އަޅުގަނޑަކީ އެހާތަނަވަސް މީހެއް ނޫން ނަމަވެސް އަޅުގަނޑަށް ވެވުނު ވަރަކުން މީހުންނަށް އެހީތެރިވަމެވެ. ދަރަންޏަށް ދޭން ބުނި ނަމަވެސް އަތުގައި ހުރިވަރަކުން ދެމެވެ. އެކަމަކު ދައްކާކަށް ނުބުނަމެވެ. އަޅުގަނޑު ދެކެނީ ލިބުނީމާ ދައްކާނެ ކަމަށެވެ.
ދާދިފަހުން ވަރަށް އާދައާ ޚިލާފް ކަމެއް ދިމާވިއެވެ. މަގުމަތިން މީހަކު އަޅުގަނޑު ހުއްޓުވީއެވެ. ބުނީ މީގެ 25 އަހަރުވަރު ކުރިން އަޅުގަނޑުގެ އަތުން ދަރަންޏަށް 50 ޑޮލަރު ނަގާފައިވާނެކަމަށާއި އެފައިސާކޮޅު ދޭންބޭނުންވާ ކަމަށެވެ. އެހެން ބުނެފައި ވަޤުތުން އަޅުގަނޑުގެ އެކައުންޓަށް އެފައިސާ ޖަމާކޮށްދިނެވެ.
މިކަން އަޅުގަނޑު ހާމަކުރަން ބޭނުންވަނީ ގިނަ ފައިސާތަކެއް ލިބިގެނެއް ނޫނެވެ. ދަރަންޏަކީ އަދާކުރަންޖެހޭނެ އެއްޗެއްކަން ވިސްނި އަދާކުރީތީއެވެ. މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ދަރަންޏަކީ ސުވަރުގެ ވަދެވުމަށް އޮތް ހުހަކަށްވާތީއެވެ.
އެންމެ ބޮޑަށް ވިސްނަންވީ ދަރަނި ދުނިޔޭގައި އަދާނުކޮށްފިނަމަ ޤިޔާމަތް ދުވަހުން ބަދަލުދޭންޖެހޭނީ އެމީހަކު ކޮށްފައިވާ ހެޔޮ ޢަމަލުތަކުން ކަމަށްވާތީއެވެ. އެކަމަކީ ހެޔޮކަންތައް މަދުވެ ސުވަރުގެ ނުވަދެވިދާނެ ކަމަކަށްވާތީއެވެ.
އަޅުގަނޑަށް އެއްޗެއް ދޭން އޮތް މީހަކަށް ނުދެވިގެން ބުނެފިނަމަ މަޢާފްވެސް ކުރަމެވެ. އެކަމުން އަޅުގަނޑަށް ދެއްވަވާނެ ޘަވާބު މާބޮޑުވާނެތީއެވެ. އަޅުގަނޑު އެދެނީ އެންމެންވެސް ދަރަނިވެރިންނާއިމެދު އެގޮތަށް ޢަމަލުކޮށް އެކަމުން ލިބެން އޮތް ފައިދާ ލިބިގަތުމަށެވެ.
މިއަދުނޫހުގައި މިކަމަށް މީހުން ހޭލުންތެރިކުރުވަން ލިޔެފައި ހުންނަ ލިޮޔުންތައް އަޅުގަނޑުވެސް ކިޔަމެވެ. ވީމާ އަޅުގަނޑުގެ ވާހަކަކޮޅުވެސް ޙިއްޞާކޮށްލީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް