މީސްތަކުންނޭވެ! ތިމާއަކީ ދިރިއުޅެން ނޯކަރުން ލައިގެން އަމިއްލަ މަސައްކަތްތައް ހިންގާ މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ ތިމާ ފަތިހު ތެދުވެ ފަތިސް ނަމާދުނުކޮށް މެންދުރުވަންދެން ނިދަން އޮންނަން ހުއްދަ ލިބޭ ކަމެއް ނޫނެވެ!
ހުރިހާ ނޯކަރުން ފަތިހު ހޭލައި ނަމާދުކުރިނަމަވެސް ތިބާ ނަމާދު ނުކުރާ ހައި ހިނދަކު ތިބާގެ ނަމާދު އޮންނާނީ ދަރަންޏަކަށެވެ. ތިބާއަށް އެހުރެވެނީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގައެވެ. ފާފަވެރިވާ ޙާލުގައެވެ. ވީއިރު އެހާލަތުގައި ހުރެ ﷲ ތަޢާލާގެ ޙަޟްރަތުން ރިޒުޤަށާއި ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި ދެއްވެވުމަށް އެދުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
އާޚިރަތް ދުވަހާއިމެދު ޣާފިލުވެ މިފަދަ ނުބައި އާދަތަކުގައި ދިރިއުޅެމުންދާ މީހުން ބިރުވެތިވާށެވެ! ޢަމަލުތައް އިޞްލާޙުކުރާށެވެ! ﷲ ތަޢާލާ އަށް ފުރިހަމައަށް ކިޔަމަންތެރިވެ އެކަލާނގެ އަނގަވާފައިވާ މަގުން ރިޒުޤް ހޯދަން މަސައްކަތްކުރާށެވެ! ފަތިސް ނުވެ މެންދުރުވާ މީހުންނަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވާ ބައެއް ނޫނެވެ! ވީމާ ފުރަތަމަ ކަމަކަށްވެސް ތިމާ ކިޔަމަންތެރިވެ އިޞްލާޙްވާށެވެ!
ދޫނިސޫފާސުފިތަކާ ވަލުޖަނަވާރުވެސް ފަތިހު ހޭލައެވެ. ހޭލެވުމާއިއެކު ރިޒުޤް ހޯދަން މަސައްކަތް ފަށައެވެ. އެތަކެތިވެސް ﷲ ތަޢާލާއަށް ތަސްބީޙް ކިޔައެވެ. އަހުރެމެންނަށް އެއަޑު ނުއިވެނީއެވެ.
"ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް ތަސްބީޙަ ކިޔަތެވެ. އަދި އެކަލާނގެއަށް ޙަމްދާއެކުގައި، ތަސްބީޙަ ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ ތަސްބީޙައެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޙަލީމްވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ"
(އަލް- އިސްރާ: 44)
"އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މީސްތަކުންކުރެ ގިނަބަޔަކު، ﷲއަށް ސަޖިދަ ކުރާކަން ތިބާ ނުދަންނަމު ހެއްޔެވެ؟ އަދި (މީސްތަކުންކުރެ) ގިނަބަޔަކުގެމައްޗަށް ޢަޛާބު ޙައްޤު ވެގެންވެއެވެ. އަދި ﷲ، ނިކަމެތިކުރެއްވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް މާތްކޮށްހިތާނެ މީހަކު ނުވެތެވެ. ހަމަކަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ."
(އަލް- ޙައްޖު: 18)
ވީމާ ވިސްނައިލާށެވެ! ފަތިސްވުމުން ހާލައި ނަމާދުނުކޮށް އިރުމެދުޖެހެންދެން ނިދަންތިބެން އިންސާނުން ލަދުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެތަކެތި ފަތިހު ތެދުވެ ރިޒްޤް ހޯދަން މަސައްކަތްފަށާއިރު މެންދުރުވަންދެން ނިދަން އޮވެފައި ތެދުވެ ރިޒްޤަށް އެދެން ވެސް ހަމަ ލަދު ނުގަންނަނީ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން