ކުޑައިރު ދަރިން މަރުވުމަކީ ދެއްވަވާ ބޮޑު ނިޢުމަތެއް! ނިޢުމަތް ދެއްވަވައިފިނަމަ އޮތީ ޤިޔާމަތްދުވަހު ކުރާނެ ބޮޑު ފައިދާ ލިބިގަންނަން މަސައްކަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކުޑައިރު ދަރިން މަރުވުމަކީ ދެއްވަވާ ބޮޑު ނިޢުމަތެއް! ނިޢުމަތް ދެއްވަވައިފިނަމަ އޮތީ ޤިޔާމަތްދުވަހު ކުރާނެ ބޮޑު ފައިދާ ލިބިގަންނަން މަސައްކަތްކުރުން!

ކޮންމެ ޢުމުރެއްގައި ނަމަވެސް އެންމެ ދަރިއަކު ނަމަވެސް މަރުވުމަކީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު މާޔޫސްކަމެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ދަރިއަކު މަރުވެއްޖެ ނަމަ އެއިގެ މާނައަކީ އެކަމުގެ ހިތާމައަށް ކެތްކުރުމުގެ ބާރު ތިބާއަށް ލިބިގެންވާ ކަމެވެ. އެހެނީ އެއްވެސް މީހަކަށް ނުއުފުލޭވަރުގެ ތަކްލީފެއް އެއްވެސް މީހަކަށް ﷲ ތައާލާ ނުޖައްސަވާނެތެވެ. ވީމާ ދަރިއަކު މަރުވެއްޖެ ނަމަ ﷲ ތަޢާލާ އާއި ކުއްތަށްވާން އިތުރަށް މަސައްކަތްކުރާށެވެ. އިމްތިހާނުން ފާސްވުމަކީ އެއީއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ތިބާއަށް 10 ދަރިން ލިބިފައިވެއެވެ. އެންމެ ދަރިއަކު މަރެއްވެސް ނުވެއެވެ. ނަމަވެސް އެއިގެ ތެރެއިން 3، 4 ކުދިން އިސްލާމް ދީނަށް އަމަލެއް ނުކުރެއެވެ. މުސްލިމްކަން އޮތީ ހަމައެކަނި ނަމެއްގައެވެ. ނަޞޭޙަތްދީ ދީ ވަރުބަލިވެއްޖެއެވެ. އިޞްލާޙެއް ވެސް ނުވެއެވެ. ދެން ނިކަން ބުނެބަލާށެވެ! ބޮޑަށް ހިތާމަކުރަން ޖެހޭނީ އެކުދިން ޅަފަތުގައި މަރުވުމުން ހެއްޔެވެ؟ ނޫނީ ދުނިޔޭގައި ތިބެ އެގޮތަށް އުޅޭތީ ހެއްޔެވެ؟  

ވީމާ ﷲ ތަޢާލާ ދެއްވެވި ދަރިއަކު ﷲ ތަޢާލާ ގެންދެވުމުން އެކަމާއިމެދު ކަންބޮޑުނުވާށެވެ! ކެތްތެރިވާށެވެ! އަދި ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކުރާށެވެ!  

އަދިވެސް އެއް ވާހަކަ ބުނެފާނަމެވެ. ތިބާ ދުނިޔޭގައި ލޯބިން ގެން ގުޅުނު ދަރިފުޅާއި ތިބާ އާއި ދެމެދު ޤިޔާމަތް ދުވަހު އެއްވެސް ގުޅުމެއް ނުއޮންނާނެއެވެ. އޭނާ ދުވާނީ ތިބާއަށް ފިލާށެވެ. ނަމަވެސް ޅަފަތުގައި މަރުވި ދަރިފުޅު ތިބާ ގާތަށް އަންނާނެއެވެ. ތިބާ ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދަންވަމުން ގެންދާނެއެވެ. ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ ނަޞީބުވެރިންނަކީ ޅަފަތުގައި ދަރިން މަރުވި މީހުން ނޫން ހެއްޔެވެ؟ 

ވިސްނަން އޮތީ އެންމެ ކަމަކަށެވެ. އެއީ ޅަފަތުގައި މަރުވި ދަރިފުޅަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާއަށް ރަޙްމަތަށް އެދި ދެންނެވޭނީ އެރަޙްމަތް ލިބުން ޙައްޤުވާ ގޮތަށް ތިބާ ދުނިޔޭގައި އުޅުނުނަމައެވެ. ފުރިހަމަ މުއުމިނެއްގެ ގޮތުގައި އުޅުނުނަމައެވެ. ނޫންނަމަ އެފުރުޞަތެއް ނުލިބޭނެއެވެ.

 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން 

 

މިއަދު އޮންލައިން