ޢާއިޝަތު ރަފާޙް ޢަލީ
ގިނަބައަކަށް މަތީ ދަރަޖަ އޮންނަނީ އޮޅިފައެވެ. ހީކުރެވެނީ އެއީ ދުނިޔެއިން ތިމާއަށް ލިބޭ ތަނަވަސްކަމާއި ދަރަޖައާއި އާރާއި ބާރު ކަމަށެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އެކަން ޤުރްއާނުން މިއޮތީ އެނގޭށެވެ.
ހޫދް ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا نَرَاكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَاكَ اتَّبَعَكَ إِلَّا الَّذِينَ هُمْ أَرَاذِلُنَا بَادِيَ الرَّأْيِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍ بَلْ نَظُنُّكُمْ كَاذِبِينَ ﴿٢٧﴾
މާނައީ: "ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންކުރެ، كافر ވި ބޮޑުން ބުނެފޫއެވެ. ތިމަންމެންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ ތިމަންމެން، ކަލޭގެފާނު ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވި މީހުންނަކީ، ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމުއެވެ. (އެއުރެން تبع ވީ) މަތިމަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިއެއްތަ! ތިމަންމެން ހީކުރަނީ، ތިޔަބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަމުގައެވެ. (27)"
މިއާޔަތްތަކުން ލިބޭ ފިލާވަޅުތައް:
· ހުރިހާ ނަބިއްޔުންނާއި ރަސޫލުން ގޮވާލައްވަނީ އެއްކަމަކަށް ކަން، އަދި އެއީ ﷲ ތަޢާލާ އަށް އަޅުކަން ކުރުމަށް ކަން މިއާޔަތުން އެނގިގެންދޭ؛ އަޢްރާފް ސޫރަތުގެ 65 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۚ) މާނައީ: "އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ." މިއީ ހޫދްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ގޮވާލެއްވި މަގުވެސްމެއެވެ.
· ނޫޙްގެފާނު އެކި އުސްލޫބުތަކާއި އެކި ގޮތްތައް ދަޢުވަތް ދެއްވުމުގައި ބޭނުންކުރެއްވިއެވެ. އެގޮތުން މަޑުމާތްތިރިކަމާއި ލޯބިންނެވެ. އަދި ސިއްރާއި ފާޅުގައެވެ. ދުވާލާއި ރޭގަނޑުގައެވެ. އަދި ފުރަތަމަ މީސްތަކުންނަށް ޛިކުރުކުރުމަށާއި ޘަވާބުގެ ވާހަކަ ކިޔާދެއްވިއެވެ. އަދި ޢަޛާބުގެ ވާހަކަވެސް ކިޔާދެއްވިއެވެ. ނަމަވެސް އެމީހުން އެ ދަޢުވަތު ޤަބޫލެއް ނުކުރިއެވެ.
· ނަބިއްޔުންނާއި ރަސޫލުންގެ އިޚްލާޞްތެރިކަމާއި، ﷲ ތަޢާލާގެ ދަޢުވަތް ފެތުރުއްވުމުގައި މަސައްކަތް ކުރެއްވި މިންވަރު މިކަމުން ހާމަވެގެން ދެއެވެ. ﷲ ތަޢާލާ ހޫދް ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَيَا قَوْمِ لَا أَسْأَلُكُمْ عَلَيْهِ مَالًا ۖ إِنْ أَجْرِيَ إِلَّا عَلَى اللَّهِ ۚ) މާނައީ: އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، اللَّه ގެ حضرة ން ނޫނީ ނުވެއެވެ.
· ﷲ ތަޢާލާއަށް ޛިކުރުކުރުމާއި ހަނދުމަކުރުމާއި ކިޔަމަންތެރިވުމުގެ މުހިއްމުކަން އަންގައިދެއެވެ. އެގޮތުން ހޫދް ސޫރަތުގެ 41 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.( وَقَالَ ارْكَبُوا فِيهَا بِسْمِ اللَّهِ مَجْرَاهَا وَمُرْسَاهَا ۚ) މާނައީ: އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުންވަނީ، اللَّه ގެ اسم ފުޅުންނެވެ.