ދިރިއުޅެން ޚަރަދުކުރާނެ ފައިސާ ހޯދުމަކީ އަނބިމީހާ ކުރަން ވާޖިބްކަމެއް ނޫން! މަސައްކަތުން ފައިސާ ހޯދައި ޚަރަދުކުރާނަމަ ޝުކުރުވެރިވާންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ދިރިއުޅެން ޚަރަދުކުރާނެ ފައިސާ ހޯދުމަކީ އަނބިމީހާ ކުރަން ވާޖިބްކަމެއް ނޫން! މަސައްކަތުން ފައިސާ ހޯދައި ޚަރަދުކުރާނަމަ ޝުކުރުވެރިވާންވާނެ!

އަނބިމީހާއަށް ރަނގަޅު އާމްދަނީއެއް ލިބޭނަމަ ދިރިއުޅެން މަސައްކަތްކުރަން ބޭނުންނުވާބައަކު އެބައުޅެއެވެ. މިއީ އެއްގޮތަކަށްވެސް ޢަމަލުކުރަން ރަނގަޅު ގޮތެއް ނޫނެވެ. ގިނަފަހަރަށް އެކަން ދިމާވަނީ ކަންނެތްވުމުންނެވެ. ބުރަ މަސައްކަތްކުރަންޖެހޭ ވަޒީފާ އަދާކުރަން ބޭނުންނުވާތީއެވެ. އަދި ވަކިފެންވަރެއްގެ ވަޒީފާ ަދާކުރަން ލަދުގަންނަ މީހުންވެސް އުޅެއެވެ.  

އެކުވެރިއެއްގެ ހުރި ހަރުދަނާކަންވެސް ފާހަގަކޮށްލާނަމެވެ. އޭނާއަކީ ނޫސްވެރިއެކެވެ. މިދިއަ ސަރުކާރުގައި ހުރީ ސިޔާސީ މަޤާމެއްގައެވެ. ވެރިކަން ބަދަލުވެ ވަޒީފާ ގެއްލުމުން އެނބުރި ނޫސްވެރިކަމަށް އައުން އޭނާއަށްވީ ބުރަކަމަކަށެވެ. ނަމަވެސް އޭނާ މަސައްކަތްކުރަން ބޭނުންވެއެވެ. އެހެންވެ އޭނާކުރަނީ މަސްވެރިކަމެވެ.   

އަހުރެން އޭނާއަށްޓަކައި ފަޚުރުވެރިވަމެވެ. ދިރިއުޅެން ކުރާކަށް ވަކިމަސައްކަތެއް ނެތެވެ. އޮތީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކޮންމެ މަސައްކަތެއްވެސް ކުރުމެވެ. ވީމާ ވަކިފެންވަރެއްގެ މަސައްކަތެއް ނޫނީ ނުކުރަން ހުރުމެއް ނެތެވެ.

ކައިވެންޏަށްފަހު ދެމަފިރިންގެ ޚަރަދުތަކާއި އަދި ދަރިން ލިބުމުން ދަރިންގެ ޚަރަދުތައް ބެލެހެއްޓުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ނަމަވެސް އަނބިމީހާ ހެޔޮ ހިތުން އާމްދަނީ ހޯދަން މަސައްކަތްކޮށްދޭނަމަ އެއީ މައްސަލައެއް ނޫނެވެ.  

އެކަމުގައިވެސް މިހާރު މިވަނީ މުޅިން ތަފާތު އޮއިވަރެއް ފެށިފައެވެ. އެއީ އާމްދަނީ ހޯދަން ފިރިން މަސައްކަތްނުކޮށް ތިބެ އަނބިން ލައްވައި މަސައްކަތްކުރުވައި އޭނާއަށް ލިބޭ އާމްދަނީ ދިރިއުޅުމުވެ. މިއީ ވިސްނާލަން ޖެހޭނެ ކަމެކެވެ.  

ފިރިންގެ މަޤާމަކީ ހަމައެކަނި އަނބިދަރިންނަށް އަމުރުކުރުމެއް ނޫނެވެ. ފިރިންގެ މައްޗަށް އޮތް ފުރަތަމަ ވާޖިބަކީ ދިރިއުޅެން ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްކުރުމެވެ. ގަދަވެ ސަލާމަތުން ތިބެ އެވާޖިބު އަދާނުކުރާނަމަ އެއޮތީ މަސްއޫލިއްޔަތު އަދާކުރުމުން ފޭލްވެފައެވެ.  

ދެމަފިރިން އެކުގައި ވަޒީފާއަދާކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ގޭގެ ޚަރަދުތައް ކުރާނެ ފައިސާ ހިއްޞާކުރުމުގައި ދެމީހުން މަޝްވަރާކޮށް އެކަމަށް ރުހުމެވެ. އެއީ އަނބިމީހާ ވަޒީފާއަދާކުރިނަމަވެސް ގޭގެ ޚަރަދުތައްކުރަން އަނބިމީހާގެ މައްޗަށް މަޖުބޫރުނުކުރެވޭނެތީއެވެ. އެކަން ފާހަގަކުރައްވައި ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ ގޭގެ ޚަރަދުތަކާއި އަނބިމީހާގެ ޚަރަދުތައް ފިރިމީހާ ބެލެހެއްޓުމަކީ އަނބިމިހާއަށް ފިރިމީހާގެ ފަރާތުން ލިބެންޖެހޭ ޙައްޤެއް ކަމަށެވެ. އަދި އަނބިމީހާ މަސައްކަތްކޮށްގެން ހޯދާ ފައިސާއަކީވެސް އަނބިމީހާގެ ޙައްޤެއް ކަމަށެވެ.  

މަސައްކަތްކުރާ ގިނަ އަނބިން ފާހަގަކުރާ ގޮތުގައި އެމީހުން ކަންބޮޑުވަނީ އާމްދަނީ ހޯދަން މަސައްކަތްކުރަންޖެހޭތީއެއް ނޫނެވެ. އެމީހުންނަށް ކުރަން ނުޖެހޭ މަސައްކަތެއްކޮށް، އުފުލަން ނުޖެހޭ ބުރަ އުފުލައިގެން ހޯދާ އާމްދަނީން ކުރަން ނުޖެހޭ ޚަރަދުތަކެއް އެތައް އަހަރެއްވަންދެން ކުރުވާފައި ކުރި ޚިދުމަތުގެ އަގު ވަޒަންނުކޮށް ވަރިކޮށްލައި ބާކީކުރާކަމެވެ. ޒުވާން ޢުމުރު ބޭކާރުވެ ގައިބާރުދެރަވާފަހުން ނިކަމެތިވާންޖެހޭ ކަމެވެ.  

މިފަދަ ވާހަކަތަކުންވެސް އެނގެނީ ކައިވެންޏަށްފަހު ޢުމުރަށް އެކުގައި ދިރިއުޅެން މަސައްކަތްކުރުމުގެ މުހިންމު ކަމެވެ. އެކުގައި ޢުމުރަށް ދިރިއުޅެވޭނީ އެކަކު އަނެކެއްގެ އަގު ފުރިހަމައަށް ވަޒަންކޮށްގެންނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ވަފާތެރިވެގެންނެވެ.

 

- އަލަފް / މިއަދުނޫސް   

މިއަދު އޮންލައިން