މާޔޫސްކަން ބޮޑުވެ ކުރިމަތިވާ މައްސަލަތަކަށް އެންމެ ފައިދާކުރަނީ ޤުރްއާނާއި ގާތްވި ވަރަކުންކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
މާޔޫސްކަން ބޮޑުވެ ކުރިމަތިވާ މައްސަލަތަކަށް އެންމެ ފައިދާކުރަނީ ޤުރްއާނާއި ގާތްވި ވަރަކުންކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

ދިރިއުޅުމަށް އަންނަ ބަދަލަކާއި ގުޅިގެން އެކަނިވެރިކަން ވަރަށް ބޮޑަށް އިޙްޞާޞްކުރަންޖެހި މާޔޫސްކަމުގެ ތެރޭގައި ދިރިއުޅެންޖެހެ މީހުންވެސް ވަރަށް ގިނައެވެ. މިކަންކަމުން އަރއިގަންނަން ކުރަން އެންމެ ރަނގަޅު ކަމަކީ ކޮބައިކަމާއިމެދު ކިޔުންތެރިން ސުވާލުކުރައްވައެވެ.   

ސުވާލުކުރައްވާ ކިޔުންތެރިންނަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށްވެސް ކީރިތި ޤުރްއާނަކީ އެންމެ ޔަޤީން މަގެވެ. ކޮންމެ ކަމަކަށް އެދިގެން ކިޔެވިނަމަވެސް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. އެކަން އެނެގެނީ ކީރިތި ޤުރްއާނަކީ ޝިފާއެއް ކަމުގައިވާތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

އަހަރެންނަކީވެސް ދިރިއުޅުމުގައި ކުއްލިއަކަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން ސިކުނޑި "ގޮވި" އަންހެނަކީމެވެ. ކައިވެންޏަށް 5 ދަރިން ލިބި ގެ 10 ބުރިއަށް އަޅައި ނިމުނުތަނުން ދަރިންނާއި ގެ ދޫކޮށް ނުކުންނަން ޖެހުމުންނެވެ.

އެއީ އެކަން އެގޮތަށް މެދުވެރިވެދާނެ ކަމަށް ދުވަހަކުވެސް އަހަރެން އުންމީދުކުރި ކަމެއް ނޫނެވެ. އެހެންކަމުން ރީތިކޮށް ބުނާނަމަ އަހަރެންގެ ސިކުނޑި ގޮވިއެވެ. ޑޮކްޓަރަށް ދެއްކުމުން ބާރުގަދަ ބޭސްފުންޏެއް ކާންދިނެވެ. އަދި ގިނައިން ގެއިން ބޭރުގައި އުޅެ ހިތްހަމަ ޖެހުން ހޯދަންވެސް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް އެއީ އެއްވެސް އުމުރެއްގައި އުޅުނު ގޮތް ކަމަށް ނުވާތީ އެކަމެއް ނުކުރަމެވެ. ބޭސް ބޭނުންކުރީމެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށެވެ.  

އެފަދަ ގޮތަކަށް ވަރަށް އެކަނިވެރިކަމާއިއެކު އުމުރުން ދުވަސްވީ މައިންބަފައިންނާއިއެކު އުޅެމުންދަނިކޮށް ސްކޫލުގައި އެކުގައި އުޅުނު ދަރިވަރަކާއި ބައްދަލުވިއެވެ. އޭނާ ނަޞޭޙަތް ދިނީ ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ ޙިފްޡް ކްލާހަށް ވަނުމަށެވެ. އޭނާއަކީ ވެސް އަހަރެން ފަދައިން ދިރިއުޅުން ގެއްލި ނިކަމެތިވީ އަންހެނެއް ކަމަށާއި ޙައްލު ލިބުނީ ހަމަ ޙިފްޡް ކްލާހުން ކަމަށް ވެސް އޭނާ ބުންޏެވެ.  

އަހަރެން އޭނާގެ ނަޞީޙަތް ޤަބޫލުކުރީމެވެ. ކީރިތި ޤުރްއާނާއި ގާތްކަން އިތުރުކުރުމުން ދެރަ ގޮތެއް މެދުވެރި ނުވާނެ ކަމަށާއި މެދުވެރިވާނީ ރަނގަޅު ގޮތްތައް ކަމަށް އަބަދުވެސް ޤަބޫލުކުރާތީ އެވާހަކަތައް ޤަބޫލުކުރުން އުނދަގޫ ކަމަކަށް ނުވިއެވެ.  

ޙިފްޡް ކްލާހަށް ދާން ފެށިތާ މަހެއްހައި ދުވަސް ވެސް ނުވަނީސް ކުރިން 3 މަސް ދުވަހަށް ދީފައި ހުރި ބޭސްތައް ހުސްވެއްޖެއެވެ. އަލުން ބޭސް ހޯދަންވެސް ވިސްނީމެވެ. ނަމަވެސް އެކަމަށް ކަންނެތްވެފައި ހުއްޓައި ބޭހާއި ނުލައި ނިދޭކަން ޔަޤީންވެއްޖެއެވެ. ފެންވަރައި ރީތިވުމަކީ ކުރާހިތުން ކުރާ ކަމަކަށްވެސް ވެއްޖެއެވެ. ކުރިއާއި އެއްގޮތަށް ކައިބޮއި އުޅެވެންވެސް ފަށައިފިއެވެ. އެހެންވެ އިތުރަށް ބޭސް ހޯދާކަށް ނުދަމެވެ.  

އަހރެންގެ ބައްޔަށް ފަރުވާ ލިބުނު ހޮސްޕިޓަލަކީ ޙިފްޡް ކްލާހެވެ! ފަރުވާދެއްވި ޑޮކްޓަރަކީ ކްލާހުގެ މުދައްރިސެވެ! ފަރުވާއަކީ މުދައްރިސް ދެއްވި ފިލާވަޅުތަކެވެ. ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުމެވެ.  

މިވާހަކަ މިއަދުނޫހާއި ޙިއްޞާ މިކުރީ އަހަރެންގެ ތަޖުރިބާއިން އަހަރެން ކުރިން އުޅުނު ޙާލުގައި މިހާރު އުޅޭ މީހުންނަށް ފައިދާ ކުރާނެ ކަމުގެ އުންމީދުގައެވެ. އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމުގެ އުންމީދުގައެވެ.

 

- މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި މައުލޫމާތަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ!

މިއަދު އޮންލައިން