އަހުރެން މިދައްކަނީ ކޮސްނުދެވޭވަރުގެ ބޮޑެތި ކަންކަން ކޮށްދިނުމުގެ ވާހަކައެއް ނޫނެވެ. ނެތްވަރުން ޚަރަދުކުރުމުގެ ވާހަކައެއްވެސް ނޫނެވެ. މިދައްކަނީ އަނބިމީހާ ދައްކާ ވާހަކަތަކަށް ސަމާލުކަންދީގެން އަޑުއެހުމުގެ ވާހަކައެވެ.
ގިނަ ފިރިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ވީމާ ވަރުބަލިވެސް ވާނެއެވެ. އެހެނަސް އަނބިމީހާ ދައްކާ ވާހަކަ އަޑުނުއެހޭވަރަކަށް އެކަކުވެސް ވަރުބައްޔެއް ނުވާނެއެވެ. ސަބަބަކީ ދައްކާ ވާހަކައެއް އަޑުއަހަން އެއްވެސް މަސައްކަތެއް ކުރަންނުޖެހޭނެތީއެވެ. އިށިނދެލައިގެން ނުވަތަ އޮށޯވެލައިގެން އޮވެވެސް އަޑުއެހޭނެއެވެ. ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ސަމާލުކަންދިނުމެވެ. އެކަމަށް ވަޤުތުކޮޅެއް ދިނުމެވެ.
އަނބިންނަށް އެވަރުގެ ސަމާލުކަމެއް ނުދެވޭނަމަ އެކަމުން އަންގައިދެނީ އަނބިމީހާ މުހިންމު ނޫންކަމެވެ. އަނބިމީހާ ނުބުނި ނަމަވެސް އަނބިމީހާއަށް އެކަން އިޙްޞާޞްކުރެވޭނެއެވެ. ކަންބޮޑުވެވޭނެއެވެ. އެކަން ތަކުރާރުވާނަމަ އަޅަންޖެހޭ ފޮިޔަވަޅުވެސް އަޅާނެއެވެ. އެއީ އޭނާއަށް ސަމާލުކަންދޭނެ މީހަކު ހޯދުމެވެ. އެޙާލަތުގައި އަނބިން ކުށްވެރިނުކުރާށެވެ.
އަނބިންނަށް ބުނެލަން އޮތީ އެޙާލަތުގައި އަޅަންޖެހޭ ފިޔަވަޅު އަޅަން ކެރޭށެވެ. ނޫންނަމަ ބާކީވާންޖެހުން އޮންނާނީ ދާދި ގާތުގައެވެ. ފިރިންނަށް ބުނެލަން އޮތީ އެޙާލަތަށް އަނބިން ވައްޓައިލުމަށްފަހު އަނބިން ކުށްވެރިނުކުރާށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް