މިޒަމާނުގަ ވީމަ މިވެނި ފާފައެއް ކުރެވުނީކަމަށް ވިސްނާމީހުންނަށް އެކުރެވެނީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެކަމުގެ ސަބަބުވެސް ބުނެދޭނަމެވެ. ރަނގަޅަށް ވިސްނާށެވެ!
ނޫޙުގެފާނުގެ ދަރިކަލުން އުޅެ ބޮޑުވީ އެންމެ ރަނގަޅު މާހައުލުގައެވެ. ނަމަވެސް ﷲ ތަޢާލާއަށް އީމާނެއް ނުވެއެވެ. ފިރުއަޢުނުގެ އަނބިކަނބަލުން އުޅުއްވީ ކުފުރާއި ޝިރުކުން ފުރިގެންވީ މާޙައުލެއްގައެވެ. އެންމެ ބިރުވެރި މާޙައުލުގައެވެ. ތިމާއަކީ ކަލަކު ކަމަށް ދައުވާކުރި ފިރުއަޢުނުގެ ގަނޑުވަރުގައެވެ. ނަމަވެސް އެކަމަނާވަނީ ތަޤްވާވެރިކަމާއި އީމާންކަމުގައި ސާބިތުވެވަޑައިގަތުމުގައި ނަމޫނާ ދައްކަވައިފައެވެ. އެންމެ މަތިވެރިކަންބޮޑު ކަނބަލުންގެ ދަރަޖަ ހޯއްދަވައިފައެވެ.
ވީމާ މިކަންކަމުން އެނގެނީ މައްސަލަ އަކީ މާޙައުލު ނޫންކަމެވެ. އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުން ހިފާ ގޮތްކަމެވެ. ވީމާ މަހައުލާއި އެހެން މީހުން އުޅޭގޮތް ކުށްވެރިކުރުން ހުއްޓައިލާށެވެ! ތިމާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވާ، ބިރުވެތިވާ ތަޤްވާވެރިއަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
ކަން މިފަދައިން އޮތް ނަމަވެސް ބައެއް މީހުން ވަރަށް ފަސޭހައިން ބުނެއެވެ. މުސްލިމުން ނޫން މީހުންގެ ސިފަތަކާއި އާދަތައް ތިމާގެ ކިބައިގައި އަށަގެންފައި މިހުރީ ދިރިއުޅެން ޖެހުނު މާޙައުލުގެ ގޮތުންނެވެ. ނަމާދު ނުކުރުމުގެ އާދަ އަށަގެންފައި މިހުރީ ގިނަ ދުވަސްތަކެއް ވަންދެން ނަމާދު ނުކުރާ މީހުންގެ ތެރޭގައި އުޅެވުނީތީއެވެ.
ނަމަވެސް މިއިން އެއްވެސް ބަހަނާއެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ދިރިއުޅެންޖެހުނު ޒަމާނާއި މާޙައުލު ކުށްވެރި ކުރުމަކީ ދެއްކޭނެ ޙުއްޖަތެއް ނޫނެވެ. މިބަޔާންކުރީ އެކަމުގެ ވަރަށް ފުރިހަމަ ދެ މިސާލެވެ.
- މުފްތީ މެންކުގެ ދަރުސަކުން