ކުރު ޛިކުރުތައް ދަސްކުރުމަކީ ބޮޑުކަމެއްވެސް ނޫން! ކިޔަންވީ ތަކެތި ނުއެނގުނަސް އޮތީ ނަމާދުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ކުރު ޛިކުރުތައް ދަސްކުރުމަކީ ބޮޑުކަމެއްވެސް ނޫން! ކިޔަންވީ ތަކެތި ނުއެނގުނަސް އޮތީ ނަމާދުކުރުން!

އެކިމީހުންނަށް ކަންކަން ދިމާވާނީ އެކިގޮތަށެވެ. މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ނަމާދުކުރުމެވެ. ނަމާދުކުރާ ތަކެތި ދަސްކުރުމެވެ. މާނަވެސް ދަސްކުރުމެވެ. ނަމަވެސް ދިމާވާ ޙާލަތެއްގެ ސަބަބުން ނަމާދުގައި ކިޔާތަކެތި ދަސްނުކުރެވިހުރިނަމަވެސް ނަމާދުނުކޮށް ހުރުމެއް ނެތެވެ. އޮތީ ނަމާދުކުރުމެވެ.  

ލިޔަންކިޔަން ނުދަންނަ މީހަކު ނަމާދުކުރަން އެބަ ބޭނުންވެއެވެ. ނަމަވެސް ފާތިޙާ ސޫރަތް ފިޔަވައި އެހެން އެއްވެސް މިންވަރެއް ކީރިތި ޤުރުއާނުން އޭނާއަށް ދަސްވެފައި ނުވެއެވެ. އެފަދަ މީހަކު އައްތަޙިއްޔާތާ އަދި ކީރިތި ޤުރުއާނުގެ އެހެން އާޔަތްތައް ނުކިޔާ ނަމާދުކުރުން ހުއްދަވާނެ ހެއްޔެވެ. އަދި އެފަދަ މީހެއްގެ ނަމާދު ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވޭ ހެއްޔެވެ؟  

ޖަވާބު: ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި މުސްލިމުންގެ އިޖުމާޢުން ޘާބިތުވެފައިވާ ޤަވާޢިދެއްވެއެވެ. އިންސާނާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާއަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. އަދި ހަމަކަށަވަރުން އެއްވެސް ނަފްސަކަށް ނުއުފުލޭވަރުގެ ބުރައެއް ﷲ ތަޢާލާ އެމީހަކަށް ނުޖައްސަވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

(فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ) [سورة التغابن 16]

މާނައީ: "ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ!" 

އަދިވެސް ވަޙީކުރެއްވިއެވެ. 

(لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا) [سورة البقرة 286]

މާނައީ: ” އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ﷲ ތަކުލީފެއް ނުޖައްސަވައެވެ.  “ 

އަދިވެސް ވަޙީކުރެއްވިއެވެ. 

(أُولَـٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ * وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا) [سورة المؤمنون 61-62]  

މާނައީ: ” އެއުރެން އެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ.  [61] އަދި އެއްވެސް ނަފްސަކަށް، އެނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ، ތިމަންއިލާހު ތަކުލީފެއް ނުޖައްސަވަމެވެ.  [62] “  

އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

((إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ)) [ رواه البخاري ]

މާނައީ: ” ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރެއްކުރައްވައިފިނަމަ ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެކަމެއްކުރާށެވެ." 

ސުވާލުކުރިމީހާއަށް ނަމާދުގައި ކިޔާ ތަކެތީގެ ތެރެއިން ފާތިޙާ ސޫރަތް ފިޔަވާ އެހެން މިންވަރެއް ނޭނގޭނަމަ އޭނާގެ މައްޗަށް އޮތީ ނަމާދުގައި އެސޫރަތްކިޔެވުމެވެ. އެހެނީ އެއީ ނަމާދުގެ ރުކުނެކެވެ. ނަމަވެސް ފާތިޙާ ސޫރަތް އެނގޭއިރު ބައެއް އެހެނިހެން ޛިކުރުތައް ނޭނގެނީ ކީއްވެކަމެއް ނުވިސްނެއެވެ. އެއީ ރުކޫޢުގައި سبحان ربي العظيم އާއި ސަޖިދާގައި سبحان ربي الأعلى އަދި އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ބަދަލުވާއިރު الله أكبر ކިޔުންފަދަ ޛިކުރުތައް ނޭނގޭންވި ސަބަބެވެ.  

ފަހަރުގައި އައްތަޙިއްޔާތު ނޭނގުމަކީ އެކަށީގެންވާކަމެކެވެ. އެހެނީ އެއީ ދިގު ޛިކުރެކެވެ. ފަހެ އޭނާއަށް އެނޭނގޭނަމަ އޭނާއަށް އެކިޔަން ނުޖެހޭނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ވީވަރަކުން އެއުނގެނުމަށް މަސައްކަތްކުރުމެވެ. 

ބުރަވެވޭގޮތުގައި ސުވާލުކުރިމީހާއަށް އެފަދައިން ދަސްކޮށްދޭނެމީހަކު ނެތީއެވެ. ފަހެ އެފަދަ މީހަކަށް އޮތީ މީހެއްގެ އެހީ ހޯދުމަށް މަސައްކަތްކުރުމެވެ. 

ފަހެ ﷲ އަށް ބިރުވެތިވެއްޖެމީހަކަށް ﷲ ތަޢާލާ އެމީހެއްގެ ކަންތައްތައް ފަސޭޙަކޮށްދެއްވައެވެ.  

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން – رحمه الله –

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން