ވަރަށް އެކުގައި އުޅެފައި ވީކަމެއް ބުނެވެސް ނުލައި ބައެއް މީހުން ދުރުވެއެވެ. އެހެންވެ ވަރަށް ވިސްނެއެވެ. އެހެން އެވަނީ ކީއްވެގެންތޯ؟ ކުށް ބުނެދޭންޖެހޭނެ ނޫންތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކުށް ބުނެދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ކުށްނުބުނަނީ އޭނާގެ ކުށުންނެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެކަމަށް ނުވިސްނުމެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ކިތަންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އުޅެފައިވެސް މީހަކު ތިބާއާއި ކުއްލިއަކަށްވެސް ގުޅުންކަނޑައިލަފާނެއެވެ. ސަބަބުވެސް އަންގާނުލައި އެފަދަ ގޮތަކަށް ކަންތައްކުރުމުން ވަރަށް އަސަރުކުރާނެއެވެ. ކަންބޮޑުވެވޭނެއެވެ. މާޔޫސްވެސް ވެވޭނެއެވެ.
އަމިއްލަ ޢާއިލާގެ ތެރެއިންވެސް މިފަދަ ކަންކަން މެދުވެރިވެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ސަބަބު ބަޔާން ނުކޮށް، ތިބައާއި މަޝްވަރާނުކޮށް އެއްވެސް މީހަކު އެފަދަ ކަމެއް ކޮށްފިނަމަ ކަންބޮޑުނުވާށެވެ! އަޅައިވެސްނުލާށެވެ! އޭނާއަކީ ތިބާ އުންމީދުކޮށްގެން ހުރި ފަދަ ގާތް އެކުވެރިއަކު ނަމަ އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.
އެއީ ތިބާއަށް ހެޔޮއެދޭ، ތިބާ އާއި ގުޅުން ބާއްވަން ބޭނުންވާ އެކުވެރިއެއް ނަމަ އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ތިބައާއި މަޝްވަރާކުރާނެއެވެ. ހިތްހަމަނުޖެހުން އުފެދެން މެދުވެރިވި ސަބަބު ބުނެދޭނެއެވެ. އަދި އެއީ ތިބާގެ ފުށުގައި އޮތް ކުށެއްނަމަ އިޞްލާޙްކުރަން ފުރުޞަތުވެސްދޭނެއެވެ.
ﷲ ތަޢާލާއަށްޓަކައި ތިބާ އަދާކުރަންޖެހޭ ވާޖިބްތައް އަދާނުކޮށް އެއްވެސް މީހެއްގެ ކަންކަމަށް ވަޤުތު ނުދޭން ނަޞޭޙަތްތެރިވާން ޖެހެނީ މިފަދަ ޙާލަތުތައް މެދުވެރިވާތީއެވެ. ކޮންމެ މީހަކީވެސް ކޮންމެވަޤުތަކުވެސް ތިބާ އާއި ވަކިވެދާނެ މީހަކަށްވާތީއެވެ. އަދި ތިބާއަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެ މީހެކެވެ. ނަމަވެސް ﷲ ތަޢާލާ ތިބާ ދޫކޮށެއް ނުލައްވަވާނެތެވެ. ތިބާއަށް ރަޙުމް ކުރައްވަވައި އެހީތެރިވެވޮޑިގަތުންމަތީގައި ދެމިވިޑިގެންވާނެތެވެ. އިން ޝާ ﷲ
ވީމާ ކިތަންމެ ގާތް މީހަކު ނަމަވެސް ތިބާއާއި ކުރިން ބުނި ފަދަ ގޮތަކަށް ވަކިވެއްޖެނަމަ ދެރަނުވާށެވެ! އެއީވެސް ލެއްވެވި ރަޙްމަތެއް ކަމަށް ޤަބޫލުކުރާށެވެ! މިއަދު ނުއެނގުނަސް އެކަން ތިބާއަށް ވިސްނޭނެ ދުވަހެއް އަންނާނެތެވެ. އިން ޝާ ﷲ
ދެން ބުނެލަން އޮތީ ތިބާއާއި ދުރުހެލިވެފައިވާ މީހަކާއި ބައްދަލުވި ނަމަވެސް އެކަން ނުދައްކާށެވެ! ހިނިތުވެލައި ސަލާމްކުރާށެވެ! ޙާލު އަހައި ވާހަކަވެސް ދައްކާށެވެ! މޮޅު އިތުރުވެގެންވަނީ އެކަމުގައި އިސްނެގުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން