އެންމެ ބޮޑަށް ބޭނުންވެގެން ތިއައުޅޭ ރިޒުޤް ތިބާއާއެކު މިހާރުވެސްވޭ! އަތްފޯރާފަށަށް ގެނެވޭތޯ ބަލަން ދަސްކޮށް ޢަމަލުކުރަންޖެހޭ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
އެންމެ ބޮޑަށް ބޭނުންވެގެން ތިއައުޅޭ ރިޒުޤް ތިބާއާއެކު މިހާރުވެސްވޭ! އަތްފޯރާފަށަށް ގެނެވޭތޯ ބަލަން ދަސްކޮށް ޢަމަލުކުރަންޖެހޭ ކަންކަން!

ފުރަތަމަވެސް ވިސްނާލަންވީ މިއާޔަތަށެވެ. ސަބާ ސޫރަތުގެ 36 ވަނަ އާޔަތުގެ މާނައިގައިވަނީ މިފަދައިންނެވެ.  

"ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ". 

އާޔަތުގައި އެވަނީ ﷲ ތަޢާލާ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަވާ ކަމަށާއި އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަވާ ކަމަށެވެ! އެއްވެސް މީހަކަށް ރިޒުޤް ނުދެއްވަވާ ކަމަކަށް ނެތެވެ.  

އަލް އިސްރާ ސޫރަތުގެ 70 ވަނަ އާޔަތުގެ މާނައިގައިވަނީ މިފަދައިންނެވެ.  

" ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." 

އަލް ޙައްޖު ސޫރަތުގެ 50 ވަނަ އާޔަތުގެ މާނައިގައިވަނީ މިފަދައިންނެވެ.  

" ފަހެ، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނަށް ފާފުފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްޤު ހުށްޓެވެ." 

މިހާރަކަށް އައިސް ވަރަށް ގިނަ ބައަކަށް ކުރެވޭ ޝަކުވާއަކަށްވެފައި އޮންނަނީ ރިޒްޤް ނުދެއްވަވާކަމަށްބުނެ، ނުވަތަ ރިޒްޤް ލިބުން ދަތިވެގެން ކުރާ ޝަކުވާއެވެ. ޝަކުވާކުރާމީހުން އަލް ޙައްޖު ސޫރަތުގެ 50 ވަނަ އާޔަތަށް ޢަމަލުކުރެވޭ މިންވަރާއިމެދު ވިސްނައިލުން ހުއްޓެވެ. އީމާންވެ ޞާލިޙް ޢަމަލުތައް ކުރެވޭ މިންވަރާއިމެދުގައެވެ.  

ދެން މިބަޔާންކުރަނީ އެކަންކަން އޮތްގޮތަށެވެ! 

ﷲ ތަޢާލާ ރިޒުޤް ނުދެއްވަވާ އެއްވެސް މަޚުލޫޤެއް ނުހުންނާނެއެވެ. އެހެން މިބުނަނީ އެއިގެ ތެރޭގައި ޖަނާވާރާއި މަސްމަހާމެއްސާއި ފަނިފަކުސަ އަދި ބިންމަތީގައި މިދުވާ ހިނިފަދަ ތަކެތިވެސް ހިމަނައިގެންނެވެ. ނިކަން ވިސްނައިލަބަލާށެވެ. ބޮޑެތި ގައުފަދަ ތަކެތީގެދަށިގައި ދިރިއުޅޭ ފަކުސައަށްވެސް ރިޒުޤް ދެއްވަވައެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ އުފެއްދެވި އިންސާނާއަށް ރިޒުޤް ނުދެއްވަވާނެ ކަމަށް ހީކުރަންވެސް ނުވާނެ ނޫންހެއްޔެވެ؟

ވެގެން މިއުޅޭ ގޮތަކީ ކޮންމެ މީހަކަށް އެމީހާ ބޭނުންވާވަރަށް ނުދެއްވެވުމެވެ. އަދި ބައެއް ޙާލަތްތަކުގައި ބޭނުންވާ ތަކެތިވެސް ނުދެއްވެވުމެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެއިގެ މާނައަކީ އެމީހާއަށް ރިޒުޤް ނުދެއްވެވުމެއް ނޫނެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސް އެދުވަހަކަށް ﷲ ތަޢާލާ ދެއްވަވާ ރިޒުޤް އެމީހަކަށް ދެއްވަވާނެތެވެ.  

ދެން ބަލައިލަންވީ ރިޒުޤް ތަނަވަސްވާނެ ގޮތަށެވެ. ރިޒުޤް ތަނަވަސްވުމަށް އެދޭ މީހާއަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ރިޒުޤް ހޯދަން މަސައްކަތްކުރުމެވެ. އަދި ބުނަން ހެއްޔެވެ؟ ރިޒުޤް ލިބުން ދަތިވުމަކީ ކޮންމެހެން ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ މީހެއްކަމަށް ޤަބޫލުކުރަންޖެހޭ ސަބަބެއް ނޫނެވެ.  

އެކަން އެންމެ ރަނގަޅަށް އެނގިގެންދާނީ ރަސޫލް ﷺ ގެ ސިޔަރަތުންނެވެ. އިތުރު ޞާޙިބާ އާއި އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި ޢާއިލާގެ ބޭފުޅުންނާއި ޞަހާބީންނަށް އުޅުއްވަވަން ޖެހިވަޑައިގެންނެވި ދަތިޙާލުކޮޅުން އެކަން ވަރަށް ބޮޑަށް އެނގިގެންދާނެއެވެ. ވީމާ ރިޒްޤާއިމެދު މާޔޫސްނުވާށެވެ. ޙަލާލް ގޮތުގައި ރިޒްޤް ލިބިގަނެ އަދި އިތުރުކުރަންވެސް މަސައްކަތްކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

މިއަދު އޮންލައިން