މިޒަމާނުގައި ގިނައީ އެމީހުންކުރާ ކަންކަމާއި އަދި އުޅޭ ގޮތް މަންމަވެސް ބަލަން ބޭނުންނުވާ ދަރިންނެވެ. ވިސްނެނީ މިތިބީ ބޮޑެތިވެފައިކަމަށާއި އުޅޭނެ ގޮތަކަށް އުޅެމުން ގެންދަންވީ ކަމަށެވެ. މަންމަވެސް ބެހިގެން ނުވާނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އިސްލާމް ދީނުގައި އޮތްގޮތެއް ނޫނެވެ.
ދަރިއަކު 100 އަހަރު ދުނިޔޭގައި ހުރެގެން ބެލިނަމަވެސް މަންމައަށްވުރެ ބޮޑަށް ތިމާއަށް ޚިދުމަތްކުރި މީހަކު ނުފެންނާނެއެވެ. މަންމައަށްވުރެ ބޮޑެތި ބުރަތައް އުފުލި މީހަކުވެސް ނުފެންނާނެއެވެ. ވީމާ ހުރިހާ ގޮތަކުން ބެލިނަމަވެސް ދަރިންނަށް އެންމެ ބޮޑަށް ހެޔޮއެދޭނީ މަންމައެވެ.
ހެޔޮލަފާ މައިން އަބަދުވެސް ދަރިންގެ ކަންކަމަށް ފާރަވެރިވާނެއެވެ. ފެންނަ ނުރަނގަޅު ކަންކަން އިޞްލާޙްކުރަން ބުނާނެއެވެ. އެއީ މައިންގެ ހިތުގައި ދަރިންނަށް އޮންނަ ލޯބީގެ ބޮޑުކަމުންނެވެ. ދަރިފުޅަށް އެއްވެސް ވަރެއްގެ ދެރައެއް ލިބެން ނުއެދޭތީއެވެ. އަދި ދަރިފުޅަށް ރަނގަޅު ގޮތް މެދުވެރިވުމަށް އެދެވޭތީއެވެ.
ހިތާމައަކީ ލޯބިން މަންމަ އެކަންކަން ކުރުމުން މަންމަދެކެ ރުލި އައުދެވޭތީއެވެ. ބުނެގެންނުވާނެ ބަސްތައްވެސް ބުނެވޭތީއެވެ. ބުނަން ހެއްޔެވެ؟ އެގޮތަށް ކަންތައް ކުރުމަކީ ލިބިގަނެވޭ އެންމެ ބޮޑު ދެރައެވެ. ސަބަބަކީ އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެކަމެވެ. އެހެންވެއްޖެނަމަ އެމީހަކަށް ލިބޭނެ ދެރައަށް ވިސްނާށެވެ!
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން