ހަމައެކަނި މިއާޔަތްތަކަށް ވިސްނައިލިޔަސް ނަރަކައަށް ވަންނަންޖެހޭނެ ކިތަންމެ ކުޑަކަމެއް ނަމަވެސް ކުރަން ބިރުގަންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ހަމައެކަނި މިއާޔަތްތަކަށް ވިސްނައިލިޔަސް ނަރަކައަށް ވަންނަންޖެހޭނެ ކިތަންމެ ކުޑަކަމެއް ނަމަވެސް ކުރަން ބިރުގަންނާނެ! އިން ޝާ ﷲ

ފުރަތަމަ ކަމަކަށް ވިސްނާށެރވެ! އެއްވެސް މީހަކަށް ނަރަކައަށް ވަންނަންޖެހެނީ އެކަން ﷲ ތަޢާލާ އިރާދަކުރައްވަވާތީ ކަމަށްވާނަމަ އެއްވެސް މީހެއްގެ އެއްވެސް ކުށެއް ނެތެވެ. ނަމަވެސް އެކަން މެދުވެރިވަނީ އެގޮތަކަށް ނޫނެވެ. ކޮންމެ މީހަކަށްވެސް ނަރަކައަށް ވަންނަންޖެހޭނީ އެމީހާގެ ސަބަބުންނެވެ. ﷲ ތަޢާލާއަށް އީމާންނުވިތީއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިނުވީތީއެވެ. ނުކުރުމަށް އަންގަވާފައިވާ ކަންކަން ކުރީތީއެވެ.  

މީސްތަކުންގެ ތެރެއިން ނަރަކައަށް ވަންނާނެ މީހުންގެ ޢަދަދު ﷲ ތަޢާލާ ބަޔާންކުރައްވަވާފައި އެވަނީ ﷲ ތަޢާލާ އެމީހުން މަގުފުރައްދަވައި ނަރަކައަށް ވައްދަވާނެތީއެއް ނޫނެވެ. ސުވަރުގެ ވަންނަން ދެއްވަވާ ފުރުޞަތުގެ ބޭނުން ނުކޮށް ﷲ ތަޢާލާއަށް އީމާން ނުވުމުގެ ސަބަބުން ނަރަކައަށް ވަންނާނެ މީހުން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.  

ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ނަރަކއިންނާއި ސުވަރުގެއިން ޖާގަ ހަމަޖައްސަވައިފައެވެ. އެމީހަކު ބޭނުންތަނަކަށް ވަނުމުގެ އިޚްތިޔާރު ދެއްވަވައިފައެވެ. މަރުވެ ވަޅުލެވުމުން ސުވަރުގެ ހޯދަން މަސައްކަތްކޮށް ކާމިޔާބުކުރި މީހުންނަށް އެމީހުންނަށް ނަރަކައިގައި ހުރި ޖާގަ ދައްކަވާނެތެވެ. ނަރަކައިން ސަލާމަތްވެވުނު ކަމަށްޓަކައި އުފާކުރާނެތެވެ.  

ހަމައެފަދައިން މަގުފުރެދި ކާފިރތުވުމުގެ ސަބަބުން ނުވަތަ އީމާންވުމަށްފަހުގައިވެސް ހެޔޮ ޢަމަލުތައް ނުކޮށް ނަރައިން ޖާގަ ހޯދި މީހުންނަށް އެމީހުންނަށް ސުވަރުގެއިން ލިބެން އޮތް ޖާގަވެސް ދައްކަވާނެތެވެ. ހެޔޮ ޢަމަލުތައް ނުކުރުމުގެ ސަބަބުން ސުވަރުގެއިން ލިބެން އޮތް ޖާގަ ގެއްލި ނަރަކައަށް ވަންނަންޖެހުނީތީ އިންތިހާއަށް ހިތާމަކުރާނެއެވެ.  

ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހުމުން އެމީޙުން އިންތިހާއަށް ހިތާމަކުރާ ޙާލުގައިވެސް ނަރަކައަށް ވަންނާނީ އެމީހުން ދުނިޔޭގައި ކުރި ފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭކަން ޤަބޫލުކުރާ ޙާލުގައެވެ. ކުރި ފާފަތަކަށް އިޢްތިރާފްވާ ޙާލުގައެވެ.  

މިބަޔާންކުރި ކަންކަން ތިރީގައި އާޔަތްތަކުން އެކަނިވެސް އެނގިގެންދާނެއެވެ.  

"އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވި މީހުންނަށް ނަރަކައިގެ ޢަޛާބު ހުށްޓެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ." (6) 

"އެ ނަރަކައިގެ ތެރެޔަށް އެއުރެން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ ޙާލުގައި، އެތެރެޔަށް ދަމައިލާއަޑު އެއުރެންނަށް އިވޭނެތެވެ." (7) 

"އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (ކާފިރުންގެ) ފައުޖެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ ސުއާލު ކުރައްވާނެތެވެ. އިންޛާރު ކުރައްވާ ރަސޫލަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟" (8)

"އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް އިންޛާރު ކުރައްވާ ރަސޫލަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. ﷲ، އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ." (9)

"އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި ފިކުރު ކުރާކަމުގައިވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެޔަކު ތިމަންމެން ނުވީހެވެ." (10) 

"ފަހެ، އެއުރެން، އެއުރެންގެ ފާފަތަކަށް އިޢުތިރާފް ވާނެތެވެ. ފަހެ، ނަރަކައިގެ އަހުލުވެރިންނަށް ރަޙްމަތުން ދުރުކުރެއްވުން ހުށްޓެވެ." (11)

(އަލް މުލްކް: 6،7،8،9،10،11)  

އެއަށްފަހު ނަރަކައަށް ވަންނަން ނުޖެހޭނެ ގޮތްވެސް ވަނީ ވަޙީކުރައްވަވައިފައެވެ.  

"ހަމަކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ." (12)

(އަލް މުލްކް: 12)  

ވީމާ އެނގިގެން މިދަނީ ނަރަކައަށް ވަންނަން ޖެހެނީ އެމީހެއްގެ ސަބަބުންކަމެވެ. ﷲ ތަޢާލާއަށް އީމާންވެ ސުވަރުގެ ވަންނަން ދެއްވެވި ފުރުޞަތުގެ ބޭނުން ނުކޮށް ކާފިރުވެ ނަރަކައަށް ވަންނަން އަމިއްލައަށް އިޚްތިޔާރުކޮށްގެން ދުނިޔޭގައި އުޅެވުނީތީ ކަމެވެ. އެހެންކަމަށްވާއިރު ނަރަކައަށް ވައްދަވަނީ ﷲ ތަޢާލާކަމަށް ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟  

ދުނިޔަވީ މިޘާލެއްވެސް ބުނެލާނަމެވެ. ޤާނޫނުގައި އަދަބު ކަނޑައެޅިގެންވާ ކުށެއް ކުރުމުން ޤާނޫނުގައިވާ މަގުން އެމީހަކަށް އަދަބުދިނީމާ ޤާނޫނު ނުވަތަ އެކަމަށް ޙުކުމްކުރި ފަނޑިޔާރު ކުށްވެރި ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ފަނޑިޔާރު ދިން އަދަބަކަށް ނުވާނެއެވެ. ވާނީ އަމިއްލައަށް ލިބިގަތް އަދަބަކަށެވެ. ޤިޔާމަތް ދުވަހު މީސްތަކުންނާއިމެދުގައިވެސް ޢަމަލުކުރެވިގެންދާނީ ހަމަ އެއުޞޫލުންނެވެ. މާފުރިހަމައަށް އިންޞާފުކުރެވިގެންނެވެ. 

ވީމާ ނަރަކައިން ސަލާމަތްވާން ބޭނުންނަމަ އަދި ސުވަރުގެ ޙާޞިލުކުރަން ބޭނުންނަމަވެސް ދުނިޔޭގައި ހުރެ އެކަމަށް މަސައްކަތްކުރާށެވެ! އެމީހަކު މަސައްކަތް ކުރި ގޮތަކަށް އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން