ކައިވެނިކުރުމުން ގިނަ ބައަކަށް މައްސަލަތައް ކުރިމަތިވާ ސަބަބާ އެކަމުން ސަލާމަތްވެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ކައިވެނިކުރުމުން ގިނަ ބައަކަށް މައްސަލަތައް ކުރިމަތިވާ ސަބަބާ އެކަމުން ސަލާމަތްވެވޭނެ ގޮތް!

ކޮންމެ ދެމީހަކު ނަމަވެސް ލޯބިވުމަށްފަހު ކައިވެނިކުރެވެންދެން ޙަލާލު ގޮތުގައި ތިބޭނަމަ އެވެވެނީ ވަރަށް ބޮޑު ޤުރްބާނީއެކެވެ. އެހެނީ ދެމީހުންގެ ހިތުގައިވެސް ތަފާތު އިޙްޞާޞްތައް ކެކި އުތުރިއަރާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އެކަންކަމަށް ކެތްތެރިވުމަކީ ވަރަށް ބޮޑު ޤުރްބާނީއެކެވެ. ނަމަވެސް އެޤުރްބާނީ ވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތްވެސް ހަމައެހައި ބޮޑުވާނެއެވެ. އިން ޝާ ﷲ  

ދެން އަންނަނީ ކައިވެނިކުރުމެވެ. ކައިވެންޏަށްފަހު އަންނާނީ ހަނީމޫންގެ ދުވަސްތަކެވެ. އެދުވަސްތަކުގައި ދެމީހުންގެ މެދަކު މައްސަލަތަކެއް ނުޖެހޭނެއެވެ. ވަޤުތުތައް ހޭދަކުރެވޭނީ މުޅިނަ އައު ކަންތައްތަކެއް ތަޖުރިބާ ކުރުމުގައެވެ.  

މައްސަލަތައް ކުރިމަތިވާން ފަށާނީ ހަނީމޫން ނިމުމުންނެވެ. އެކުގައި ދިރިއުޅެން ފެށުމުންނެވެ. އެހެންވެ ކައިވެނީގެ ފުރަތަމަ އަހަރުވެފައި އޮންނަނީ އެންމެ އުނދަގޫ އަހަރު ކަމުގައެވެ. ސަބަބަކަށްވަނީ އެކުގައި ދިރިއުޅެން ފެށުމުން ޚިޔާލު ތަފާތު ވަރަށް ގިނަ ކަންކަން ކުރިމަތިވާނެތީއެވެ. "ތިއައީ ތިބާގެ ކިބައިން އަހުރެން ހީވެސް ނުކުރާ ކަމެއް!" ކަމަށް ބުނަންޖެހޭނެ އެތައް ކަމެއް ކުރިމަތިވާނެއެވެ.  

އެކަމަކު ބުނަން ހެއްޔެވެ؟ ދެމީހުންނަކީ އެކަކު އަނެކަކު ދެކެ ޙަޤީޤީ ލޯބިވާ ދެމީހުން ކަމަށްވެފައި ލޯބިން އެކުގައި 1 އަހަރު ހޭދަކުރެވިއްޖެނަމަ މުޅި ޢުމުރުވެސް އެކުގައި ހޭދަކުރެވޭނެއެވެ. އެއް އަހަރަށްފަހު އަނެކާގެ ކިބައިގައި މިވެނި އެވެނި ސިފަތަކެއް ހުންނާތީ އެކުގައި ނުއުޅެވޭނެ ކަމަށްބުނާނަމަ އެބުނާބަހުގައި އިޚްލާޞްތެރިކަމެއް ނެތެވެ. ފޮރުވިފައިވާ ކޮންމެވެސް ސަބަބެއް އޮންނާނެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ކައިވެނިކޮށްގެން އެކުގައި ދިރިއުޅެން ފެށުމުން ވަރަށް ގިނަ އިތުރު  މޮޅު ގޮތްތައް ފެންނާނެއެވެ. މާރީތި މީހުންވެސް ފެންނާނެއެވެ. މާބޮޑަށް ލޯބިވާކަމަށްބުނާ މީހުންނާއިވެސް ބައްދަލުވާނެއެވެ. އެފުރުޞަތުތައް ކިތަންމެ ގިނައިން ލިބުނަސް ނަމަނަމަ ދީލައިނުލާށެވެ! އެއިން ކޮންމެ ފުރުޞަތެއްގެ ފަހަތުގައިވެސް ބަލައި ފާރަވެރިވެގެން ޝައިޠޯނާ ހުންނާނެއެވެ. މަޅީގައި ޖެހެވިއްޖެނަމަ ޝައިޠޯނާއަށް ހެވުނުހައި ބާރަކަށް ހޭނނެއެވެ.  

އެއީ ކީއްވެގެން ހެއްޔެވެ؟ ތިބާ ލައްވައި ފާފަތަކެއް ކުރުވޭނެކަމަށް ޔަޤީންކުރެވޭތީއެވެ. ކޮއްޕަމުން ނަރަކައާއި ދިމާއަށް ގެންދެވޭނެކަން ޔަޤީންކުރެވޭތީއެވެ. ވީމާ ކައިވެނިކުރުމަށްފަހު ކޮންމެ ދެމަފިރިއަކުވެސް މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. ޝައިޠޯނާގެ މަޅިފަތީގައި ނުބެދޭށެވެ.  

އެކަމަށް އޮތް އެންމެ ޔަޤީންކަން ބޮޑު މަގަކީ ދެމަފިރިން އެކުގައި ރޭއަޅުކަންކުރަމުން ގެންދިއުމެވެ. ކައިވެނިކުރާ ދުވަހުން ފެށިގެންވެސް އެންމެ 2 ރަކްޢަތް ނަމަވެސް ރޭއަޅުކަން ދެމަފިރިން އެކުގައި ކުރަމުން ގެންގޮސްބަލާށެވެ! ޝައިޠޯނާއަށް ވައިވެސް ނުއެޅެވޭނެއެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތް އޮހެމުންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން