ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 26

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 2ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 26

ދުޝްމަނުންނަށް ފޫނުބެއްދޭވަރުގެ މަރުގެ ހަމަލާތައް ދިނުމުގެ ބޭނުމުގައި، މުސްލިމުން ހެނދުނު ކުރިކޮޅުގައި ވަރުގަދަ ހަމަލާތައް ފެއްޓެވިއެވެ. އަލްޤަޢުޤާޢުއާއި ޢަރަބިންގެ އެހެނިހެން ވެރިން، އެބޭކަލުންގެ ސިފައިންނަށް ހިތްވަރުދެއްވުން ކުރިއަށް ގެންދެވިއެވެ. އަލްޤަޢުޤާޢު އެއްވެސް ވަގުތެއް ދޫނުކުރައްވައި، މުޖާހިދުންނަށް ފުލުފުލުން ޖޯޝާއި ފޯރީގެ ރޫހު ދެއްވަމުން ގެންދެވިއެވެ. ޚުދު އެކަލޭގެފާނު އަމިއްލަފުޅަށް ވަޑައިގެން، ނުހަނު ވަރުގަދައަށް ހަނގުރާމަކުރެއްވިއެވެ. ފާއިތުވި ސައުވީސް ގަޑިއިރު މެދުކެނޑުމެއްނެތި ކުރި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، ދެފަރާތުގެ ލަޝްކަރަށްވެސް ވަނީ ވަރުބަލިކަން ވެރިވެފައެވެ. ނަމަވެސް، ތަޖުރިބާކާރު މުސްލިމް ހަނގުރާމަވެރިންނަށް ތަދުބީރުކުރެވުނު ގޮތުގައި، ދުޝްމަނުންގެ ލަޝްކަރުގެ މެދުތެރެއަށް ފޫއަޅުވާލާފައި ވަދެވިއްޖެނަމަ، ކާމިޔާބާއި ނަސްރު ލިބުމަކީ ޔަގީންކަމެވެ.

އިލާހީ އެހީތެރިކަމުގެ މުޢުޖިޒާތް

މެންދުރުވުމުގެ ކުޑަކޮޅެއް ކުރިން، އަލްޤަޢުޤާޢުއާއި އެކަލޭގެފާނުގެ ހަނގުރާމަވެރިންނަށް، ފާރިސީންގެ ދިފާޢީ ސަފުތައް ފޫއަޅުވާލެވިއްޖެއެވެ. އެބޭކަލުން ދުޝްމަނުންގެ ސަފުތައް ފޫއަޅުވާލާފައި ގޮސް، ރުސްތުމްއާއި އޭނާގެ ޚާއްޞަ ބޮޑީގާޑުން ތިބި ހިސާބާ ނުހަނު ގާތަށް ދިޔައެވެ. އެހިނދު، ﷲގެ ޚާއްޞަ ނަޞްރާއި އެހީތެރިކަން އައިސް ފޯރައިފިއެވެ. ސަޢުދު ބިން އަބީ ވައްޤާޞް ކުރެއްވި މާޔޫސްކަމެއްނެތް އާދޭސްތަކާއި ދުޢާފުޅުތައް، އިލާހުގެ ހަޟްރަތުގައި އިޖާބަވެއްޖެއެވެ.

ކުއްލިއަކަށް، ހުޅަނގުފަރާތުން ވަރަށް ގަދައަށް ވައިޖެހެން ފަށައިފިއެވެ. ހަލާކުކޮށްލަނިވި ޠޫފާނީ ވައިރޯޅިއެއްގެ ސިފައިގައި، ﷲގެ އެހީތެރިކަން ބާވައިލައްވައިފިއެވެ. އެ ވައިރޯޅީގެ ގަދަކަމުން، ރުސްތުމް އިށީނދެގެން އިން ތަޚުތާއި، އެ ތަޚުތަށް ހިޔާދިނުމަށްޓަކައި ވަރުގަދައަށް ހަރުކޮށްފައި ހުރި ބޮޑު ފޭލިގެ އެއްކޮށް އުދުއްސާލިއެވެ. އޭރު އޭނާ އިނީ، އޭނާގެ ސިފައިންނަށް އަމުރުތައް ނެރޭށެވެ. އެ ފޭލިގެ ވައިގެ ތެރޭގައި އެނބުރެމުން ގޮސް ވެއްޓުނީ، އަލްޢަތީޤް ކޯރަށެވެ. މީގެއިތުރުން، އެވަގުތު އައި ވެލީގެ ތޫފާނުގެ ސަބަބުން، ފާރިސީ ސިފައިންނަށް އެމީހުންގެ ކޮމާންޑަރު ސަލާމަތްކުރަން ދިއުމަށްވެސް ހުރަސްއެޅުނެވެ. މި ބިރުވެރި މަންޒަރު ފެނި، ފާރިސީންގެ ހިތްތަކަށް ސިހުމާއި ބޮޑު ބިރުވެރިކަމެއް ވެރިވެގެންދިޔައެވެ.

ރުސްތުމްގެ ނިމުން: ޢިބުރަތްތެރި ފިލާވަޅެއް

ތާރީޚީ އެ ނާޒުކު ދަނޑިވަޅުގައި، ﷲގެ ސިންގާތަކެއް ފަދަ މުޖާހިދުން، އަލްޤަޢުޤާޢުގެ ކޮމާންޑަރުކަމުގެ ދަށުން ކުރިއަށް ޖެހިވަޑައިގެން، ރުސްތުމްގެ ތަޚުތާ ހަމައަށް ދިޔައެވެ. އޭރު އެ އީރާނުގެ ޖެނެރަލް ހުރީ، އެ ބާރުގަދަ ޠޫފާނުން ސަލާމަތްވުމަށްޓަކައި ބަޣަލުތަކާއި، އޭގައި ހަރުކޮށްފައިވާ ހައުދަޖުތަކުގެ ނިވަލަށް ވަދެއެވެ. އެ ބަޣަލުތަކާއި އޭގައި ހަރުކޮށްފައިވާ ހައުދަޖުތައް ފުރާލެވިފައިވަނީ، އެދުވަހު އޭނާގެ ގާތަށް ގެނެވުނު އޭނާގެ މުދާތަކާއި ސާމާނުތަކުންނެވެ. ރުސްތުމްގެ ލޯކުރިމަތިން ތަމްސީލުވެގެންދިޔައީ، އޭނާ މަރާލެވޭނެ ގޮތެވެ. އެ ޚިޔާލުތައް ވެރިވުމާއެކު، ބިރުންގޮސް އޭނާ ތުރުތުރުއަޅަން ފެށިއެވެ. މުސްލިމް ހަނގުރާމަވެރިން އަންނަތަން ފެނުމުން، އޭނާގެ ހިތަށް ލިބުނު ބިރުވެރިކަން ކޮޅުންލިއެވެ.

ހިލާލް ބިން ޢުއްލާފާ، ރުސްތުމް ނިވާވެގެން ހުރި ހައުދަޖަށް ކަނޑިން ޖެހިއެވެ. އެހިނދު، އެ ބަރު ސާމާނުތައް ރުސްތުމްގެ މައްޗަށް ވެއްޓިއްޖެއެވެ. ހިލާލްއަށް ރުސްތުމެއް ނުފެނުނެވެ. އެ ބަރު ސާމާނުތަކުގެ ސަބަބުން، އޭނާގެ މައިބަދަތައް ބިންދައިގެންދާވަރު ވިއެވެ. ނަމަވެސް، އަނިޔާވެރިންނަކީ އަބަދުވެސް މަރަށް އެންމެ ބިރުގަންނަ މީހުންނެވެ. އެހެންކަމުން، އޭނާވެސް ގަސްތުކުރީ އެ ހާލުގައިވެސް ފިލައިގެން ދިޔުމަށެވެ. އޭރު އޭނާގެ ސިފައިންގެ ލަޝްކަރުވަނީ މުޅިން ރޫޅި، ވިއްސިވިހާލިވެފައެވެ. ފިލައިގެން ގޮސްފައެވެ. އޭނާގެ ކުރިމަތިން ފެންނަން އޮތީ އަލްޢަތީޤް ކޯރެވެ. އޭނާ އެ ކޯރުގެ ތެރެއަށް ފުންމާލައި ފަތަން ފެށިއެވެ. ހިލާލްއަށް އޭނާ ފެނިވަޑައިގަތުމުން ފަހަތުން ވަޑައިގަތެވެ. އަދި ރުސްތުމްގެ ފައިގައި ހިއްޕަވައި، ކޯރުގެ އައްސޭރިއަށް ދަމާނެރުއްވުމަށްފަހު، އޭނާ ޤަތުލުކޮށްލެއްވިއެވެ.

ހިލާލް ދުވެފައި ގޮސް، ރުސްތުމްގެ ތަޚުތަށް އަރައި އިށީނދެ، އޭނާގެ އަޑުގެ ނެތްތަނަށް ގޮވައިލެއްވިއެވެ. [ކަޢުބަތުގެ ވެރި ރައްބު ގަންދީ ބުނަމެވެ. ތިމަންނާ ރުސްތުމް ޤަތުލުކޮށްފީމެވެ. އަވަހަށް ތިމަންނާގެ ގާތަށް އަންނާށެވެ!] އެ އަޑާއެކު، މުސްލިމް ހަނގުރާމަވެރިން އެ ދިމާއަށް އެނބުރި، އެތަނަށް ގޮސް އެކަލޭގެފާނު ވަށައިލައިފިއެވެ.

މުސްލިމުންގެ ހިތްތައް ބާއްޖަވެރިކަމާއި އުފާވެރިކަމުން ފުރިގެންދިޔައެވެ. އެބޭކަލުން އެ ނައްތާލެއްވީ ﷲގެ ދުޝްމަނެކެވެ. ބޮޑާކަމާއި ކިބުރުވެރިކަމުން ފުރިގެންވާ މީހެކެވެ. އެއްވެސް މީހަކަށް ރަޙްމެއްނެތް، ނުލަފާ އަނިޔާވެރިއެކެވެ. މުޅި ހަނގުރާމައިގެ މައިދާން ގުގުމައިގެންދިޔައީ [ﷲ އަކްބަރު] ގެ މަތިވެރި ތަކުބީރުގެ އަޑުންނެވެ. މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ގޮވަމުންދިޔައެވެ. [އަވަހަށް އައިސް ބަލާށެވެ! ކިސްރާގެ ބުރަކަށި ބިންދާލެވިއްޖެއެވެ. އީރާނުގެ މީހުން މިއަދު ބަލިވެ، އިނދަޖެހިއްޖެއެވެ.]

އަލްޤަޢުޤާޢުއާއި އެފަދަ އެނޫންވެސް ކޮމާންޑަރުން އެތަނަށް ވަޑައިގަތެވެ. އެބޭކަލުން އެތަނުގައި ސާބިތުވެތިބި އީރާނުގެ ސިފައިންނާ ކުރިމަތިލެއްވިއެވެ. އެބޭކަލުން ދެއްވި ހަމަލާތައް ކިތަންމެހާވެސް ވަރުގަދައެވެ. ދުޝްމަނުންގެ ހިތްތަކާއި ހަށިތައް މުޅިން ކޮށާލިއެވެ. އެބައިމީހުން އެކި ދިމަދިމާއަށް ފިލަން ދުވައިގަތެވެ. މުސްލިމް މުޖާހިދުން ފިލަންދުވި ސިފައިންގެ ފަހަތުން ގޮސް، އޭގެ ތެރެއިން ބައެއް މީހުން ޤަތުލުކުރިއެވެ.

ރުސްތުމް މަރުވުމުން، އީރާނު ލަޝްކަރުގެ ކޮމާންޑަރުކަމާ ދެން ހަވާލުވީ ޖާލީނޫސްއެވެ. ރުސްތުމް ޤަތުލުވި ޚަބަރު އިވުމާއެކު، އޭނާ އަލްޢަތީޤް ކޯރުގެ އައްސޭރީގެ އިންފާރެއްގެ މައްޗަށް އަރައިހުރެ، ބާރު އަޑުން ގޮވައިލިއެވެ. [ކަލޭމެން އެންމެން ކޯރު ހުރަސްކޮށް ފިލަންދާށެވެ!] އޭރު އޭނާގެ ސިފައިން ތިބީ، ފިލައިގެން ދިޔަނުދިނުމަށްޓަކައި އެކަކު އަނެކަކާ ހިލިހިލާއިން ބަނދެގެންނެވެ. އެއީ ހަނގުރާމައިގައި ބަލިވެގެންދާއިރުވެސް، ފިލައިގެން ދިޔުމުގެ މަގު ބަންދުކުރުމަށްޓަކައެވެ. އެގޮތަށް ހިލިހިލާއިން ބަނދެވިގެން ތިރީސްހާސް ސިފައިން ތިއްބެވެ. އެބައިމީހުން ބިރުން ސިހި، ސަލާމަތްވާނެ އެހެން މަގެއް ނެތުމުން، އަލްޢަތީޤް ކޯރުގެ ތެރެއަށް ފުންމާލިއެވެ. މުސްލިމުން އެމީހުންގެ ތޫނު ލޮންސިތަކުން އެބައިމީހުންނަށް ހަމަލާދިނެވެ. ތާރީޚުއްޠަބަރީގައި ބަޔާންކޮށްފައިވާ ގޮތުން، އޭގެ ތެރެއިން އެންމެ މީހަކަށްވެސް ސަލާމަތެއް ނުވެވުނެވެ.

މިއަދު އޮންލައިން