ވަރަށް ބަލިޙާލުގައި އޮތް މީހެއގެ ގާތުގައި އެކުވެރިއަކު ބުންޏެވެ! "ތިއަ ޙާލުގައި އޮންނަންޖެހޭތީ ވަރަށް ދެރަވަމެވެ!" ބަލިމީހާގެ ޖަވާބަކީ: "އަހުރެން ދެރައެއް ނުވަމެވެ.
މިހުރިހާދުވަހު ގަދަވެހުރެވުނީވެސް ﷲ ގެ ރަޙްމަތުންނެވެ. މިއަދު މިޙާލުގައި މިއޮތީވެސް ﷲ ގެ ރަޙްމަތުންނެވެ. އަހުރެން މިޙާލުގައި އޮއްވައި ގަދަވެ ތިބި އެތައް ބައަކު (އެއްވެސް ބައްޔެއް ނުވެ) މަރުވެސްވެއްޖެއެވެ. ވީއިރު އަހުރެން ދެރަވާންވީ ކޮންކަމަކާ ހެއްޔެވެ؟ އޮށޯވެ އޮވެގެންވެސް ނަމާދު އެބަކުރެވެއެވެ. ޛިކުރުކުރެވެއެވެ. އަހުރެންގެ ފަތަށް ދާނީ އިތުރުވަމުންނެވެ."
އެއްވެސް މީހަކީ ބަލިވާން އެދޭނެ މީހެއް ނޫނެވެ. ނަމަވެސް ބަލިނުވެ ހުރެވޭ ހަމައެކަކުވެސް ނެތެވެ. އެމީހުންނަށް ޖެހޭ ބަލީގައި އެއްބައަކު ދުނިޔެއިން ވަކިވެގެންވެސް ދެއެވެ. އަނެއް ބައަކު ބޮޑެތި ބަލިތަކުގައި އެތައް އަހަރެއް ވަންދެން އުޅެފައި ސަލާމަތްވެސް ވެއެވެ.
ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވެވޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. މިކަން ޔަޤީންކުރާށެވެ! ބަލި ޖެހިދާނެތީ ވެސް ބަލިން ސަލާމަތްވުމަށްވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ އާއި ކުއްތަންވާން ގަދައަޅައި މަސައްކަތްކުރުމެވެ.
"އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ."
"އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަވަނީ، ހަމަ އެކަލާނގެއެވެ"
(އައްޝުޢަރާ: 79،80)
ބަލިވުމުން ކާން ބޭނުންކުރާ ބޭސް ނުވަތަ ހޯދާ ފަރުވާ އުފެއްދުމުގެ ކުޅަދާނަކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ބަލިތަކުން ދިފާޢުވުމަށް ޖަހާ ވެކްސިން އުފެއްދުމުގެ ކުޅަދާނަކަން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ކިތަންމެ މޮޅު ވެކްސިނެއް ޖެހިނަމަވެސް ބަލިނުޖެހި ހުރެވެނީ އެކަމަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. އަދި ކިތަންމެ މޮޅު ބޭހެއް ބޭނުންކުރިޔަސް ޝިފާ ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. އިސްލާމް ދީނުގައި އޮތީ ބަލިވި ނަމަވެސް އަދި އެނޫން ކަމެއް ކުރިމަތިވި ނަމަވެސް ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ.
މިއަދު މިކަންކަން އޮޅިފައިވާ މީހުން މިދަނީ ގިނަވަމުންނެވެ. އެއް ބައަކަށް ޤަބޫލުކުރެވެނީ އެންމެ ކުރިއަރާފައިވާ ޤައުމުތަކުން ބޭސްފަރުވާކުރެވިއްޖެނަމަ ޝިފާ ލިބޭނެ ކަމަށެވެ. ހަމަ އެ ޤައުމުތަކުގައި ބޭސްފަރުވާ ކުރިޔަސް ޝިފާ ނުލިބި އެތައް ބައަކު ކޮންމެ ދުވަހަކު މަރުވަމުން އަންނަ ކަމާއިމެދު އޮންނަނީ ވިސްނައި ނުލެވިފައެވެ.
މިވާހަކަ ދައްކަން މިޖެހެނީ ބަލިވާއިރަށް އަޅުކަމާއި ދުރުހެލިވާ މީހުން ގިނަވާތީއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ބަލިވެ އުޅެން ޖެހިއްޖެނަމަ ނަމާދުވެސް ނުކުރަންވީ ކަމަށާއި ގަދަވުމުން ނަމާދުކުރަން ފަށައި ނުކުރެވިހުރި ނަމާދުތައް ޤަޟާކުރާނީ ކަމަށެވެ. ނަމަވެސް މިއީ އެންމެ ނުބައި ވިސްނުމެވެ. ނަމާދުތަކެއް ނުކޮށް ދޫކޮށްލާފައިވަނިކޮށް ޝިފާ ނުލިބި މަރުވެއްޖެނަމަ ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ބަލިވިޔަސް ހަމަހޭހުރިނަމަ ނަމާދުކުރާށެވެ! އެންމެ ނަމާދެއްވެސް ދޫނުކުރާށެވެ! ޝިފާ ދެއްވެވުން ވަނީވެސް ﷲ ތަޢާލާގެ ޙަޟްރަތަށްކަން ޔަޤީންކުރާށެވެ! ހަމައެފަދައިން އެންމެ މުހިންމީ އާޚިރަތް ދުވަސްކަމާއި އާޚިރަތަށްޓަކައިވެސް އެންމެ މުހިންމީ ނަމާދުކުރުންކަން ޔަޤީންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން