ދޮންދަރިއަކަށްވީތީ އިހްމާލުވުމުގެ ވިސްނުން ގެންގުޅުނު އަންހެނަކަށް ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދޮންދަރިއަކަށްވީތީ އިހްމާލުވުމުގެ ވިސްނުން ގެންގުޅުނު އަންހެނަކަށް ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

އަނބިމީހާ ނިޔާވުމުން ދެވަނަ ކައިވެނިކުރަމުންވެސް އޭނާ ބުނީ ބައިވެރިއަކު ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ ލިބިފައިވާ އެންމެ ދަރިފުޅަށް މަންމައެއް ހޯދައިދިނުންކަމަށެވެ. ކައިވެނިކުރާނީވެސް ދޮންމަންމައަކަށްވެގެންހުރެ މަންމަގެ ދައުރު އަދާކޮށްދޭނެނަމަ ކަމަށެވެ. ކައިވެނިކުރީ އެކަމަށް ރުހުމުންނެވެ.  

ކައިވެނިކުރެވުމާއިއެކު އަނބިމީހާގެ ވިސްނުން ބަދަލުވިއެވެ. ޥަޢުދު އުވައިލިއެވެ. ދޮންދަރިފުޅަށް އިހުމާލްވާން ފެށިއެވެ. ގަޑިއަށް ކާންދިނުމުގައިވެސް ފަރުވާކުޑަކުރަންފެށިއެވެ.  

އެއްދުވަހު އޮފީސް ނިމިގެން 3 ޖެހިއިރު ގެއަށް އައިއިރުވެސް ހުރީ މެންދުރު ކާންނުދީއެވެ. ދަރިފުޅު އެކަމުގެ ޝަކުވާ ނުކުރިނަމަވެސް ދަރިފުޅުގެ މޫނުމަތިން އެކަމުގެ އަސަރު ފެންނަން ހުރުމުން ބައްޕަ ސުވާލުކުރީ މެންދުރު ކެއީ ކޮންއެއްޗެއްތޯއެވެ؟ ދަރިފުޅަށް ބުނަންޖެހުނީ އަދި ކާން ނުލިބޭ ކަމަށެވެ.  

އަނބިމީހާއާއި ސުވާލުކުރުމުން ބުނީ ގޭގެ މަސައްކަތްތައް ތަންކޮޅެއް ގިނަވީމާ އިހްމާލުވެވުނީ ކަމަށެވެ. ފިރިމީހާ ބުނީ ކައިވެނިކުރީ ހުރިހާ ކަމެއް ކިޔައިދީފައިކަމަށާއި ދަރިފުޅަށް ކާންނުދީ ކުރަންޖެހޭނެ މަސައްކަތެއް އެގޭގައި ނުއޮންނާނެ ކަމަށެވެ.  

އަނބިމީހާ ނަހަނާތައް ދައްކަން ފެށުމުން ބުނީ ތިބާގެ ރީތިކަން މުހިންމު ނޫންކަމަށާއި މިހިސާބުން ރަނގަޅުވާނީ އެނބުރިގެއަށް ދިއުން ކަމަށެވެ. އެންމެ މުހިންމީ ދަރިފުޅު ކަމަށްވުމުން މިނޫން ގޮތެއް ނެތް ކަމަށެވެ. އަނބިމީހާ ވަރަށް ދެރަވިއެވެ. އެއީ އަޚްލާޤް ރަނގަޅު ތަނަވސް ފިރިއަކާއި ވަކިވާންޖެހުމުންނެވެ.  

އޭނާ ދެން ކައިވެނިކުރީ ސިފަރީތި ނޫން ނިކަމެތި އަންހެނަކާއެވެ. އޭނާގެ ޙާލަތު އޭނާއަށް ވިސްނޭތީއާއި ފިރިމީހާ އެންމެ ބޭނުންވާ ކަންތައް އެނގޭތީ ދަރިފުޅުގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓިއެވެ. ނަތީޖާއަކީ ކައިވެންޏަށް 20 އަހަރުވީއިރުވެސް އެކުގައި އުފަލުގައި އުޅެވެމުން އަންނަ ކަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ލޮބުވެތި ކަނބަލުންނަށް ބުނެލަން އޮތީ ދަރިން ތިއްބައި ކައިވެނިކޮށްފިނަމަ އަމިއްލަ ދަރިންނަށްވުރެވެސް ރަނގަޅަށް ކަންކަންކޮށްދޭށެވެ. ނޫންނަމަ ގިނަ ފަހަރު މެދުވެރިވާނީ މިފަދަ ހިތްދަތި ގޮތްތަކެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން