ކައިވެނިކުރަންވީ ހަމައެކަނި ތިމާއަށް އުފާވެރިކަން ހޯދާކަށްނޫން! ލިބެންހުރި ފައިދާތައް މާގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 5ސ
ކައިވެނިކުރަންވީ ހަމައެކަނި ތިމާއަށް އުފާވެރިކަން ހޯދާކަށްނޫން! ލިބެންހުރި ފައިދާތައް މާގިނަ!

ރަނގަޅު ކައިވެންޏަކާ ގުޅިފައިވާ މަޞްލަޙަތުތައް 

އިސްލާމްދީނުގައި ދައްކަވާދެއްވާފައިވާ މަތިވެރިގޮތަށް ކުރެވޭ ކައިވެންޏަކީ، އެކަމުގެ ސަބަބުން ފަރުދީގޮތުންނާއި އިޖުތިމާޢީގޮތުން ތަފާތު ފައިދާތަކެއް މުޖުތަމައައް ލިބިގެންދާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އޭގެތެރޭގައި: 

1.    ކައިވެންޏަކީ ދަރިފަސްކޮޅު ދެމިހުރުމުގެ އަޞްލެވެ. ކައިވެންޏަކީ ދަރިފަސްކޮޅު އިތުރުވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވަވާފައިވާ ސަބަބެކެވެ. ކައިވެނީގެ ސަބަބުން ދަރިފަސްކޮޅު އިތުރުވެ، މީސްތަކުންގެ ޢަދަދު ގިނަވެދެއެވެ. އުފާވެރި، ބާއްޖަވެރިކައިވެންޏަކީ މުސްލިމުންގެ ޢަދަދު ގިނަވެ، މުޖުތަމައަށް ފައިދާކޮށްދޭނެ ޖީލެއް ފެތުރިގެންދާނެ ކަމެކެވެ. 

2.    ކައިވެންޏަކީ ފަރުޖުތަކަށްވާ ރައްކާތެރިކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ހައްދަވާފައިވަނީ ޝަހްވަތްތަކެއް ލައްވާފައެވެ. ހަމައެހެންމެ އިންސާނާއަކީ ކެތްތެރިކަން ކުޑަ، ހަނދާންނެތުން ބޮޑު، ބަލި ނިކަމެތިމީހެކެވެ. ސަބަބެއްގެގޮތުން އިންސާނާގެ ހިތްއަބަދުވެސް ގޮވަމުންދަނީ އޭނާގެ ޝަހްވަތްތަކާ ދިމާލަށެވެ. ނަތީޖާއެއްގެގޮތުން އެފަދަ ޝަހްވަތްތަކަށް ވަރަށް ފަސޭހަކަމާއެކު އިންސާނާ ހުށަހެޅިދެއެވެ. މިގޮތުން މިޝަހްވާނީ އެދުންތައް މައިތިރިކޮށްދޭނެ މަގެއް ވަނީ އަޅުގަނޑުމެނަށް ދައްކަވާ ދެއްވާފައެވެ. އެއީ ކައިވެނީގެ މަގެވެ. ހެޔޮގޮތުގައި ކުރެވޭ ކައިވެންޏަކީ އެކަމުގެ ސަބަބުން މީހާގެ ޝަހްވަތްތެރިކަން މައިތިރިކޮށްދޭނޭކަމެކެވެ. ހަމައެހެންމެ މީސްތަކުންގެ މުޖުތަމަޢުތައް ފާސިދުވެ ހަލާކުވެދާފަދަ ޙަރާމް އަޑުތަކުންނާއި ބެލުންތަކުން މީހާ ސަލާމަތްކޮށްދޭނެ މަގެކެވެ. 

3.    ކައިވެންޏަކީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަޅާލުމާއި، ސަލާމަތްތެރިކަމާއި، ޚަރަދުބަރަދު ލިބުމުގެ މަގެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންހެންނުން ބެލެހެއްޓުމުގެ ޒިންމާއާއި އެކަނބަލުންނަށް ޚަރަދުބަރަދު ދިނުމުގެ ޒިންމާ ފިރިހެނުންނާ ޙަވާލުކުރައްވާފައެވެ. 

ﷲ ވަޙީކުރައްވާފައިވެއެވެ.  

((الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ))  النساء: ٣٤  

މާނައީ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائمވެގެންތިބޭ ބަޔެކެވެ. (އެއީ) އެބައިމީހުންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ."  

4.    ކައިވެންޏަކީ ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ހަމަހިމޭންކަން ލިބިގަތުމުގެ މަގެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

((وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً))  الروم: ٢١  

މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ." 

އަދިވެސް ވަޙީކުރައްވާފައިވެއެވެ.  

((هُوَ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا)) الأعراف: ١٨٩  

މާނައީ: "އެއިލާހީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުން، އެ ނަފްސުގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ." 

5.    ކައިވެންޏަކީ މުޖުތަމަޢުގެ އެއްބަޔަކު އަނެއްބަޔަކާދެމެދު އިޞްލާޙްކޮށް، މުޖުތަމަޢުގައި އުޚުއްވަތްތެރިކަން ޤާއިމުކޮށްދޭ ކަމެކެވެ. އަޅުގަނޑުމެން މުޖުތަމަޢުއައް ނަޒަރު ހިންގާލައިފިނަމަ، ޢަދަވާތްތެރިކަން އޮތް ދެ އާއިލާއެއްގެ ދެމެދުގައި ޞުލްޙަވެރިވެ، ކުރިން އެހާބޮޑު ގާތްކަމެއްނެތް އާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާވެގެން ދެއެވެ.  

6.    ހަމައެފަދައިން ކައިވެންޏަކީ އިންސާނީ މުޖުތަމަޢުތައް ނުބައި ފާހިޝް ޢަމަލުތަކުން ރައްކާތެރިކުރާކަމެކެވެ. އަދި ނަސަބުތައް ރައްކާތެރިވުމުގެ މަގެކެވެ. ހަމައެހެންމެ ޖަނަވާރުންނާ އިންސާނުންނާ ތަފާތުކޮށްދޭ ތަފާތުކޮށްދިނުމެކެވެ. މިއީ ޖަނަވާރުތަކުގެ މައްޗަށް އިންސާނުން މަތިވެރިވާކަށް ދަލީލުކޮށްދޭ ވަރުގަދަ ދަލީލެކެވެ.

(ނުނިމޭ) 


- ޝައިޚް މުޙައްމަދު ސިނާން

 

މިއަދު އޮންލައިން