އެކުވެރިންނަށްވެސް އަދި ޢާއިލާގެ މީހުންނަށް އެންމެ ފައިދާކުރާނެ ކަމަކަށްވާނީ އުފަލުގައި ދެމަފިރިންނަށް ދިރިއުޅެވުމެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ޒަވާޖީޙަޔާތް އުފަލުގައި ދަނަހައްޓަން އެހީތެރިވެދިނުމަކީ އަތުން މިލިއަނުން ފައިސާ ދިނުމަށްވުރެވެސް ފައިދާކުޜާނެ ކަމެއް ކަމަށެވެ.
ވީމާ އެކުވެރިންނަށާއި ޢާއިލާގެ މީހުންނަށް މިލިޔުން ޝެއާކޮށްލާށެވެ! ޘަވާބާއި ދަރުމަވެސް ދެއްވަޥާނެތެވެ. އިން ޝާ ﷲ
އަހުރެންގެ އެކުވެރިންގެ ތެރޭގައި ވަރަށް ޚާއްޞަ ދެމަފިރިއަކު އެބަތިއްބެވެ. އެއީ ކައިވެންޏަށް 43 އަހަރު ފުރުނުއިރުވެސް ދެމީހުންގެ މެދުގައި މައްސަލައަކަށްވާފަދަ އެއްވެސް މައްސަލައެއް ނުޖެހި ދިރިއުޅޭ ދެމްފިރިންނެވެ. އެކަމުގެ ސިއްރު ހޯދަން ވަރަށް ގިނަ މަސައްކަތްކުރިފަހުން އެނގުނު ސަބަބުވެސް ބުނެލާނަމެވެ.
ފުޓްބޯޅަމެޗެއްގައި ލިބޭ ކޮންމެ ފުރުޞަތެއްގައި ލަނޑުޖަހަން އަވަސްވެގަންނަ ގޮތަށް އެދެމަފިރިން އަބަދުވެސް ތިބެނީ އެކަކު އަނެކަކަށް މާފުކުރަން އަވަސްވެގަންނަން ތައްޔާރަށެވެ. އެކަމަށް ދެމީހުންވެސް ވާދަކުރެއެވެ.
ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އަބަދު މާފުކުރާނަމަ އެކަމުގެ ސަބަބުން ކުށްކުރަން ހިތްވަރުލިބޭނެ ކަމަށެވެ. ނަމަވެސް އެދެމަފިރިން ބުނަނީ އެމީހުންނަށް ކުރެވުނު ތަޖުރިބާގައި އެކަންވަނީ ކުށްކުރަން ލަދުގަންނަ ސަބަބަކަށެވެ. އެހެންވެ ދެމީހުންވެސް މަސައްކަތްކުރަނީ ކުށެއް ނުކުރުމަށެވެ.
ތިމާއަށް ކުށެއް ކުރެވުނަސް އެކަން ޤަބޫލުކޮށް މާފަށް އެދުމަކީ ހިތް ހަރުކަށި މީހުންނަށް ކުރަން އެންމެ އުނދަގޫ އެއް ކަންތަކެވެ. އެފަދަ މީހުންނަށް ކުރެވޭ ކަމަކާއި ގުޅިގެން މާފަށް އެދެން މަޖުބޫރުވާ ޙާލަތުގައި ބުނެލާނީ ހަމައެކަނި "މާފުކުރޭ" މިހެންނެވެ. އިތުރަކަށް ނުބުނާނެއެވެ.
ހަމައެކަނި "މާފުކުރޭ" ބުނެލުމަކުން ނުފުދޭނެއެވެ. ކުރެވުނު ކުށަކާއި ގުޅިގެން މާފަށް އެދޭނަމަ ތިމާއަށް ކުރެވުނު ކުށް ބަޔާންކުރަންޖެހޭނެއެވެ. މިޘާލަކަށް ކަމެއް ގޯސްކޮށް ކުރެވިގެން މާފަށް އެދޭނަމަ "މިވެނިކަމެއް އަހުރެންނަސް ކުރެވުނީ ރަނގަޅަކަށް ނޫން. ވަރަށް ދެރަވެއްޖައިން. އަހުރެންނަށް މާފުކުރޭ. އިތުރަށް ތަކުރާރެއް ނުކުރާނަން" މިމިންވަރަށް ބުނަންވާނެއެވެ. ޙަޤީޤަތުގައިވެސް ކުށް ޤަބޫލުކޮށްފިކަން އަނެކާއަށް އަންގައިދެވޭނީ އެންމެ ކުޑަމިނުން މިމިންވަރަށް ބުނުމުންނެވެ.
މިކަމަކީ ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ކުށެއް ކުރެވިގެން ބައިވެރިޔާގެ ކިބައިން މާފަށް އެދޭނަމަ އެންމެ ކުޑަމިނުން މިމިންވަރަށް ބުނަން އާދަކުރާށެވެ. އަދި ބުނުމަށްފަހު ވަޢުދުވީ ފަދައިން އެކަމެއް ތަކުރާރުނުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ދެމަފިރިން އެކުގައި ދިރިއުޅެމުން އަންނައިރު ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެއެވެ. އަނެކާ ނުއެދޭ ގޮތަށް ކަންކަންކުރެވޭނެއެވެ. އކަން ދެމީހުންވެސް ޤަބޫލުކުރަންވާނެއެވެ. އަދި އެކަމެއް ތަކުރާރުނުކުރާނަމަ، ނުވަތަ އިޞްލާޙްކުރަން މަސައްކަތްކުރާނަމަ ކުރެވޭ ކުދިކުދި ކުށްތަކަކީ އެހައި ބޮޑުކަމެއްގެ ގޮތުގައި ނުދެކޭށެވެ.
މިހުރިހާ ކަންކަން ގޮސްގުޅެނީ އަހުރެމެންގެ ދީނާއިއެވެ. އަހުރެމެންގެ ދީނުގައި އޮތީ ކުރި ކުށަށް ނުބަލައި އެންމެންނަށް މާފުކުރުމެވެ. އެއްވެސް މީހަކަށް ހިތްބުރަ ނުކުރުމެވެ. އަދި ﷲ ތަޢާލާއީ މީސްތަކުންނަށް ޢަފޫކުރެއްވެވުމުގައި އެންމެ ދީލަތިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން