ބައިވެރިއަކު ކަނޑައަޅަން ދީނުގައި އޮތް ގޮތް! ތިމާގެ ވާޖިބް އަދާކުރުމުން އެމީހަކަށް ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
ބައިވެރިއަކު ކަނޑައަޅަން ދީނުގައި އޮތް ގޮތް! ތިމާގެ ވާޖިބް އަދާކުރުމުން އެމީހަކަށް ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރުމަކީ އެންމެ ބޮޑަށް ސަމާލުކަންދީގެން ކުރަން އޮތް ކަންތަކެވެ. ވީމާ މިގެނެސްދެނީ ދީނުގައި އެކަންކުރަން އޮތްގޮތް އޮޅުންފިލާނެ ލިޔުމެކެވެ. އިން ޝާ ﷲ. އަހުރެމެން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެން އޮތީ އެމީހަކު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުގައެވެ. އެކަންކަން ފުރިހަމަކޮށްގެން ކަންކަން ކުރުމުން އެމީހަކަށް ހެޔޮރަޙްމަތް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

އިސްލާމީ ނަޒަރަކުން ކައިވެނި: 

ކުރީގެ ބައިތަކުގައި ބަޔާންވެގެންވާނޭފަދައިން، ކައިވެންޏަކީ އިސްލާމްދީން އެކަމަކަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މިގޮތުން ދުނިޔެވީ ޙަޔާތުގައި މީސްތަކުންނަށް އެންމެ މުހިއްމުވާނެ އެއްކަމަކީ އެބައިމީހުންގެ ދަރިފަސްކޮޅު ހެޔޮގޮތުގައި ތަރުބިއްޔަތުކުރެވޭނެ މަގެއް ފެނުމެވެ. އެހެން ދީންތަކާ ޚިލާފަށް އިސްލާމްދީނުގައި ވަނީ މިކަމަށް ވަރަށްވެސް މުހިއްމު ޙައްދުތަކެއް ކަނޑައަޅުއްވާފައެވެ. ދުނިޔެވީ ޙަޔާތް ބާއްޖަވެރިކުރެވޭނެ ގޮތަކީ ކޮބައިކަން ބަޔާންކޮށް ދެއްވާފައެވެ. އެގޮތުން އަޅުގަނޑުމެންގެ ކައިވެނީގެ ޙަޔާތަކީ އުފާވެރި ބާއްޖަވެރި ޙަޔާތަކަށް ހެދުމަށްޓަކައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ކައިވެންޏަށް ދައްކަވާދެއްވާފައިވާ ރިވެތި މަގަކީ ކޮބައިކަން އެނގުމަކީ މުހިއްމުކަމެކެވެ.

ހ. އަންބަކު ނުވަތަ ފިރިޔަކު ޚިޔާރުކުރުން: 

އާއިލާއެއްގައި ދެމަފިރިންކުރެ އަނބިމީހާއަކީ ޚާއްޞަގޮތެއްގައި ވަކި ޚާއްޞަ ޒިންމާތަކެއް އެކަނބަލުންނާ ޙަވާލުކުރައްވާފައިވާ ބައެކެވެ. ގޭތެރޭގެ ކަންތައްތައް އިޞްލާޙް ކުރުމާއި، ދަރިން ތަރުބިއްޔަތުކުރުންފަދަ ބުރަ މަސްޢޫލިއްޔަތްތަކުގެ އެންމެ އިސްމަޤާމު އަދާކުރާނެ މީހަކީ އަނބިމީހާއެވެ. ކަންމިހެން ހުރިއިރު، އަނބިމީހާއަކީ މިކަމަށް ޤާބިލު، މިފަދަ ކަންކަމުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި ނެގޭނެ މީހަކަށް ވާންޖެހޭނެއެވެ. 

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައހިވަސައްލަމައަކީ، ހެޔޮކަމެއްވާނަމަ އެކަލޭގެފާނުގެ އުއްމަތަށް އެކަން ބަޔާންކޮށް ދެއްވާފައިވާ ބޭކަލެކެވެ. އަދި ނުބައިކަމެއްވާނަމަ އެކަމުންދުރުވެ އެއްކިބާވުމަށް، އެކަލޭގެފާނުގެ އުއްމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ވަނީ އަންބެއް ޚިޔާރުކުރުމުގައި ބަލާނެ ކަންތައްތަކަކަށް މަގު ދައްކަވާ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. 

"تُنْكَحُ الْمَرْأَةُ لأِرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ، تَرِبَتْ يَدَاكَ" 

މާނައީ: "ހަތަރުކަމަކަށްޓަކައި އަންހެނުންނާ ކައިވެނިކޮށް އުޅެއެވެ. އެއީ އެކަނބުލޭގެ މުދާވެރިކަމަށާއި، ޙަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ. (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. (އެބަހީ ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ.)"

(ބުޚާރީ 5090، މުސްލިމް 1466) 

މިޙަދީޘުން ދަލީލުލިބޭގޮތުގައި އަންބެއް ޚިޔާރުކުރުމުގައި ބަލަންޖެހޭ އެންމެ މުހިއްމުކަމަކީ އެކަނބުލޭގެ ދީން ވެރިކަމަށެވެ. ހަމައެއާއެކު ޚިޔާރުކުރާ އަންހެންމީހާއަކީ، އެމީހެއްގެ ޙަޔާތަށް އުފާވެރިކަމާއި ހިންހަމަޖެހުން ގެނެސްދޭނެ ފަދަ މީހެއްތޯ ބަލަންޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް ފުޅުތަކުގައި ވާފަދައިން، އުފާވެރިކަން ގެނެސްދޭނެ ކަންތަކުގެ ތެރެއިން އެއްކަމަކީ، އެއަންހެންމީހާއަށް ބަލާލައިފިނަމަ ހިތްހަމަޖެހޭ، އެނާއާ ދުރުގައިވާ ހިނދު، އެކަނބުލޭގެ ނަފްސާއި މުދަލާމެދު އެކަނބުލޭގެއަށް ޔަޤީންކަން އޮންނަ ޞާލިޙު އަންބެކެވެ. ހަމައެފަދައިން އަންހެންމީހާގެ އަޚްލާޤަށާއި، އެކަނބުލޭގެއަކީ ދަރިން ލިބޭ އަންހެނެއްތޯއާއި، އެކަނބުލޭގެ ރީތިކަމަށާއި، ޙަސަބަށާއިނަސަބަށް ރިޢާޔަތްކުރުންފަދަ ކަންކަމަކީ އެކަލޭގެފާނު އަޅުގަނޑުމެނަށް ދެއްވާފައިވާ މުހިއްމު ނަޞޭޙަތްތެކެވެ. 

ހަމައެފަދައިން ފިރިމީހާއަކީ އަނބިމީހާއާއި އެދެމީހުންނަށް ލިބޭ ދަރިންނަށް އަޅާލުމާއި، އެބައިމީހުން ސަލާމަތްތެރިކާމާއެކު ބެލެހެއްޓުމުގެ އިސްމަޤާމު އަދާކުރާ މީހާއެވެ. ކަންމިހެންހުރި އިރު، ކައިވެނިކުރާ ފިރިހެންމީހާއަކީ މިފަދަ ކަންކަމަށް ޤާބިލު، ކަމަށް އެކަށީގެންވާ މީހެއްތޯ ބެލުމަކީ އަންހެންމީހާއަށާއި އެއަންހެންމީހާގެ ވަލީވެރިޔާއަށް ވަރަށްވެސް މުހިއްމުކަމެކެވެ. މިގޮތުން އަންހެންމީހެކޭ އެއްފަދައިން ފިރިމީހެއް ޚިޔާރުކުރުމުގައި މަތީގައި ބަޔާންވެދިޔަ ޞިފަތަކަށް ރިޢާޔަތްކުރުމަކީ މުހިއްމުކަމެކެވެ.

 

- ޝައިޚް މުޙައްމަދު ސިނާން

 

މިއަދު އޮންލައިން