާއި އަދި ދޮގު ހެދުމެވެ. ސަބަބަކީ ހަރުކަށި ގަވާއިދުތަކަށް ވުރެ، ބިރުގެ ސަބަބުން ދަރިފުޅު ތެދުވެރިކަމާއި އެކު ވާހަކަ ދައްކަން ފަސްޖެހޭލެއް އަވަހެވެ.
2: އެކުދިންގެ އިޙްސާސްތަކާއި މެދު ފަރުވާލެއް ނުބެހެއްޓުން:
ކުދިން ކަމެއް އޮޅުން ފިލުވައިދޭން މަސެއްކަތް ކުރާވަގުތު ގިނަފަހަރަށް ބެލެނިވެރިން އެކުދިން ހުއްޓުވައެވެ. "ވާހަކަ ނުދައްކާ! ތިހިރީ މާ ބޮޑަށް ދެރަވެފަ" ނޫނީ " ތީ ތާކުންތާކު ނުޖެހޭ ވާހަކަ" މިހެން ވުމުން ކުދިން ވިސްނަން ފަށާނީ އެކުދިން ތެދު ހަދައިފިނަމަ އެކުދިން ކުށްވެރިވާނެކަމަށެވެ. އެހެންކަމުން އެކުދިން ކަންކަން ފޮރުވަން ފަށައެވެ. އެކުދިން ޤަބޫލު ކުރަންފަށާނީ އެކުދިންގެ އިޙްސާސްތައް އެހާ މުހިއްމު ނޫންކަމުގައެވެ. މަޑުމަޑުން އެކުދިން ކަންކަން ހިއްސާކުރުން ހުއްޓާލާ ދޮގު ހަދަން ފަށައެވެ. މައިންބަފައިން އާދަކޮށް ކުދިންގެ ވާހަކަތައް އަޑު ނާހާ އެކުދިންނާއި މެދު ގޮތް ނިންމާނަމަ، އެކުދިން މަޑުމަޑުން މައިންބަފައިންނާ ކަންކަން ހިއްސާކުރުމާއި ދުރުހެލިވާން ފަށައެވެ. ބައެއްފަހަރު ކުދިންނަށް އެކުދިންގެ ވާހަކަ އަޑު ނާހާކަން ފާހަގަވުމުން އެކުދިން ވާހަކަ ދެއްކުން ހުއްޓާލައެވެ.
3: ކޮންމެ ކަމެއް މާބޮޑުކަމަކަށްހެދުން:
ބައެއް ކުދިން ކަންކަން ހިއްސާކުރަން ފަސްޖެހޭ އެއް ސަބަބަކީ މައިންބަފައިން ކޮންމެ ވާހަކައެއް ބޮޑުކޮށްލައި ރުޅިވެރި ބަސްތަކާއި، ކުށްވެރި ކުރުމާއި އަދި ގޮތް ނިންމުމާއި މިކަހަލަ ކަންކަން ދިމާވާތީއެވެ. ކުދިންގެ ވާހަކަ އަޑުއަހާކަން އެކުދިންނަށް އިޙްސާސްވާ ހާލަތްތަކުގައި ކުދިން ބޮޑަށް ވާހަކަ ހިއްސާ ކުރާނެއެވެ.
4: ގޭތެރެ ބިރުވެރި ތަނަކަށް ހެދުން:
ރުޅިވެރިކަމާއި، ހަޅޭކާއި، ބިރުދެއްކުމާއި މިފަދަ ކަންކަން ހިނގާ ގެއަކުން އުފެދިގެން އަންނާނީ ބިރުވެރި ކުދިންނެވެ. ބިރުވެރި ކުދިން އާންމުގޮތެއްގައިވެސް ދޮގުހަދާ، ސިއްރުވެރި ކުދިންނަށް ވެއެވެ. ކުދިން އެންމެ ގިނައިން އެއްޗެހި ފޮރުވާ ހަދާނީ ގޭގައެވެ. ސަބަބަކީ ގޭގައި އެކުދިންނަސް ރައްކާތެރިކަން އިޙްސާސް ނުވުމެވެ. އާންމުކޮށްވެސް ދޮގު ހަދާ ކުދިން އެ ހާމަ ކޮށްދެނީ އެކުދިން ބޮޑުވަމުން އަންނަ މާހައުލުގެ ވަރަށްވެސް ބޮޑު ހަޤީގަތެކެވެ. ސަބަބަކީ ކުދިންގެ ޢަމަލުތައް އާންމު ގޮތެއްގައި ބައްޓަން ވެފައި ހުންނާނީ އެކުދިން އުޅޭ މާހައުލުން އާންމުކޮށް އެކުދިންނަށް ފެންނަ ކަންކަމުގެ މައްޗަށެވެ.
ލަސްނުކުރާށެވެ! މިއަދު ބަދަލު ގެންނާށެވެ! މަޤްސަދަކީ ތިބާ ދެކެ ބިރުގަންނަ ދަރިންތަކެއް ބޮޑު ކުރުމެއް ނޫނެވެ. އެހެނަސް، މަޤްސަދަކީ ތިބާއަށް ކޮންމެ ކަހަލަ ވާހަކައެއްވެސް ހިއްސާ ކުރެވޭވަރަށް ތިބާއަށް އިތުބާރު ކުރާ ދަރިންތަކެއް ބޮޑުކުރުމެވެ. ފައިދާކުރާނީ އެއިރުންނެވެ.
ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް