ތަނަވަސްކަން ކުޑަވެ ބޭނުންތައް ނުފުއްދުނަސް އަތުގައި އޮތް މިންވަރަކުން ނިކަމެތިންނަށް އެހީތެރިވުމަކީ ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ތަނަވަސްކަން ކުޑަވެ ބޭނުންތައް ނުފުއްދުނަސް އަތުގައި އޮތް މިންވަރަކުން ނިކަމެތިންނަށް އެހީތެރިވުމަކީ ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެ ކަމެއް! އިން ޝާ ﷲ

ދަތިޙާލުގައި ހުރި މީހަކު ކަމަކު އެދުމުން އެމީހާގެ ބޭނުން ފުއްދައިދީފިނަމަ ތިމާއަށް ދަތިވެދާނެކަމާއިމެދު ވިސްނާ މީހުން މަދެއް ނޫނެވެ. އެހެންވެ މިގެނެސްދެނީ އެކަން އޮތްގޮތް ރަނގަޅަށް އޮޅުންފިލާނެ ޙަދީފުޅެއް ހިމެނޭ މުހިންމު ލިޔުމެކެވެ. 

ކޮންމެ މުސްލިމަކީ ދުނިޔެއާއި އަދި އާޚިރަތް އެދޭ މީހެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ދުނިޔޭގައި އެމީހެއްގެ ބޭނުންތައް ފުދި އުފަލުގައި ދިރިއުޅޭށެވެ. އަދި އާޚިރަތުގެ ބާއްޖަވެރިކަންވެސް ލިބޭށެވެ. މިކަންކަމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

އެހެންކަމުން މި ޙަދީޘްފުޅަށް ވިސްނައިލުން ބުއްދިވެރިއެވެ.  

"އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އެނާ އޭނާގެ އަޚާއަށް އަނިޔާއެއް ނުކުރާހުއްޓެވެ. އަދި އޭނާގެ ޢަދާވާތްތެރިންނަށް އޭނާ ދޫކޮށެއް ނުލާ ހުއްޓެވެ. އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައިވާ މީހާ (ދަންނާށެވެ!) އޭނާގެ ބޭނުންތައް ހިންމަވައިދެއްވެވުމުގައި ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގުލެއް ފިލުވައިދީފި މީހާ (ދަންނާށެވެ!) އެކަމުގެ ސަބަބުން ﷲ ތަޢާލާ އެމީހެއްގެ ކިބައިން ޤިޔާމަތް ދުވަހުގެ ދަތި އުނދަގުލެއް ފިއްލަވާ ހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިފި  މީހާ (ދަންނާށެވެ!) ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެމީހެއްގެ ޢައިބު ފޮރުއްވަވައި ދެއްވަވާ ހުއްޓެވެ."

(--ޞަޙީޙް ބުޚާރީ: 244، ރިވާކުރެއްވީ ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނު) 

ދުނިޔެއިން ކަންކަން ޙާޞިލްވުމަށް އެދޭމީހާ ވިސްނައިލަންވީ "އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައިވާ މީހާ (ދަންނާށެވެ!) އޭނާގެ ބޭނުންތައް ހިންމަވައިދެއްވެވުމުގައި ﷲ ތަޢާލާ ވޮޑިގެންވާނެއެވެ." އެމީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވެވުމުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ އެމީހަކަށް ނުފުދޭނީ ކޮންކަމެއް ހެއްޔެވެ؟  

އަބަދުވެސް ބުނާފަދައިން މިފަދަ ބަސްފުޅުތަކުން ހަމައެކަނި ފައިސާ އިން ކަންކަން ކޮށްދިނުމުގެ މާނަ ނުނަގާށެވެ. އެމީހާގެ އަތުން ހެޔޮ ކަންކަން ކޮށްދިނުމަކީވެސް ހަމަ މީހުންނަށް އެހީތެރިވުމެވެ.

ދެން ވިސްނައިލަންވީ އާޚިރަތް ދުވަހަށެވެ. "އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގުލެއް ފިލުވައިދީފި މީހާ (ދަންނާށެވެ!) އެކަމުގެ ސަބަބުން ﷲ ތަޢާލާ އެމީހެއްގެ ކިބައިން ޤިޔާމަތް ދުވަހުގެ ދަތި އުނދަގުލެއް ފިއްލަވާ ހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިފި  މީހާ (ދަންނާށެވެ!) ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެމީހެއްގެ ޢައިބު ފޮރުއްވަވައި ދެއްވަވާ ހުއްޓެވެ." 

ޤިޔާމަތް ދުވަހު ކުރިމަތިވާނެ ދަތި އުނދަގޫތަކުން މީސްތަކުން ސަލާމަތް ކުރުމަށް އެއްވެސް މީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ހުރިހާ ބާރުތަކެއް އެދުވަހު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ވީމާ އާޚިރަތް ދުވަހު ކުރިމަތިވާނެ ދަތި އުނދަގޫ ކަންކަމުން ސަލާމަތް ވެވޭނެ މަގެއް ﷲ ތަޢާލާ މިވަނީ ދައްކަވައިފައެވެ.  

ހަމައެއާއިއެކު މީހެއްގެ ކިބައިން ކިތަންމެ ކުޑަކުޑަ އަިބެއް ފެނުނު ނަމަވެސް ގިން ބައަކު މިހާރު މިކުރާ ކަމަކީ ސޯޝަލް މީޑިއާގައާއި އެނޫންވެސް ގޮތްގޮތުން އެކަމެއް ހާމަކޮށް އެމީހާ ފަޟީޙަތްކުރުމަށް އަވަސްވެގަތުމެވެ. އެފަދަ ކަންކަން ކުރާ މީހުން " އަދި މުސްލިމެއްގެ ޢައިބު ފޮރުވައިފި  މީހާ (ދަންނާށެވެ!) ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެމީހެއްގެ ޢައިބު ފޮރުއްވަވައި ދެއްވަވާ ހުއްޓެވެ." މި ބަސްފުޅާއިމެދު ވިސްނައިލުން ކިތަންމެހައިވެސް ބުއްދިވެރިއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން