ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 25

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 25

ދުޝްމަނުންގެ ލަޝްކަރުގެ ހަނގުރާމަވެރިންގެ ތޭރަ ސަފާ ޚިލާފަށް، މުސްލިމް ލަޝްކަރުގެ މުޖާހިދުން ތަރުތީބުވެފައިވަނީ އެންމެ ތިން ސަފަށެވެ. އޭގެ ތެރެއިން އެންމެ ކުރީ ސަފުގައި ތިއްބެވީ ތީރުވެރިންނެވެ. ދެން އޮތް ސަފުގައި އަސްވާރުންނެވެ. ލަޝްކަރުގެ އެންމެ ފަހަތް ބަލަހައްޓަމުންދިޔައީ، ފައިމަގުގައި ހަނގުރާމަކުރާ މުޖާހިދުންނެވެ.

ގަދަ އަޑުފަށްގަނޑުގެ ރޭ: ލައިލަތުލް ޙަރީރް [ޙަރީރް] އަކީ ޤާދިސިއްޔާ ހަނގުރާމައިގެ ހަތަރުވަނަ ދުވަހުގެ ފަތިހުގެ ކުރިން ވޭތުވެދިޔަ، ބިރުވެރި ރެއަށް ދެވިފައިވާ ނަމެކެވެ. ރުސްތުމް ގަސްތުކުރީ މުސްލިމުންނަށް އެއްފަހަރާ ވަރުގަދަ ހަމަލާއެއް ދިނުމަށެވެ. އެއީ އޭނާގެ ލަޝްކަރުގެ ހިތްވަރާއި ރޫހު މުޅިން ނެތިގޮސް، ބޮޑު ބައްޔަކުން ސަލާމަތްވުމަށްޓަކައެވެ. މިއީ މީގެކުރިންވެސް އޭނާ ތަޖުރިބާކޮށްފައިވާ ކަމެކެވެ. އެހެންކަމުން، އެކަން ތަކުރާރުވާން އޭނާ ބޭނުންނުވީއެވެ.

ކުރިންވެސް ދެންނެވިފަދައިން، ރުސްތުމްވަނީ އޭނާގެ ލަޝްކަރު ތޭރަ ސަފަކަށް އަތުރާލައި ތަރުތީބުކޮށްފައެވެ. އަލްޤަޢުޤާޢު ބިން ޢަމްރު، ސަޢުދުގެފާނު ތަކުބީރު ވިދާޅުވުމުގެ ކުރިން، އެކަލޭގެފާނު ޚިޔާރުކުރެއްވި ޚާއްޞަ މުޖާހިދުންނާއެކު ހަނގުރާމަ ފެއްޓެވިއެވެ. އެއަށްފަހު، ސަޢުދުގެފާނު އާދައިގެމަތިން ތަކުބީރު ގޮވައިލެއްވުމާއެކު، ހުރިހާ ކޮމާންޑަރުންނާއި މުޅި ލަޝްކަރު އެއްކޮށް ތިން ސަފަކަށް ކުރިއަށް ޖެހިލިއެވެ. މި ކުރިމަތިލުންވީ ނުހަނު ވަރުގަދަ ހަނގުރާމައަކަށެވެ. އެބޭކަލުން ރޭގަނޑުގެ ކުރީކޮޅުން ފެށިގެން ހެނދުނުވަންދެން ހަނގުރާމަކުރެއްވިއެވެ. އެއީ ފުރާނައާއި މަރާ ދެމެދު ކުރެވުނު ވަރުގަދަ ޖިހާދެކެވެ.

މި ގަދަ އަޑުފައްގަނޑުގެ ރޭ (ލައިލަތުލް ޙަރީރް) ގައި، ހަތިޔާރުތައް އެކަތި އަނެކައްޗާ ޖެހިގެން ނިކުތް ބިރުވެރި އަޑަކީ، އިސްލާމީ ތާރީޚުގައިވެސް އެފަދަ ދެވަނައެއް ނެތް އަޑެކެވެ. އެ އަޑާ އެންމެ އެއްގޮތް އަޑަކީ، ކަނބުރުގެއެއްގެ ތެރެއިން އިވޭ ދަގަނޑު ތަޅާ އަޑާއެވެ. ތާރީޚުލިޔުންތެރިން ބަޔާންކުރާ ގޮތުގައި، އެ ރެއިން ފެށިގެން ހެނދުނުވަންދެން މުޅި މައިދާނުން އިވެމުންދިޔަ ހަމައެކަނި އަޑަކީ، ކަނޑިތައް އެކަތި އަނެކައްޗާ ޖެހިގެން ނިކުތް އަޑެވެ. ޢަރަބި ބަހުގައި [އަލް-ޙަރީރް] މި ލަފުޒުގެ މާނައަކީ ގަދަ އަޑެވެ.

މި ގަދަ އަޑުފައްގަނޑުގެ ރެއާއި (ލައިލަތުލް ޙަރީރް) އަދި ޤާދިސިއްޔާގެ ދުވަހުގެ ކުރިމަތިލުންތަކުގައި، މުސްލިމް ލަޝްކަރުގެ ތެރެއިން ދެހާސް ފަސްސަތޭކަ މުޖާހިދުން ޝަހީދުވެގެންދިޔައެވެ. އަލިފާނަށް އަޅުކަންކުރާ އީރާނުގެ ލަޝްކަރުގެ ތެރެއިން ދިހަހާސް މުޝްރިކުން ޖަހަންނަމައިގެ ތެރެއަށް ފޮނުވާލިއެވެ. މިފަދަ ބޮޑު އަދަދެއްގެ ހަނގުރާމަވެރިން ގެއްލިގެންދިޔުމުން، އީރާނުގެ މީހުންގެ ހިތްވަރު އެލިއްޖެއެވެ.

އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުން ގެންދިޔައީ، އެބޭކަލުންގެ ސިފައިންނަށް އިރުޝާދު ދެއްވައި، ދުޝްމަނުންނަށް ހަމަލާދިނުމަށް ހިތްވަރުދެއްވަމުންނެވެ. އެބޭކަލުން މުޖާހިދުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގެންދެވީ ބަހާއި އަމަލުންނެވެ. ނުހަނު ބުއްދިވެރި ގޮތެއްގައެވެ. އެބޭކަލުން ވިދާޅުވިއެވެ. [އޭ އިސްލާމްދީނުގެ ހިތްވަރުގަދަ ހަނގުރާމަވެރިންނޭވެ! ސާބިތުކަމާއި ކެތްތެރިކަން ދައްކަވާށެވެ. ކާމިޔާބާއި ނަސްރު ވަނީ ތިޔަބައިމީހުންގެ އިންތިޒާރުގައެވެ. މިހާރު ހަނގުރާމަ މިވަނީ، ނަތީޖާ ކަނޑައަޅާ އެންމެ ފަހު މަރުހަލާއާ ހަމައަށް ވަދެފައެވެ.]

ސަޢުދު ބިން އަބީ ވައްޤާޞް، ރޭގަނޑުގެ އެ ފުން ހިމޭންކަމުގެ ތެރޭގައި، އެކަލޭގެފާނުގެ ވެރި ރައްބުގެ ހަޟްރަތަށް މޫނުފުޅު ކުރިމަތިކުރެއްވިއެވެ. އިޚްލާޞްތެރިކަމާއި މަޑުމޮޅިކަމާއެކު، މުޅި އެ ރޭ އެކަލޭގެފާނު ހޭދަކުރެއްވީ، މުސްލިމުންނަށް ނަޞްރާއި އެހީތެރިކަން ދެއްވުން އެދި ދުޢާ ދެންނެވުމުގައެވެ.

އަލްޤަޢުޤާޢު ހަނގުރާމަވެރިންނަށް ދެއްވި ތަޤުރީރު

އެ ދުވަހުގެ ހެނދުނުގެ އެންމެ ތާޒާ ވަގުތުގައި، އަލްޤަޢުޤާޢު ބާރު އަޑުފުޅުން މުސްލިމް ހަނގުރާމަވެރިންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. [އަހަރެންގެ އެކުވެރިންނޭވެ! ހިތްވަރުގަދަ ހަނގުރާމަވެރިންނޭވެ! ޖެހިލުންކުޑަ މުޖާހިދުންނޭވެ! ތެދުވެވަޑައިގެން ދުޝްމަނުންނަށް އެއްފަހަރާ ހަމަލާދެއްވާށެވެ. ކުއްލި ހަމަލާއެއް ކުރިމަތިވެއްޖެނަމަ ބަލިވެގެންދާނެއެވެ. ނަޞްރާއި ކާމިޔާބު ހޯދޭނީ ކެތްތެރިވެގެންނެވެ. އެއްވެސް ފަރާތަކަށް ޖެހިލުންނުވެ ހަނގުރާމަކުރުމުންނެވެ. ރަނގަޅަށް ސަމާލުވާށެވެ! ފަހަރެއްގައިވެސް ކެތްތެރިކަން ކުޑަނުކުރައްވާށެވެ. ﷲ ގެ އެހީތެރިކަން ވަނީ ކެތްތެރިވީ މިންވަރަކަށެވެ. އެހީތެރިކަން ލިބޭނީ ހަމައެކަނި، ﷲ ގެ މަގުގައި ޖިހާދުކުރާއިރު، ސާބިތުކަމާއެކު ތިބެ، ހިތްވަރު އެލުވައިނުލާ މީހުންނަށެވެ.] އަލްޤަޢުޤާޢުގެ ވާހަކަފުޅުގެ މަސްދަރަކީ، ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ އާޔަތެކެވެ.

މިއަދު އޮންލައިން