ފިރިމީހާ އެކްސިޑެންޓްވެ ފުރާނަ ސަލާމަތްކުރެވުނީ ކިރިޔާއެވެ. މައިބަދައަށް ލިބުނު އަނިޔާގެ ސަބަބުން ގަދަވިޔަސް އިންނަންޖެހޭނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ވާހަކަ ދެއްކެނީވެސް ވަރަށް އުނދަގުލުންނެވެ.
ހޮސްޕިޓަލުން ގެއަށް ގެނެވުނާއިއެކު ފިރިމީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު 4 އަންހެނަކަށް ދަޢުވަތުދީގެން ގެއަށް ގެނައެވެ. އެ 4 އަންހެނުންނަކީވެސް ފިރިމީހާ، އަނބިމީހާއަށް ސިއްރުން ބޮޑެތި ޚަރަދުތަކެއް ކުރަމުން އައިކަން އަނބިމީހާއަށް ޔަޤިންކުރެވޭ 4 އަންހެނުންނެވެ.
4 އަންހެނުންނަށް ފިރިމީހާ ދައްކާފައި އަނބިމީހާ ބުންޏެވެ. "މިގެނައީ ޒުވާބނުކުރާކަށް ނޫނެވެ. އަހުރެންނަށް ނުކުރާ ޚަރަދު ތިއަ 4 އަންހެނުންނަށް ފިރިމީހާ ކުރާކަން އެނގޭތީ ގެނައީއެވެ. ހުސްޕިޓަލުގައި ބާއްވައިގެން މަސްދުވަސްވަންދެން މިބެލީ އަހުރެން އެކަންޏެވެ. އަހުރެން އެދެނީ 4 އަންހެނުންނަށް ދުވަސްތައް ބަހާލައިގެން ނަމަވެސް މިގެއަށް އައިސް ފިރިމީހާ ބަލައިދިނުމަށެވެ. އެމަސައްކަތުގައި އަހުރެންނަށް އެހީތެރިވުމަށެވެ."
4 އަންހެނުންވެސް ބުނީ އޭނާއާއި ގުޅިގެން އުޅުނީ ބޭނުންވަރަކަށް ޚަރަދުކުރާތީ ކަމަށެވެ. ޚަރަދުނުކުރާނަމަ ފެންނަންވެސް ބޭނުން ނުވާ ކަމަށެވެ. ނުކުޅެދޭ މީހަކު ބަލަހައްޓަން ބޭނުން ނުވާ ކަމަށެވެ. އަދި އިތުރަށް އެމީހުންނަށް ނުގުޅުމަށެވެ. އެހެން ބުނެފައި ނުކުމެގެން ދިއައީއެވެ.
އެމީހުން ދިއުމުން އަނބިމިހާ ބުންޏެވެ. "އަހުރެން ކަލޭ އެއްލައެއް ނުލާނަމެވެ. ގަދަވަންދެން ނުވަތަ ދުނިޔޭގައި އޮތް ދުވަހަކު ތިބާ ބޭނުންނަމަ ބަލައިދޭނަމެވެ. ނަމަވެސް އަހުރެން ވަރިކުރާށެވެ. ވަރިވާން ބޭނުންވަނީ ކަލެއަކީ ﷲ ލަޢުނަތް ލައްވަވާފައިވާ މީހަކަށްވާތީއެވެ. ކަލޭ އެއްބަސް ނުވިޔަސް ކަލޭ އެކްސިޑެންޓްވީ ޒިނޭކޮށްފައި ނުކުމެގެން އަންނަނިކޮށްކަން އަހުރެންނަސް އެނގޭތީއެވެ.
އަހުރެންނަށް ކަލޭ އެއްވެސް ޚަރަދެއް ނުކުރާތާ ކިތައް އަހަރުވެއްޖެ ހެއްޔެވެ؟ އަހުރެން މިއުޅުނީ އަހުރެންގެ މަސައްކަތުން ލިބޭ މުސާރައިންނެވެ. ކަލޭ ބުނަމުންއައީ އަތުގައި ފައިސާ ނުހުންނަ ކަމަށެވެ. އެކަމަކު ލޯބިވެރިންނަށް ފްލެޓާއި ކާރުގަނެދިންކަންވެސް އެނގެއެވެ. ކޮންމެ މަހަކު ބޮޑެތި ޚަރަދުތައް ކުރާކަންވެސް އެނގެއެވެ. އެކަންކަމަކަށް އެއްވެސް ޝަކުވާއެއްވެސް ނެތެވެ.
ބޭނުންވަނީ ވަރިވެ އިތުރު މީހަކާއެކު އުޅޭށެވެ. އެކަމަށް ފުރުޞަތު ދެނިކޮށް ނިމުނީއެވެ. މީހަކު ގެނެސްގެން ކަލޭގެ ކަންކަން ބަލަހައްޓާނަމެވެ. ބޭނުންނަމަ މިގޭގައި އިނދެގެންވެސް ބަލައިދީފާނަމެވެ. އެއީ ތިއަ ޙާލުގައި އޮތް މީހަކު ނިކަމެތިކޮށްނުލަންވެގެންނެވެ."
ފިރިމީހާއަށް އެތައް އިރެއްވަންދެން ރޮވުނެވެ. ނަމަވެސް ބުނެވޭނެ އެއްޗެއް ނެތެވެ. އަނބިމީހާ އެދެއްކީ ތެދުވާހަކަ ވީމައެވެ. އޭނާ ކަންތައް ކުރި ގޮތުގެ ވާހަކަވީމައެވެ. 2،3 ދުވަސްފަހުން ވަރިކޮށްދިނެވެ. އަދި ފިރިއަކާއިއެކު އެގޭގައި އުޅެދީ އޭނާގެ ކަންކަން ބަލަހައްޓައިދިނުމަށްވެސް އެދުނެވެ.
މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންތައް ހިނގައިދިއަގޮތެވެ. މިއީ ބޭރު ޤައުމެއްގައި ހިނގިކަމަކަށްވިޔަސް އަދި ކުޅެފައި އޮތް ފިލްމަކަށްވިޔަސް މިފަދަ ކަންކަން ހިނގަނީ މަދަކުންނޫނެވެ. ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް މިފަދަ ކަންކަން އަންނަނީ ހިނގަމުންނެވެ. ވީމާ ޢިބްރަތް ޙާޞިލުކޮށްލުމުން ފައިދާކުރާނެ ކަމަށް ވިސްނޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދިނީއެވެ.
- ޝިފޫ / މިއަދުނޫހުގެ ކިޔުންތެރިއެއް