ދަރަނިވެރިވުމަކީ ޤިޔާމަތް ދުވަހު ފާފަކުރެއްވުމަށްވުރެ ނުރައްކާތެރިކަން ބޮޑުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ދަރަނިވެރިވުމަކީ ޤިޔާމަތް ދުވަހު ފާފަކުރެއްވުމަށްވުރެ ނުރައްކާތެރިކަން ބޮޑުކަމެއް!

އަހުރެން ފުރަތަމަ ފާހަގަކޮށްލާނީ ދަރަންޏާއިމެދު އޮތްގޮތެވެ. ކުރެވޭ ފާފަތަކަށް ތައުބާވުމުން ﷲ ތަޢާލާ ފާފަތައް ފުއްސަވައިދެއްވަވަތެވެ. ނަމަވެސް ދަރީގެ މައްސަލަ ޖެހޭނީ ޙައްލުކުރާށެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނަށްވެސް އެކަން އޮތީ އެގޮތަށެވެ. ވީމާ މިކަމުންވެސް އެނގެނީ ދަރަނިވެރިވުމުގެ ނުރައްކާތެރިކަން ފާފަފަކުރެވުމަށްވުރެވެސް ބޮޑުކަމެވެ.  

ދަރަނި ލިބުން އިންތިހާއަށް ފަސޭހަވެއްޖެއެވެ. ވީމާ ދަރަނި ނަގައި ދަރަނިވެރިވާ މީހުންގެ ޢަދަދު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ފުރަތަމަ ސުވާލަކީ ކިތަންމެ ބޮޑު ސަބަބެއް ކުރިމަތިވިނަމަވެސް ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭހެއްޔެވެ؟ ފަސްކޮށްދީފިނަމަ ކޮންމެވެސް ނަމެއް ކިޔާފައި ދައްކަން ޖެހޭ ޢަދަދު ބޮޑުނުވޭ ހެއްޔެވެ؟ މިއީ ދުނިޔޭގައި މިކަން ހިނގަމުންދާ ގޮތެވެ. ދެން ބަލައިލަންވީ ޤިޔާމަތް ދުވަހަށެވެ. ރަނގަޅަށް ވިސްނާށެވެ! 

ދަރަނިވެރި ނުވުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ އެކަމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ. މީޒާނުގައި ތިބާގެ ކޮޅަށް ބަރުވެފައި ހުއްޓައިވެސް އަދާނުކުރެވި އޮތް ދަރަންޏެއް އަދާކުރަން ޖެހުމުން ހެޔޮކަމުން އުނިވެ ފާފައިގެކޮޅަށް ބަރުވެދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.  

ނަމަވެސް މިކަންކަމަށް ވިސްނަނީ މަދު މީހެކެވެ. ދަރަނިވެރިވެގެން ކަންކަން ކުރުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށް ހަދައިފައެވެ. ލޯނުނެގުން މިވަނީ ރީތިކަމަކަށް ހަދައިފައެވެ. އެކުވެރިން އަތުން "ބޮރޯ" ކޮށްލުން އެއީ ދަރަންޏެއް ކަމަށް ނުވެސް ދެކެއެވެ.  

ކޮންމެ ނަމެއް ކިޔައިގެން ކަންކަން ކުރި ނަމަވެސް ދަރަނިވާނީ ހަމަ ދަރަންޏަކަށެވެ. މަރުވާނެ ވަގުތެއް އެނގެނީއެއް ނޫނެވެ. ދަރަނިވެރިއެއްގެ ގޮތުގައި މަރުވާން ޖެހުމަކީ ވަރަށް ބިރުހުރި ކަމެކެވެ. ބޭނުންތައް ނުފުދި، އެއްއިރު ކައިގެން ހުންނަން ޖެހުނު ނަމަވެސް ދަރަނިވެރިނުވާށެވެ! ނެގޭ ކުޑަ ދަރަނި ޤިޔާމަތް ދުވަހު ބޮޑު މުޞީބާތަކަށްވެ އެކަމުގެ ސަބަބުން ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެކަމަށް ބިރުވެތިވާށެވެ!  

ކޮންމެހެން ދަރަންޏެއް ނަގަން ޖެހިއްޖެ ނަމަވެސް އެއާއި އެއްވަރު އެއްޗެއް ރަހުނުކޮށްފައި ނަގާށެވެ! އެއިރުން ދަރަނި އަދާނުކުރެވެނީސް މަރުވި ނަމަވެސް ރަހުނުގެ ސަބަބުން ދަރަނިވެރި ޤިޔާމަތް ދުވަހު ސަލާމަތްވެވިދާނެއެވެ. އިން ޝާ ﷲ  

މީގެ އިތުރުން ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް ރިބާ ހިމެނޭ ގޮތަށް މުޢާމަލާތު ނުކުރާށެވެ! ނަރަކައިގެ އަލިފާނަށް ބިރުވެތިވާށެވެ! ރިބާ ހިމެނޭ ލޯނު ބަހަމުން ދިއަ ނަމަވެސް ނުނަގާށެވެ! އިންޓަރެސްޓަކީ ރިބާއެވެ! ލޯނު ލިބުން ކިތަންމެ ލުއިވީ ނަމަވެސް، ކިތަންމެ ފަސޭހަވެފައި އޮތް ނަމަވެސް ރިބާ ހިމެނޭ ކިތަންމެ ކުޑަ ލޯނަކީވެސް ބިޔަ ފަރުބަދައަކަށްވުރެ ބަރުއެއްޗެއްކަން ޔަޤީންކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން