ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ނަމާދަށް ހަނދާންކޮށްދިނުމެވެ. އަނެކާއަކީ ނަމާދުކުރާ މީހަކަށް ހަދަން މަސައްކަތްކުރުމެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިގެނެސްދެނީވެސް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ
މީސްތަކުންގެ ތެރެއިން ގިނަ ބައަކު މިއަދު މިވަނީ ނަމާދާއިމެދު ވަރަށް ބޮޑަށް ޣާފިލުވެފައެވެ. އެއްބައަކު ނަމާދު ނުކުރަނީއެވެ. އަނެއް ބައަކު ނަމާދުކުރާއިރު ކުރަނީ އިންތިހާއަށް ޣާފިލުވެތިބެގެންނެވެ. އަނެއް ބައަކު ފަރުޟު 5 ނަމާދު ކުރުމުގެ ބަދަލުގައި ކުރަނީ އެމީހަކު ކުރަން ބޭނުންވާ ވަރަކަށެވެ. މިހުރީ ވަރަށް ނުރައްކައުތެރި ކަންތައްތަކެވެ.
ޢިލްމުވެރިންގެ ވާހަކަފުޅުތަކުން އެނގޭ ގޮތުގައި ނަމާދަށް ޣާފިލުވާ މީހުން މަރުވުމުން ހިނަވައި ވަޅުލަންވެސް ހުރަސްތައް ކުރިމަތިވެފައި އެބަހުއްޓެވެ. އެގޮތުން ވަޅުލަން ގެންދެވުނު މައްޔިތެއްގެ ހަށިގަނޑު ވަޅަށް ތިރިނުކުރެވިގެން އެތައް ޙާލެއްގައި އުޅެންޖެހުނު ވާހަކައަކީވެސް ވަރަށް މަޝްހޫރުވި ވާހަކައެކެވެ. ހަމައެއާއިއެކު ނަމާދުނުކޮށް އުޅުނު ރީތި ދޮން އަންހެނަކު މަރުވުމާއިއެކު މޫނު ކަޅުވެގެންދިއަ ވާހަކައަކީވެސް ވަރަށް މަޝްހޫރުވި ވާހަކައެކެވެ.
މީހުންގެ ނުބައިކަން ބޮޑުވާވަރަކަށް މިބުނި ފަދަ ކަންކަން ދެއްކެވުން މަދުވާނެއެވެ. ނަމަވެސް ކޮންމެވެސް މިންވަރަކަށް ދައްކަވާނެއެވެ. މިހެންމިގުންނީ ހަމަ މިޒަމާނުގައިވެސް މަދުން ނަމަވެސް މިފަދަ ކަންކަން ފެންނަތީއެވެ.
ވިސްނަންވީ މިދުނިޔޭގައި ކަންކަން ފެނުމާއި ނުފެނުމާއިމެދަކު ނޫނެވެ. ވިސްނަންވީ މަރުވެ ވަޅުލެވުމުން ކުރިމަތިލާންޖެހޭނެ ކަންކަމާއިމެދުގައެވެ. ޤިޔާމަތް ދުވަހު ކުރިމަތިވާނެ ކަންކަމާއިމެދުގައެވެ. ނަރަކައިގެ ޢަޛާބާއި މެދުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އެކުވެރިންނޭވެ! ﷲ ތަޢާލާ ވަނީ އަލް މާޢޫން ސޫރަތުގައި މިކަން (ނަމާދަށް ޣާފިލުވުމުގެ ކަންކަން) އަންގަވާފައެވެ. فَوَيْلٌ لِّلْمُصَلِّينَ الَّذِينَ هُمْ عَن صَلاتِهِمْ سَاهُونَ ފަހެ އެބައިމީހުންގެ ނަމާދާމެދު ޣާފިލުވެ ތިބޭޙާލު ނަމާދު ކުރާމީހުންނަށް ހަލާކާއި ޢަޛާބު ހުއްޓެވެ. ގިނަޢިލްމުވެރިން ވިދާޅުވަނީ މިތާނގައި އެވާ ނަމާދާމެދު ޣާފިލުވެފައި ތިބޭ މީހުންނަކީ، ނަމާދު، އޭގެ ވަގުތުގައި އަދާނުކުރާ މީހުންނެވެ. އަދި އެއްނަމާދު ކޮށްފަ އަނެއް ނަމާދު ނުކުރާ މީހުންނެވެ. އަދި ކަންނެތްކަމާއި ފޫހިކަމާއެކު ނަމާދު ކުރާ މީހުންނެވެ.
އެކުވެރިންނޭ! ނަމާދު އޭގެ ވަގުތަށް ވުރެ ލަސްކުރާމީހުންގެ ޙާލަކީ މިއީ ކަމުގައިވާއިރު ނަމާދު ނުކޮށް ނިދާމީހުންގެ ޙާލަކީ ކޮބައިބާއެވެ! އެހެން ކަމަށްވާނަމަ އެއްވެސް ނަމާދެއް ނުކުރާ މީހުންގެ ޙާލު ހުންނާނީ ކިހިނެއްބާއެވެ! އެހެންކަމުން އަޅުގަނޑުމެން ހަނދާން ކުރަންވީ ދިންނަވައި ނަޞީބު ލިބިގަތް މުއުމިނުއަޅުން ސިފަކުރައްވަމުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ މިއާޔަތެވެ. وَالَّذِيْنَ هُمْ عَلَى صَلآ تِهِمْ يُحَافِظُوْن އަދި އެބައިމީހުންނަކީ، އެމީހުންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހންނެވެ.