ފަރުބަދަތައް ހެދިފައި ހުންނަ ގޮތާއިމެދު މީހުން ދެކޭ ގޮތަކަށް ފަރުބަދަ ކަންބޮޑެއް ނުވާނެއެވެ. ފަރުބަދަ ހުރި ތަނުގައި ހުރި ގޮތަށް ހުންނާނީއެވެ. މީހުން ޒިޔާރަތްކުރިޔަސް ނުކުރިޔަސް އަދި ފަރުބަދައަށް އެރިޔަސް ނުއެރިޔަސް ފަރުބަދަ ކަންބޮޑެއް ނުވާނެއެވެ. މީހުންގެ ސަމާލުކަން ހޯދަން އެއްވެސް މަސައްކަތެއް ނުކުރާނެއެވެ.
ކޮންމެ އަންހެނަކުވެސް ވިސްނަންވީ ފަރުބަދައިގެ ވިސްނުމުންނެވެ. ތިމާ ހުރި ސިފައަށް ކަންބޮޑުނުވާށެވެ! ސަމާލުކަންދޭން ބޭނުންވާ މީހަކު ސަމާލުކަންދޭނެއެވެ. ބައްދަލުކުރަން ބޭނުންވާ މީހުން ބައްދަލުކުރާނެއެވެ. ކައިވެނިކުރަން ބޭނުންވާ މީހާ ކައިވެނިވެސް ކުރާނެއެވެ. ކޮންމެހެން މީހުންގެ ސަމާލުކަން ހޯދަން ސިފަ ބަދަލުކުރާކަށް ނުޖެހޭނެއެވެ.
ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ޚާއްޞަ ސިފައެއްގައެވެ. އެސިފަ ކަނޑައަޅުއްވަވަނީ އެމީހަކު ދުނިޔެއަށް ފޮނުއްވަވާ ﷲ ތަޢާލާއެވެ. އަހުރެމެންނަށް އޮތީ އެކަން ޤަބޫލުކޮށް ހިތްހަމަޖެހިގެން ހުރުމެވެ.
ގިނަ އަންހެނުންނަށް ދެރަ ލިބެނީ މިޙަޤީޤަތް ޤަބޫލުނުކުރެވޭތީއެވެ. އެހެން މީހުންގެ ރުހުން ހޯދަން ތިމާގެ ސިފަ ބަދަލުކުރަން އުޅެވޭތީއެވެ. ބަދަލުކުރަން މަސައްކަތްކުރަން އޮތީ އެންމެ ކަމެކެވެ. އެއީ ތިމާގެ އަޚްލާޤެވެ. އޮތީ ރިވެތި އަޚްލާޤް ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރީމާ އެކަންވެސް ދާނީ ޙާޞިލުކުރެވެމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން