ޚުޠުބާ: ވެރިންނަށް އޮތީ ހެޔޮވެރިކަމެއް ކުރުން! ރައްޔިތުންނަށް އޮތީ ޢަދާވާތްތެރިންނަށް ނުހެއްލި އަމިއްލަ އެދުމުގެ ކުރިއަށް ޤައުމަށް ފައިދާހުރި ގޮތް އިސްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 48ސ
ޚުޠުބާ: ވެރިންނަށް އޮތީ ހެޔޮވެރިކަމެއް ކުރުން! ރައްޔިތުންނަށް އޮތީ ޢަދާވާތްތެރިންނަށް ނުހެއްލި އަމިއްލަ އެދުމުގެ ކުރިއަށް ޤައުމަށް ފައިދާހުރި ގޮތް އިސްކުރުން!

މުސްލިމް އަޚުންނޭވެ! އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެތަކުންނަށް މާތް اللهއަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރަމެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ إيمانވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން اللهއަށް ތަޤުވާވެރިވާށެވެ! އަދި، މުސްލިމުންކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ." 

މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ، އަހަރެމެން އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރުމީ މުޖުތަމަޢުގެ ހަމަ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. ރަސޫލު الله ޞައްލަﷲ ޢަލައިހިޗަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلٌ عَنْ رَعِيَّتِهِ، اَلْإِمَامُ رَاعٍ وَمَسْؤُوْلٌ عَنْ رَعِيَّتِهِ، وَالرَّجُلُ رَاعٍ فِيْ أَهْلِهِ، وَهُوَ مَسْؤُوْلٌ عَنْ رَعِيَّتِهِ، وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا، وَمَسْؤُوْلَةٌ عَنْ رَعِيَّتِهَا، وَالْخَادِمُ رَاعٍ فِيْ مَالِ سَيِّدِهِ، ومَسْؤُوْلٌ عَنْ رَعِيَّتِهِ)[1]   މާނައީ: "ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ބަޔަކާ މެދު އޭނާއާ ސުވާލުވެވޭނެތެވެ. ވެރިމީހާއަކީ ބެލެހެއްޓުންތެރިއެކެވެ. އޭނާގެ ރައްޔިތުންނާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. ފިރިމީހާއަކީ އޭނާގެ އަހުލުވެރީންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ އަހުލުވެރީންނާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. އަނބިމީހާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ޢާއިލާއާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. ޚާދިމަކީ އޭނާގެ ސާހިބާގެ މުދާ ބަލަހައްޓާ މީހާއެވެ. އޭނާގެ ސާހިބާގެ މުދަލާ މެދު އޭނާއާ ސުވާލުވެވޭނެއެވެ."  

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނޭ މީހެކެވެ. އޭނާގެ ޢަމަލުތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ. ހަމަ އެ ފަދައިން އޭނާއަކީ އޭނާ ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ. ވަކީން ޚާއްޞަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަން ދަންނާށެވެ! އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެވެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު  އުފުލާންޖެހޭނެއެވެ. އެ ދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ، އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫނެވެ. މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "އެ ދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރީންނެއްވިޔަސް، މަންފާއެއް ނުކުރާނޭ ދުވަހެވެ." އެ ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވައި، ރަސޫލު الله z  ޙަދީޘްކުރައްވައިފައި ވެއެވެ. (‏لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيْمَ أَفْنَاهُ، وَعَنْ عِلْمِهِ فِيْمَ فَعَلَ فِيْهِ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ، وَ فِيْمَ أَنْفَقَهُ، وَعَنْ جِسْمِهِ فِيْمَ أَبْلَاهُ‏)‏[2]  މާނައީ: "ޤިޔާމަތް ދުވަހުން މަޙުޝަރުބިމުގައި، އަޅާގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯއާއި، އޭނާގެ ޢިލްމަށް ޢަމަލުކުރީ ކިހިނެއްތޯއާއި، އޭނާ މުދާ ހޯދީ ކޮންފަދަ ގޮތަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނެއްތޯއާއި، އޭނާ ހަށިގަނޑުގެ ހަކަތަ ހޭދަކުރީ ކޮންކަމެއްގައިތޯ ސުވާލުވެވޭންދެން އޭނާގެ ފައިތިލައި ހުރިތަނުން ގުޑުވައި ވެސް ނުލެވޭނެއެވެ." 

މުސްލިމް އަޚުންނޭވެ! އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި ޢަދުލުއިންޞާފުގެ މައްޗަށްކަން ތިޔަބައިމީހުން ދަންނާށެވެ! ހަމަ އެ ފަދައިން ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންޞާފުގެ މައްޗަށެވެ. ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެކެވެ. ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހެއެވެ. ޤުރައިޝު ވަންހައިގެ ޝަރަފުވެރި އަންހެނަކު ވައްކަންކުރުމުން، އޭނާގެ މައްޗަށް ވައްކަމުގެ ޙައްދު ޤާއިމު ނުކުރައްވައި ދޫކޮށްދެއްވާތޯ ޤުރައިޝުންގެ މީހުން އުސާމާ ބުނު ޒައިދު މެދުވެރިކޮށް ރަސޫލު الله ޞައްލަﷲ ޢަލައިހިވަސައްލަމަ އަރިހުގައި ދެންނެވި ހިނދު، އެ ކަމާ ކޯފާއިސްކުރައްވައި ޙަދީޘްކުރައްވައިފައި ވެއެވެ. (أَتَشْفَعُ فِيْ حَدٍّ مِنْ حُدُوْدِ اللَّهِ؟)[3]  މާނައީ: "މާތް ﷲގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް ޤާއިމުނުކުރުމަށް ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނު އެދިވަޑައިގަންނަވަނީތޯއެވެ؟" އެއަށް ފަހު ތެދުވެވަޑައިގެން ޙަދީޘްކުރެއްވިއެވެ. (...وَايـْمُ اللهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا)[4]  މާނައީ: "މާތް الله ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވިކަމުގައި ވިޔަސް ތިމަންކަލޭގެފާނު އެ ކަމަނާގެ އަތްޕުޅު ވެސް ކަނޑުއްވާހުށީމެވެ."  

މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންނެވެ. ހުރިހައި ކަމެއްގައި ވެސް އަދި ހުރިހައި ޙާލަތެއްގައިމެ ޢަދުލުވެރިވުމަށް، ކީރިތި ޤުރްއާނުގައި މާތް الله ވަނީ އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، ޢަދުލުވެރިވުމަށާއި، އިޙުސާންތެރިވުމަށް، الله އަމުރުކުރައްވަތެވެ." 

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެކެވެ. ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚުލާޞްތެރިވާން ޖެހޭނެއެވެ. ރައްޔިތުން އަހަރެމެންނާ ޙަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެކެވެ.

މުސްލިމް އަޚުންނޭވެ! ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ. ޛާތީ މަޞްލަހަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ. ރަސޫލު الله ޞައްލަﷲ ޢަލައިހިވަސައްލަމަޙަދީޘްކުރައްވައިފައި ވެއެވެ. (لَا يُؤْمِنُ أَحَدُكُمْ حَتَّى يـُحِبَّ لِأَخِيْهِ مَا يـُحِبُّ لِنَفْسِهِ([5] މާނައީ: "ތިމާގެ އަމިއްލަ ނަފުސަށް ލޯބިކުރާ ކަންތައް ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން، ތިޔަބައިމީހުން ކުރެ އެކަކުގެވެސް އީމާންކަން ފުރިހަމަވެގެންވާ މީހަކު ކަމުގައި ނުވެއެވެ."   

މުސްލިމް އަޚުންނޭވެ! ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމީ، ހަމަ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެކެވެ. މި ކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައިވާ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކާ ދުރުހެލިވެ، އަމިއްލަ މަސްލަޙަތަށް ވުރެ، މުޖުތަމަޢުގެ މަސްލަޙަތަށް އިސްކަންދީގެންނެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނެވެ. ޒިންމާދާރު ގޮތެއްގައި މަސްއޫލިއްޔަތު އަދާކުރުމީ ވަރަށް މުހިންމު ކަމެކެވެ. މުޖުތަމަޢެއްގެ ކުރިއެރުމާއި ތަރައްޤީއާއި ތަނަވަސްކަން ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރެވޭ ގޮތެއްގެ މައްޗަށެވެ. ކޮންމެ މީހަކު ވެސް އެ މީހަކާ ޙަވާލުވެފައިވާ އަމާނާތް ފުރިހަމައަށް އަދާކޮށްގެންނެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.  --- މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނަތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ!

މިއަދު އޮންލައިން