އެއީ ތަނަވަސް އަންހެނެކެވެ. ހުރީ އެންމެ ދަރިއެކެވެ. އެއީ 7 އަހަރުގެ އަންހެން ކުއްޖެކެވެ. ކައިވެނި ރޫޅި އަހަރުވީފަހުން ދެވަނަ ކައިވެނިކުރިއެވެ. ކައިވެންޏަށް 3 މަސްވެސް ނުވަނީސް ފެނުނީ ދަރިފުޅު އުނގައްލައިގެން ދަރިފުޅުގެ މޭމަތީގައި އަތްކާތާތަނެވެ.
އަނބިމީހާ ދަރިފުޅު ގެންގޮސް ކޮޓަރިއަށް ވައްދައި ނިދަންބާއްވާފައި އައިސް ފިރިމީހާއަށް ބުންޏެވެ. "އަހުރެން ތިބާދެކެ ވަރަށް ލޯބިވަމެވެ. ތިބާއާއިމެދު ކަންކަން ކުރަމުން މިއައީވެސް ވަރަށް ރަނގަޅަށެވެ. ނަމަވެސް ތިބާގެ ކިބައިން މިފެނުނީ ދެކެން އެންމެ ބޭނުންނުވާ ކަންތަކެވެ. އެކަމަށް މާފުކުރެވޭކަށްވެސް ނެތެވެ. އެއީ ތަކުރާރު ނުކުރާނެ ކަމަށް އިތުބާރުކުރެވެން ނެތީމައެވެ.
ތިބާގެ އުނގަށް ދަރިފުޅު ލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދަރިފުޅުގެ މޭމަތީގައި ބީހުނު ބީހުން ޤަބޫލެއް ނުކުރަމެވެ. އަތްއުނގުޅައި ކޮށްޓައި ހެދިހެދުން އެއީ ވަރަށް ބޮޑު ގޯހެކެވެ. ނިދަން ތިބޭއިރު ތިބާ ދައްކަނީ އަހުރެންގެ މޭމަތި ރީތިވެފައި ބޮޑުވާހަކައެވެ. އެހެންވީއިރު މާމަތި ނުވެސް ނެތް ކުޑަކުއްޖެއްގެ މޭމައްޗާ އެގޮތަށް ކުޅެންޖެހެންވީ ސަބަބެއް ނުވިސްނެއެވެ.
ދެން ކޮށްޓާނެ ތަނެއް އެނގެނީއެއްވެސް ނޫނެވެ. ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ހުންނާކަށް ބޭނުމެއް ނޫނެވެ. ވީމާ ވަރިކޮށްފައި އަވަހަށް ނުކުމެގެންދާށެވެ. މަތިމައްޗަށް ސަތޭކަ ހުވާ ކުރިޔަސް އަޑުއަހާކަށް ނެތީމެވެ. ކުރާ ހުވައަށް ޢަމަލުކުރާނެ މީހަކު ތިއަ ބާވަތުގެ ކަންކަމެއް ނުކުރާނެއެވެ." އެެހން ބުނެފައި އިތުރު ވާހަކައެއް ދައްކަންވެސް ފުރުޞަތު ނުދީ ގެއިން ނެރެ ފޮނުވައިލީއެވެ.
އަހުރެން ބުނާނީ ތަނަވަހަސް ތަނަވަސް ނޫންނަމަވެސް ކޮންމެ މަންމައަކުވެސް ޢަމުލުކުރަންވާނީ އޭނާ ކަންތައް އެކުރި ގޮތަށް ކަމަށެވެ. ކަންކަން ގޯހުން ގޯހަށްދަނީ މިބާވަތުގެ ކަންކަން ފެނުމުން ވަޤުތުން ފިޔަޅު ނުއެޅޭތީއެވެ. އެމަންމަ އެބުނީ ކޮންމެ މަންމައަކުވެސް ބުނަންޖެހޭނެ ގޮތަށެވެ. ކަންތައް އެކުރީވެސް ކޮންމެ މަންމައަކުވެސް ކަންތައްކުރަން ޖެހޭނެ ގޮތަށެވެ. މިބާވަތުގެ އަނިޔާތަކުން ދަރިން ސަލާމަތްކުރެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން