ކުރަންޖެހޭ މަސައްކަތް ހުސްވާނީ މަދު ފަހަރަކުއެވެ.
ކޮންމެ ދުވަހަކީވެސް މަސައްކަތްކުރަންޖެހޭނެއެވެ. ބުރަކޮށް މަސައްކަތްކުރާނަމަ މަސައްކަތުގައި ގިނަ ވަޤުތު ހޭދަކުރަންވެސް ޖެހެއެވެ. އެހެންކަމާއިއެކުވެސް ކައިވެނިކުރުމަށްފަހު ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ދަރިން ލިބުމުން އެކަމަށް ބޮޑަށް ވިސްނަންވެސް ޖެހެއެވެ.
ބައެއް އަންހެނުންނަށް އެމީހުންގެ ބޭނުންތައް ފުދޭނަމަ ޝަކުވާނުކޮށް ތިބެފާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެމީހުން އުފަލުގައި ތިބުމެއް ނޫނެވެ. ކޮންމެ އަންހެނަކަށްވެސް އުފަލުގައި އިނދެވޭނީ އޭނާއަށް ބޭނުންވާ އަޅައިލުމާއި ލޯބި ލިބޭނަމައެވެ. ހަމަ އެއާއިއެކު އެމީހަކަށް އުފާވެރިކަން ނުލިބޭނަމަ އަނެކާއަށް އުފާވެރިކަން ހޯދައިދިނުމަކީވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ.
ޚާއްޞަކޮށް ހެޔޮލަފާ އަނބިން ބޭނުންވާނީ ބޮޑު ތަނަވަސްކަމަކަށް ނޫނެވެ. މާބޮޑު ތަނަވަސްކަމެއް ނުލިބުނަސް އެމީހުންނަށް އަޅައިލުމާއި ލޯބި ލިބުމަށެވެ. އެމީހެއްގެ އަނބިމީހާ ބޭނުންވާ ގޮތް ދެނެގަތުމަކީ އެމީހަކު ކުރަންޖެހޭނެ ކަމެކެވެ.
ޔަޤީންކަމާއިއެކު ބުނަމެވެ/ ލޯތްބާއި އަޅައިލުން ނުލިބި ފިރިމީހާގެ އަތުން ލިބޭ ތަކެއްޗަށާ ފައިސާއަށް ހިތްފުރިގެން އުފަލުގައި އިނދެވޭކަމަށްބުނާނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. އޭނާ އެބުނަނީ އޭނާ އެއުޅެނީ ފިރިމީހާދެކެ ލޯބިން ނޫންކަމެވެ. އެއްޗެއްސަށާއި ފައިސާއަށް ކަމެވެ.
ހެޔޮލަފާ އަނބިންގެ ހިތްފުރަން ދޭންޖެހޭނީ އެއްޗެއްސާ ފައިސާއެއް ނޫނެވެ. ލޯތްބާއި އަޅައިލުމެވެ. ވީމާ މިއީ ފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ވިސްނައި ޖޭލުންތެރިވާންޖެހޭ މައްސަލައެކެވެ.
- މައިމޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް