މިއީ ކުށްކުރާ މަންމަވެސް ބައްޕަވެސް ސަމާލުކަންދޭންޖެހޭ ބޮޑުކަމެއް!: ކުށްފޮރުވަން ދަރިފުޅަށް ރިޝްވަތުދެމުން އައި މަންމައަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިއީ ކުށްކުރާ މަންމަވެސް ބައްޕަވެސް ސަމާލުކަންދޭންޖެހޭ ބޮޑުކަމެއް!: ކުށްފޮރުވަން ދަރިފުޅަށް ރިޝްވަތުދެމުން އައި މަންމައަކަށް ޖެހުނު ޙާލުގެ ވާހަކަ-

13 އަހަރުގެ ފިރިހެންދަރިފުޅު ތޭވީސްހާސް ރުފިޔާގެ އަގުހުރި ލެޕްޓޮޕެއް ހިފައިގެން އައިސް ގެއަށް ވަދެވުނީ މަންމައާއި ބައްޕަގެ ކުރިމައްޗަށެވެ. ދެމަފިރިން ފުރަތަމަ ހީކުރީ ކުއްޖެއެއްގެ އަތުން ބޭނުންކޮށްލަން ގެނައި އެއްޗެއް ކަމަށެވެ. އެހެންވެ ސުވާލުކުރުމުން ދަރިފުޅު ބުނީ އެއީ ކުއްޖެއްގެ އެއްޗެއް ނޫންކަމަށާއި ގަނެގެން ގެނައި އެއްޗެއް ކަމަށެވެ.  

ފުރަތަމަވެސް ފުންމައިގަނެވުނީ މަންމައަށެވެ. އެވަޤުތު ފިރިމީހާ އަނބިމީހާ މައިތިރިކުރުވާފައި ވަރަށް ލޯބިން ސުވާލުކުރިއެވެ. "ދަރިފުޅަށް ތިއަހައި ބައިވަރު ފައިސާ ލިބުނީ ކިހަނަކުންކަން ބައްޕައަށް ބުނެދީބަލާށެވެ!"  

ދަރިފުޅު ބުންޏެވެ. "އަންކަލް ގެއަށް އައުމުން ގެއިން ނުކުމެގެންދާމަތިން މަންމަ ދޭ ފައިސާ އާއި އަންކަލް އައިސްކްރީމްބޯން ދޭ ފައިސާ އަޅުގަނޑު އެއްކުރީއެވެ."  

އަނބިމީހާއަށް އަޑުގަދަކުރަން އުޅެވުނެވެ. ދެވަނަ ފަހަރުވެސް ފިރިމީހާ އަނބިމީހާ މައިތިރިކުރުވާފައި ދަރިފުޅުގެ ގާތުގައި ބުނީ ލެޕް ހިފައިގެން ކޮޓަރިއަށް ދިއުމަށެވެ. ދަރިފުޅު ކޮޓަރިއަށް ދިއުމުން ފިރިމީހާ ބުންޏެވެ. "ދަރިފުޅުދެކެ ރުޅިއަންނަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ ތެދުބުނީތީ ހެއްޔެވެ؟ ދެން ރަނގަޅުވާނީ ދަރިފުޅު ބަހައްޓާފައި އަންކަލް އާއިއެކު އުޅެން ދިއުމެވެ. އެއިރުން ދަރިފުޅަށް ރިޝްވަތުދޭކަށް ނުޖެހޭނެއެވެ."  

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ވީޑިއޯއެއްކަމަކު މިއީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ޢާންމުވަމުން އަންނަ ކަމެކެވެ. ކުށް ފޮރުވަން ދަރިންނަށް ފައިސާ ނުވަތަ އަގުބޮޑު އެއްޗެތި ދިނުމެވެ. މިދެވެނީ ރިޝަވަތެއްކަން ވިސްނައެއް ނުލައެވެ. އެކަމުން ދަރިފުލަށް ލިބޭނެ ދރައާއިމެދުގައިވެސް ވިސްނައެއް ނުލައެވެ.  

ވީމާ އަޅުގަނޑު އެދެނީ މަންމަވެސް ބައްޕަވެސް މިފަދަ ކަންކަމަށް ވިސްނުމަށެވެ. އެކުއްޖާއަށް ދިން ފައިސާގެ ބޭނުން އެކުރީ ރަނގަޅު ކަމަކަށެވެ. ނަމަވެސް ގިނަކުދިން ކުރާނީ ރަނގަޅުކަންކަމެއް ނޫނެވެ. ނުބައި ކުދިންނާއި ގުޅި ދުންފަތުގެ އިސްތިޢުމާލުކުރުން ފަަދ ކަންކަމަށްވެސް ޚަރަދުކުރާކަން ވަނީ ފާހަގަކުރެވިފައެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން