އީރާނުގެ މައްޗަށް ލިބުނު މި ބޮޑު ނަޞްރަކީ، ﷲގެ ޚާއްޞަ އިނާޔަތާއި އެހީތެރިކަމެވެ. ސަޢުދު ބިން އަބީ ވައްޤާޞްގެ ޙިކުމަތްތެރިކަމާއި، ހަނގުރާމައިގެ ރޭވުންތެރިކަމުގެ މޮޅުކަމެވެ. އަލްޤަޢުޤާޢު ބިން ޢަމްރު ފަދަ ބިރުކުޑަ، ޖެހިލުންކުޑަ ފަހުލަވާނުންގެ ނުގުޑާފަދަ ގުރުބާނީތަކުގެ ފޮނި ނަތީޖާއެވެ.
މިއީ މުސްލިމުންނާ ދެކޮޅަށް ދުޝްމަނުން، ތިން ދުވަހުގެ ދިގު މުއްދަތަކަށް ހަނގުރާމައިގެ މައިދާނުގައި ސާބިތުވެތިބި ފުރަތަމަ ފަހަރެވެ. އެ ޒަމާނުގައި އާންމުކޮށް ހަނގުރާމަތައް ނިމިގެންދަނީ، އެއް ދުވަހުގެ ކުރިމަތިލުންތަކުންނެވެ. ނަމަވެސް، މުސްލިމުންނަށް ފުލުފުލުން ލިބެމުންދިޔަ މަތިވެރި ކާމިޔާބީތައް ފެނި، އީރާނުގެ މީހުންނަށް އޮތީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. އެހެންކަމުން، އެމީހުން މި ހަނގުރާމައަށް ތައްޔާރުވީ ހުރިހާ ބާރެއް ނެރެގެންނެވެ. އެބައިމީހުން ދެކުނު ގޮތުގައި، މިއީ އެމީހުންގެ ބިޔަ އެމްޕަޔަރު (ރަސްކަން) ސަލާމަތްކުރަން ލިބޭނެ އެންމެ ފަހު ފުރުޞަތެވެ.
އީރާނުގެ މީހުން މި ހަނގުރާމައަށް އައީ، އެމީހުންގެ ލަޝްކަރުގައި ހުރި އެންމެ ކާމިޔާބު، އަދި އެންމެ ތަޖުރިބާކާރު ޖެނެރަލް ކަމަށްވާ ރުސްތުމް ގޮވައިގެންނެވެ. ހަނގުރާމައަށް އައިއިރު އީރާނުގެ ލަޝްކަރު، މުސްލިމުންގެ ލަޝްކަރަށްވުރެ ހަތަރުގުނަ ބޮޑެވެ. ހަގީގީ އަދަދަށް ބަލާއިރު، ދުޝްމަނުންގެ ލަޝްކަރުގައި އެއްލައްކަ ވިހިހާސް ސިފައިން ހިމެނެއެވެ. ނަމަވެސް، މުސްލިމުންގެ ލަޝްކަރުގައި ތިބީ އެންމެ ތިރީސްހާސް މުޖާހިދުންނެވެ. މީގެއިތުރުންވެސް، ރުސްތުމްގެ ލަޝްކަރަށް އެހީތެރިވުމަށް ރިޒާވް ސިފައިންނާއި، ޚިދުމަތްތެރިންނާއި، އެކި ބައިބަޔަށް ނިސްބަތްވާ ފައުޖުތައް ތިއްބެވެ. އީރާނުގެ ރަސްގެފާނު ޔަޒްދުގިރުދު ދިޔައީ، ކޮންމެ ދުވަހަކުވެސް ލަޝްކަރަށް އިތުރު އައު ސިފައިން ފޮނުވައި އެހީތެރިވަމުންނެވެ.
މިއީ އެއްވެސް ޝައްކެއްނެތްގޮތުގައި، މުސްލިމުންނަށް ލިބުނު ތާރީޚީ ބޮޑު ނަޞްރެކެވެ. ނަމަވެސް، މި ކާމިޔާބީ ހާސިލުކުރުމަށްޓަކައި، މުސްލިމުންނަށް ނުހަނު ގިނަގުނަ ގުރުބާނީތަކެއް ވާންޖެހުނެވެ. ކުރީގެ ހަނގުރާމަތަކާ ޚިލާފަށް، މި ހަނގުރާމައިގައި އަށްހާސް ފަސްސަތޭކަ މުޖާހިދުން ޝަހީދުވިކަމަށް، ތާރީޚު ލިޔުންތެރިން ލަފާކުރެއެވެ. މިފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މުސްލިމުން ހަނގުރާމަކުރީ ނުހަނު ކެތްތެރިކަމާއި ބަތަލުންގެ ނަމޫނާ ދައްކަމުންނެވެ. ﷲ ގެ މަތިވެރި ދީނަށްޓަކައި އެބޭކަލުންގެ ފުރާނަ ގުރުބާންކުރަން ތައްޔާރަށް ތިބިކަން، މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވިއެވެ.
ރުސްތުމް ޤަތުލުވެ، އީރާނުގެ ލަޝްކަރު މުޅިން ބަލިވެ އިނދަޖެހުނު ޚަބަރު ސަޢުދު ބިން އަބީ ވައްޤާޞްއަށް ލިބިވަޑައިގަތުމާއެކު، އެކަލޭގެފާނު ޚާއްޞަ އަމުރެއް ނެރުއްވިއެވެ. އެއީ ފިލައިގެންދާ ދުޝްމަނުން އަތުލައިގަތުމަށް، އެބައިމީހުންގެ ފަހަތުން ދިޔުމަށެވެ. މުސްލިމުން އެމީހުންގެ ފަހަތުން އަތުވެދާނެތީ، އެކަމަށް ހުރަސްއެޅުމުގެ ގޮތުން ދުޝްމަނުންވަނީ އަލްޢަތީޤް ކޯރުގެ މަތީގައި އަޅާފައިވާ ފާލަން ހަލާކުކޮށްލާފައެވެ. ނަމަވެސް، އިސްލާމްދީނުގެ ހޫނު ލޭހިނގާ މަޝްހޫރު ދަރިއަކު އަދި ޚާއްޞަ ފައުޖެއްގެ ކޮމާންޑަރަކު، ތިންސަތޭކަ މުޖާހިދުންނާއެކު ފިލަންދުވި އީރާނުގެ މީހުންގެ ފަހަތުން، ވަރަށް ކެރިގެން ކުރިއަށް ދުއްވައިގަތެވެ. އެ މަޝްހޫރު ކޮމާންޑަރަކީ، ޒުހުރާ ބިން ޙަވިއްޔާ އައްތަމީމީއެވެ.
އެ ބިންދާލާފައިވާ ފާލަމާ ހަމައަށް ދެވުމުން، ޒުހުރާ ބިން ޙަވިއްޔާ އައްތަމީމީއާއި އެކަލޭގެފާނުގެ އަސްވާރުން ކޯރުގެ ތެރެއަށް ފުންމާލައި، ކޯރު ހުރަސްކުރަން ފެއްޓެވިއެވެ. ޒުހުރާ އެކަލޭގެފާނުގެ އަސްވާރުންނަށް އަމުރުކުރެއްވީ، ހަލާކުކޮށްލާފައިވާ ފާލަމުގެ ބައިބައިގެ މަތިން އަސްތައް ދުއްވާފައި ގޮސް ކޯރު ހުރަސްކުރުމަށެވެ. އެއަށްފަހު، އެކަލޭގެފާނު ގޮސް ފިލަންދުވި ފާރިސީންނާ އަރާ ހަމަކުރެއްވިއެވެ. އޭރު އެމީހުންގެ ފަހަތް ބަލަހައްޓައި ހިމާޔަތްދޭން ހުރީ ޖާލީނޫސްއެވެ. ޖާލީނޫސްއަކީ، އީރާނުގެ ލަޝްކަރުގައި ހުރި މަތިވެރި އަދި ހިތްވަރުގަދަ ޖެނެރަލެއް ކަމަށް ބެލެވޭ މީހެކެވެ. ޒުހުރާ އޭނާއާ އަރާ ހަމަކުރައްވައި، ހަނގުރާމަކުރަން އޭނާއަށް މަޖުބޫރުކުރެއްވިއެވެ. ޖާލީނޫސް ފަސްޖެހިފައި ހުރެ، ހަނގުރާމައިގެ ތެރެއަށް ވަދެއްޖެއެވެ. އޭނާގެ މަރު ލިޔުއްވާފައިވަނީ ޒުހުރާގެ އަތްޕުޅުގައެވެ. އެހެންކަމުން، ޒުހުރާ ނުހަނު އަވަސް ފުރުސަތެއްގައި އޭނާ ޤަތުލުކޮށްލެއްވިއެވެ.
ދެން ޒުހުރާ އޭނާގެ އަހާއި، ކަނޑިއާއި، އެހެނިހެން ހަތިޔާރުތައް އެކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނެވިއެވެ. އެއަށްފަހު، އަނެއްކާވެސް އެކަލޭގެފާނު މިސްރާބުޖެއްސެވީ، ފިލަންދުވަމުންދިޔަ އީރާނުގެ ސިފައިންގެ ފަހަތުން ދިޔުމަށެވެ. އެބޭކަލުން ދުޝްމަނުންގެ ފަހަތުން ވަރަށް ދުރަށް ދިޔައެވެ. ދުޝްމަނުންގެ ފަހަތުން ގޮސް، އީރާނުގެ ސިފައިންގެ ބޮޑު ބައެއް ޤަތުލުކުރިއެވެ. އެއަށްފަހު، ޒުހުރާއާއި އެކަލޭގެފާނުގެ އަސްވާރުން ޤާދިސިއްޔާގައިވާ މުސްލިމުންގެ ފޭލިގެތަކަށް އެނބުރި ވަޑައިގަތްއިރު، ދުޝްމަނުންގެ ބާރު އޮތީ މުޅިން ކަނޑުވާލެވިފައެވެ.
ހަނގުރާމައިގެ މައިދާނުގައި ހުންނެވި މުސްލިމް ލަޝްކަރުގެ އަމީރަކީ، ސަޢުދު ބިން އަބީ ވައްޤާޞް (ރަޟިޔަﷲ ޢަންހު) އެވެ. ނަމަވެސް، މަދީނާގައި އިންނަވައިގެން މުޅި އިސްލާމީ ލަޝްކަރު ތަރުތީބުކުރައްވައި، ހަނގުރާމައިގެ ކަންތައްތައް ގާތުން ބައްލަވަމުން ގެންދެވި އަނެއް ކޮމާންޑަރަކީ، އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު (ރަޟިޔަﷲ ޢަންހު) އެވެ. ހަނގުރާމައިގެ މައިދާނާ އެތައް ހާސް ކިލޯމީޓަރެއްގެ ދުރުގައި ހުންނަވައިގެން، އެކަލޭގެފާނު ގެންދެވީ މައިދާނަށް މެދުކެނޑުމެއްނެތް އިރުޝާދުތަކާއި އަމުރުތައް ފޮނުއްވަމުންނެވެ.
ޢުމަރުގެފާނަށް މި ހަނގުރާމައިގެ ކާމިޔާބީގެ ޚަބަރު، ސަޢުދު ބިން އަބީ ވައްޤާޞް (ރަޟިޔަﷲ ޢަންހު) ފޮނުއްވީ ސަޢުދު ބިން އުމައިލާ މެދުވެރިކޮށެވެ. ސަޢުދުގެފާނު ފޮނުއްވި ސިޓީފުޅުގައި ލިޔުއްވާފައިވެއެވެ.
[ފާރިސީންގެ މައްޗަށް ފަތަޙަ މިންވަރުކުރެއްވުމަކީ، ހަމަކަށަވަރުން އަޅުގަނޑުމެންގެ މައްޗަށް ލެއްވި މާތްﷲގެ ޚާއްޞަ ފަޟްލުވަންތަކަމާއި ބަރަކާތެކެވެ. މި ފަތަޙަ ލިބިގެންދިޔައީ، ނުހަނު ދިގުލީ ހަނގުރާމައަކާއި، ބިރުވެރި ގަދަފަދަ ކުރިމަތިލުންތަކަކަށް ފަހުގައެވެ. މުސްލިމުންގެ އަތުގައި ހަތިޔާރު ހުރި ނަމަވެސް، ދުޝްމަނުން މުސްލިމުންނާ ކުރިމަތިލީ، މީގެކުރިން ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ ފަދަ ބާރުގަދަ، ބިޔަ ލަޝްކަރަކާއިގެންނެވެ.
މުސްލިމުންގެ ތެރެއިން، ޤުރުއާން ކިޔެވުމުގެ މާހިރެއް ކަމުގައިވާ ސަޢުދު ބިން ޢުބައިދުއާއި، ގިނަ ބޭކަލުންތަކެއްވަނީ ޝަހީދުވެފައެވެ. އެ ބޭކަލުންގެ ޞައްޙަ ޢަދަދު ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ އެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވުމުން، އެބޭކަލުން ކީރިތި ޤުރުއާން ގިނަގިނައިން ތިލާވަތުކުރައްވައެވެ. މި މުޖާހިދުންނަކީ ހަމަ ޙަޤީޤީ ސިންގާތަކެކެވެ. އަދި ކިއެއްތަ، ޖަންގަލީގެ ސިންގާތައްވެސް ހިތްވަރުގެ ގޮތުން އެބޭކަލުންނާ އެއްވަރެއް ނުވެއެވެ.
މި ހަނގުރާމައިން ސަލާމަތްވި ބޭކަލުންނަކީވެސް ނަޞީބުވެރި، އެބޭކަލުންގެ ދަރަޖަ މަތިވެރި ބޭކަލުންނެވެ. ނަމަވެސް، ޝަހީދުވެދިޔަ ބޭކަލުން އެބޭކަލުން ޝަހީދުވުމުގެ މަތިވެރިކަމުގެ ސަބަބުން، ދިރިތިއްބެވި ބޭކަލުންނަށްވުރެ މާ މަތިވެރިވެގެންވެއެވެ.]
މި މުހިންމު ހަނގުރާމައާމެދު ޢުމަރުލް ފާރޫޤް ހުރި ޝައުޤުވެރިކަމެއްގެ ބޮޑުކަމުން، އެކަލޭގެފާނު ގެންދެވީ މަދީނާއަށް އަންނަ ކޮންމެ ޤާފިލާއަކާ ސުވާލުކުރައްވައިގެން، އެ ހަނގުރާމައިގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވަމުންނެވެ. އެކަލޭގެފާނު ކޮންމެ ދުވަހަކު ހެނދުނު، މަދީނާގެ ރަށުން ބޭރަށް ނުކުމެވަޑައިގެން، ހަނގުރާމައިގެ މައިދާނުން ޚަބަރު ހިފައިގެން އަންނަ މީހެއްގެ އިންތިޒާރުގައި ހުންނަވައެވެ. މެންދުރުވުމުގެ ކުރިން އެނބުރި މަދީނާއަށް ވަޑައިގަންނަވައެވެ. އެއްދުވަހަކު އެގޮތަށް ނުކުމެވަޑައިގެން ހުންނަވަނިކޮށް، އަލްޤާދިސިއްޔާގެ ފަތަހައިގެ އުފާވެރި ޚަބަރާއިގެން ޖަމަލެއްގެ މަތީގައި މީހަކު މަދީނާއަށް ވަދެއްޖެއެވެ.
އެމީހާ މަދީނާއަށް ވަންނަން އުޅެނިކޮށް، ޢުމަރު ބްނުލް ޚައްޠާބު އެކަލޭގެފާނު ހުއްޓުވައި ސުވާލުކުރެއްވިއެވެ. [ޒުވާނާއޭ! ތިޔައީ ކޮންތާކުން އައި މީހެއް؟]
އޭނާ ޖަވާބުދިނެވެ. [އަލްޤާދިސިއްޔާގެ މައިދާނުންނެވެ.] އޭނާއަށް އެއީ ޢުމަރުގެފާނު ކަމެއް ނޭނގެއެވެ. ޢުމަރު ބްނުލް ޚައްޠާބަކީ، ނުހަނު ހިތްތިރި ބޭކަލެކެވެ. އެކަލޭގެފާނު އޭނާއަށް އެއީ މުއުމިނުންގެ އަމީރު (ޚަލީފާ) ކަމެއް ނުއަންގަވައެވެ. ޚަބަރު ހިފައިގެން އައި މީހާ އިނީ ޖަމަލުމަތީގައެވެ. ޢުމަރުގެފާނު ވަޑައިގަތީ އޭނާގެ ފަހަތުން ހިނގަވާފައެވެ.
ޢުމަރުގެފާނު ސުވާލުކުރެއްވިއެވެ. [އަލްޤާދިސިއްޔާގެ ކަންތައްތައް ދިޔައީ ކިހިނެއް؟ ހަނގުރާމައިގެ ނަތީޖާއަކީ ކޮބާ؟] އެހިސާބުން، އޭނާ މުސްލިމުންނަށް ލިބުނު ފަތަހައިގެ އުފާވެރި ޚަބަރު ދިނެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. [ވީގޮތް ތަފްޞީލުކޮށް ކިޔައިދީބަލާށެވެ. މުސްލިމުން މޮޅުވީ ކިހިނެއް؟]
ޚަބަރު ހިފައިގެން އައި މީހާ ޖަމަލުމަތީގައި އިނދެގެން، ކަންތައް ހިނގިގޮތް ތަފްޞީލުކޮށް ކިޔައިދޭން ފެށިއެވެ. ޢުމަރުގެފާނު ހަނގުރާމައިގެ މަޢުލޫމާތުތައް އަޑުއައްސަވަމުން، ބާރަށް ހިންގަވާފައި އޭނާގެ ފަހަތުން ވަޑައިގަތެވެ. މަދީނާއަށް ވަދެވުމުން، މީހުން ޢުމަރުގެފާނަށް [އަމީރުލް މުއުމިނީން] (މުއުމިނުންގެ އަމީރު) ގެ ނަމުން ގޮވައި ސަލާމްކުރަން ފެށިއެވެ. ޚަބަރު ހިފައިގެން އައި މީހާއަށް އެއީ ޚަލީފާ ޢުމަރު ބްނުލް ޚައްޠާބުކަން އެނގުނީ އެހިސާބުންނެވެ.
އޭނާއަށް އެކަން އެނގުމުން ވަރަށް ލަދުގަތެވެ. އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ މުސްލިމުންގެ ޚަލީފާކަން އަޅުގަނޑަށް ނޭނގުނީ ކީއްވެގެންތޯއެވެ؟] ޚަލީފާ ވަރަށް އާދައިގެ ގޮތަކަށް ޖަވާބުދެއްވިއެވެ. [އަޚާއެވެ! އެއީ ކަމެއް ނޫނެވެ.] އެކަލޭގެފާނަކީ ރޯމަނުންގެ ރަސްގެފާނު ޤައިޞަރާއި ފާރިސީންގެ ރަސްގެފާނު ކިސްރާއަށްވުރެ ބާރުގަދަ ބޭކަލެކެވެ. ނަމަވެސް، އެކަލޭގެފާނަށް އެފަދަ ބޮޑު ބާރެއް ލިބިވަޑައިގެން ހުންނެވި ނަމަވެސް، ދެއްކެވީ އާދަޔާޚިލާފު ހިތްތިރިކަމެކެވެ.
މި ހަނގުރާމައަކީ ވަރަށް މުހިންމު ހަނގުރާމައެކެވެ. ސަބަބަކީ ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތް ހަތްދިހައަށްވުރެ ގިނަ އަޞްޙާބު ބޭކަލުންނާއި، ބައިޢަތުއްރިޟްވާންގައި ބައިވެރިވެވަޑައިގަތް ތިންސަތޭކައަށްވުރެ ގިނަ ބޭކަލުންނާއި، މައްކާ ފަތަހަކުރުމުގައި ބައިވެރިވެވަޑައިގަތް ތިންސަތޭކަ އަޞްޙާބު ބޭކަލުން މި ހަނގުރާމައިގައި ބައިވެރިވެވަޑައިގަތެވެ. މީގެއިތުރަށް، ކީރިތި ރަސޫލާގެ ހަތްދިހައަށްވުރެ ގިނަ އަޞްޙާބު ބޭކަލުން ބައިވެރިވެވަޑައިގަތެވެ.
ސަޢުދު ބިން އަބީ ވައްޤާޞް، މި ހަނގުރާމައަށްފަހު ޤާދިސިއްޔާގެ މައިދާނުގައި ދެމަސްދުވަސްވަންދެން މަޑުކުރެއްވިއެވެ. ދެމަސްދުވަސް ފުރުނުތަނާ، މަދާއިނު ފަތަހަކުރުމުގެ އަމުރު ލިބިވަޑައިގަތެވެ.
ޤާދިސިއްޔާ ހަނގުރާމައަކީ، އިސްލާމީ ތާރީޚުގައި ހިމެނޭ ވަރަށް މުހިންމު ބާބެކެވެ. އެއީ އަލިފާނަށް އަޅުކަންކުރާ މީހުން (މަޖޫސީން) މުސްލިމުންގެ ކުރިމަތީގައި ބަލިވެ، ނިކަމެތިވެގެންދިޔަ ހަނގުރާމައެކެވެ. މިއަށްފަހު، އީރާނުގެ (ފާރިސްކަރައިގެ) އެމްޕަޔަރުގެ އަސްކަރީ ބާރު، ކުރިން ހުރި ފަދަ ނުރައްކާތެރި، އަދި ވަރުގަދަ ބާރެއްގެ ގޮތުގައި ދުވަހަކުވެސް އިއާދައެއް ނުކުރެވުނެވެ. އެމްޕަޔަރުގެ ރަސްގެފާނު ޔަޒްދުގިރުދު، މަދާއިނުގައި ހުރި އޭނާގެ ތަޚުތު ދޫކޮށްލާފައި ފިލައިގެންދިޔައެވެ. އޭގެފަހުން، ޖަލޫލާ، ނަހާވަންދު، އަޙްވާޒް، އިސްފަހާން އަދި ހަމަދާންގެ އިތުރުން، އެހެނިހެން ބައިވަރު ސަރަޙައްދުތަކުގައި ހިންގި އަސްކަރީ ހަރަކާތްތަކުން މުސްލިމުން ފަތަހަ ހޯދައި، މުޅި އީރާނުގައި އިސްލާމްދީނުގެ ދިދަ ވިހުރެން ފެށިއެވެ.
އެންމެ ފަހުން، ޚުރާސާން ފަތަހަކުރުމުގެ ތެރޭގައި، ހިޖުރައިން 31 ވަނަ އަހަރު (651 މ.) ރަސްގެފާނު ޔަޒްދުގިރުދު މަރުވިއެވެ. މިއާއެކު، 420 އަހަރުވީ ދިގު ތާރީޚެއް އޮތް ސާސާނީ އެމްޕަޔަރު (Sasanid Empire) އެއްކޮށް ނިމުމަކަށް އައީއެވެ.
ނޯޓް: އަޅުގަނޑުމެންގެ މި މަޒުމޫނު ނަގާފައިވަނީ، އިސްލާމީ ތާރީޚުގެ މިދަންނަވާ މުހިންމު ފޮތްތަކުންނެވެ. އެއީ އަލްބިދާޔާ ވައްނިހާޔާ، ޑރ. މުޙައްމަދު ޢަލީ އައްޞައްލާބީ ލިޔުއްވާފައިވާ [ސީރަތު އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބްނުލް ޚައްޠާބު] އަދި އަލްމުންތަޡަމް ފީ ތާރީޚިލް މުލޫކި ވަލް އުމަމް އެވެ.
- ނިނުނީ -