ކައިވެނިކުރަން ތަޝައްރަފް ފުދުމުން ކައިވެނިނުކޮށް ނުތިބޭށެވެ! އަދި ފުރަތަމަ ކައިވެނި ރޫޅުނަސް، ދެވަނަ ކައިވެނި ރޫޅުނަސް އަދި އެއަށްވުރެ ގިނަ ކައިވެނި ރޫޅުނަސް ކައިވެނި ކުރެވެން އޮތްނަމަ އެއްވެސް މީހަކު ކައިވެނިނުކުރަން ނުހުންނާށެވެ.
"އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ."
މިއީ ހަމައެކަނި އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް އޮތް ޙަދީޘްފުޅެއް ނޫނެވެ. އެންމެންނަށް އޮތް ޙަދީޘްފުޅެކެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
އިސްލާމްދީނުގައި ކައިވެނި
މިގޮތުން ހެޔޮގޮތުގައި މީސްތަކުންގެ ދަރިފަސްކޮޅު އިތުރުކުރެވޭނެ މަގުކަމުގައިވާ ކައިވެނީގެ މަގަށް އިސްލާމްދީން ވަނީ އެންމެ ފުރިހަމަގޮތުގައި މަގުދައްކަވާ ދެއްވާފައެވެ. މިދީނުގެ މަތިވެރި ދެދުސްތޫރަކަމުގައިވާ ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިވެތިވެގެންވާ ސުންނަތުގައި ވަނީ މިކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
((فَانكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَى وَثُلاثَ وَرُبَاعَ)) النساء: ٣
މާނައީ: “އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ.”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
((وَأَنكِحُوا الأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ)) النور: ٣٢
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ."
ހަމައެފަދައިން ކައިވެނިކުރުމަކީ ރަސޫލުބޭކަލުންގެ ސުންނަތެއްކަން ބަޔާންކުރައްވާ ވަޙީކުރައްވަފައިވެއެވެ.
((وَلَقَدْ أَرْسَلْنَا رُسُلاً مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجاً وَذُرِّيَّةً)) الرعد: ٣٨
މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންއިލާހު ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ."
މިފަދަ އެތައް އާޔަތަކުން ކައިވެނިކުރުމުގެ މުހިއްމުކަމަށް ދަލީލުކުރެއެވެ. ހަމައެފަދައިން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ފުޅުކުރައްވާފައިވެއެވެ.
"يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَّوَجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ"
މާނައީ: "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ."
(ބުޚާރީ 5065، މުސްލިމް 1400)
މިފަދަ އެހެނިހެން ޙަދީޘް، ކައިވެނިކުރުމުގެ މަތިވެރިކަމާއި، ކައިވެނިކުރުމަށް ހިތްވަރު ދެއްވުމާބެހޭގޮތުން ވާރިދުވެފައިވެއެވެ.
- ޝައިޚް މުޙައްމަދު ސިނާން