ނުބައި މީހުންނާއި ގުޅި އެކުވެރިންކަމުގަ ހަދައިގެން ފެންގުޅޭނަމަ އިބިލީހަށްވުރެ ބޮޑެތި ދެރަތަކާ ގެއްލުންތައް ދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ނުބައި މީހުންނާއި ގުޅި އެކުވެރިންކަމުގަ ހަދައިގެން ފެންގުޅޭނަމަ އިބިލީހަށްވުރެ ބޮޑެތި ދެރަތަކާ ގެއްލުންތައް ދޭނެ!

ނުބައި މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅެމުންދާއިރު ބިރުވެތިވާށެވެ! ނުބައި އެކުވެރިންނަކީ އިބިލީހަށްވުރެ މާ ނުބައި ބައެކެވެ. އެކަން އެނގިގެން ދަނީ ކީރިތި ޤްރްއާނުގެ ޢާޔަތްތަކުންނެވެ. މީހަކު ބުނާ ބުނުމަކުން ނޫނެވެ.  

އިބްރާހީމް ސޫރަތުގެ 21 ވަނަ ޢާޔަތާއި 22 ވަނަ އާޔަތުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.  

"އެ އެންމެން (ކަށްވަޅުތަކުން) ނުކުމެ، اللَّه ގެ حضرة އަށް އަންނާނެތެވެ. އަދި (އޭގެތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެން މިތިބީ، ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، ތިޔަބައިމީހުންނަށް اللَّه ގެ عذاب ން ކުޑަމިންވަރެއްނަމަވެސް ތިމަންމެންގެ ކިބައިން ދުރުކޮށްދެވިދާނެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. اللَّه ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ." (21) 

މިއާޔަތާއިމެދު ވިސްނައިލުމުން އެނގެނީ މީސްތަކުންގެ ތެރެއިން މީސްތަކުން މަގުފުރައްދައި އުޅުނު ނުބައި މީހުން އެ ވަގުތުގައިވެސް ކުށްވެރި ކުރަނީ ﷲ ތަޢާލާ ކަމެވެ. އެމީހުން އެބުނަނީ " اللَّه ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ." މާނައަކީ އެމީހުން އެބުނަނީ އެމީހުންނަށް ތެދުމަހު ނުފެނުނީ، ދުނިޔޭގައި ނުބައި އަމަލުތައް ކުރީ ﷲ ތަޢާލާ ތެދުމަގު ނުދެއްކެވުމުން ކަމަށެވެ. ހަމަ އެއާއެކު އެމީހުންނަށް އެދުވަހުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި ފިލަން ދާނެ ތަނެއްވެސް ދެވޭނެ ގޮތެއްވެސް ނެތްކަމަށް ބުނެ އަމިއްލައަށް ނިކަމެތިވެގަނެއެވެ.  

"އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، ޝައިޠާނާ ބުނާނެތެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވާފައިވަނީ، حق ތެދު وعد އެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް وعد ކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ ވަޢުދާ ޚިލާފްވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން كافر ވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި عذاب ހުށްޓެވެ." (22)  

އިބިލީހުގެ ބަސް ތަފާތެވެ. ފިލަން ދެވޭނެ އެއްވެސް ތަނެއް ނެތްކަން އެނގިހުރެމެ އިބިލީސް އެދުވަހު ބުނަނީ ތެދުބަހެވެ. "ހަމަކަށަވަރުން، اللَّه، ތިއަބައިމީހުންނަށް وعد ކުރައްވާފައިވަނީ، حق ތެދު وعد އެވެ." އިބިލީސް އެ ހެކިވަނީ ﷲ ތަޢާލާގެ ބަސްފުޅުތައް ތެދު ކަމަށެވެ. އަދި ދޮގު ހެދީ އޭނާ ކަމަށެވެ. ހަމަ އެއާއިއެކު މީސްތަކުން މަގުފުރެދުމުގެ ޒިންމާ އިބިލީސް އަޅުވަނީ މީސްތަކުންގެ ބޮލުގައެވެ. " އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ!"  

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް އުރެދުނު މީހުންނަށް ޤިޔާމަތް ދުވަހު ޢަޛާބު ދެއްވެވުމުގެ ކުރިން ﷲ ތަޢާލާ ވަނީ ޤިޔާމަތް ދުވަހު ކަންކަން ހިނގައިދާނެ ގޮތް ވެސް މީސްތަކުންނަށް އަންގަވައި ބަޔާންކޮށްދެއްވަވައިފައެވެ. އެއިން އެއްވެސް ކަމެއް ޤަބޫލުނުކޮށް ދުނިޔޭގައި އެމީހަކު ބޭނުން ގޮތަކަށް އުޅުމަށްފަހު ނަރަކައަށް ދާން ޖެހުމުން ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟  

އެންމެހައި މުސްލިމުންނޭވެ! ނުބައި އެކުވެރިންގެ ނުބައިކަން އިބިލީހަށްވުރެ ވެސް މާނުބައިކަން މިފަދައިން މިހައި ހާމަކަންބޮޑު ގޮތު ގޮތެއްގައި އެނގެން އޮތްއިރު އެކަމަށް ފަރުވާތެރިވެ ނުބައި އެކުވެރިންނާއި ދުރުހެލި ނުވުމަކީ ބިރުހުރި ކަމެކެވެ. އެކަމުގެ ސަބަބުން ތިމާއަށް ނަރަކައަށް ދާންޖެހިދާނެ ކަމެކެވެ. ވީމާ މިކަމަށް ވީހައި ބޮޑަށް ސަމާލުކަން ދިނުމަށް ގަދައަޅައި ވަސިއްޔަތް ކުރަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން