ސިޙުރުވެރިންގެ ގާތަށް ގޮސް ޢާއްމުކޮށް ސިޙުރު ހައްދުވާ އުޅެނީ އަނެކާއަށް ލިބިފައިވާ ނިޢުމަތަކާއިމެދު ޙަސަދަވެރިވެގެންނެވެ. ޙަސަދަވެރިވުމަކީ ނުބައިކަންބޮޑު ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦۖ ނުވަތަ، ﷲ ގެ ފަޟްލް ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ހަސަދަވެރިވަނީ ހެއްޔެވެ؟ 4:54 عن أبي هريرة رضي الله عنه، أن انبي صلى الله عليه وسلم قال: "إياكم والحسد، فإن الحسد يأكل الحسنات كما تأكل النار الحطب، أو قال: العشب" ( رواه أبو داود)
މާނައީ: "މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. (އެ ކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
{ތިއަބައިމީހުން ޙަސަދަވެރިކަމާ ދުރުހެލިވާށެވެ. އެހެނީ، ހަމަކަށަވަރުން، އަލިފާނުން ދަރު އަންދާފަދައިން ޙަސަދަވެރިކަން ހެޔޮކަންތައް ނެތިކޮށްލައެވެ.} "
މީހަކު ހައްދުވާ ނުވަތަ ހަދާ ސިޙުރެއް ޖެހިގެން ދުނިޔޭގައި މީހަކަށް ގެއްލުމެއް ނުވަތަ ހިތާމައެއް ލިބުނަސް އެކަން އޮންނާނީ ދުނިޔޭގައެވެ. އެކަމަކުން ސަލާމަތްނުވެވިއްޖެނަމަ ދަތިޙާލުގައި ނުވަތަ ހިތްދަތިޙާލުގައި ދިރުޅެންޖެހޭނީ ދުނިޔޭގައެވެ. މަރުވުމުން އެކަން ފިލައިގެންދާނެއެވެ. އަދި ޤިޔާމަތް ދުވަހުގައި އެކަން ވެގެންދާނީ އެމީހާއަށް ލެއްވެވި ބޮޑު ރަޙްމަތެއްގެ ގޮތުގައެވެ. އިން ޝާ ﷲ
ނަމަވެސް ސިޙުރު ހެއްދުވި މީހާއަށް ނުވަތަ ސިޙުރު ހެދިމީހާއަށް ދުނިޔޭގައި އުފަލުގައި ހުރެވުނަސް ޤިޔާމަތް ދުވަހު ޖެހޭނީ ހިތާމަކުރާށެވެ. އޭނާ ކުރި ފާފައަށް ޙައްޤުޖަޒާ ދެއްވަވާނެތެވެ. އަނިޔާ ލިބުނު މީހާއަށް އެކަމުގެ ބަދަލުވެސް ހޯއްދަވައި ދެއްވަވާނެތެވެ. ވީމާ އެކަންވާނީ އެނުބައި ފާފަކުރި މީހާއަށް ލިބިގެންދާނެ ވަރަށް ބޮޑު ދެރައަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން