ފުރަތަމަ ވިސްނާލަންވީ މިޙަދީޘްފުޅަށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ބައަކީ 2 މޫނުގެ ވެރިންނެވެ. އެއީ އެކަކަށް އެއް މޫނު ދައްކާފައި އަނެކަކަށް އެހެން މޫނެއް ދައްކާ މީހުންނެވެ." (ޞަޙީޙް ބުޚާރީ)
މިޙަދީޘްފުޅާއި ގުޅިގެން މިރޭ ފާހަގަކޮށްލަން ބޭނުމީ އަހަރެމެންގެ ތެރެއިން ބައެއް މީހުން ވަރަށް ޢާންމުކޮށް ކުރާ ކަމެއްގެ ވާހަކައެވެ. ބައެއް ފިރިހެނުން އެމީހުންގެ އަނބިންނަށް ދައްކާ މޫނާއި އެހެން މީހުންގެ ގާތު އަނބިންގެ ވާހަކަ ދައްކާ ގޮތް ވަރަށް ތަފާތުވާ މައްސަލައެވެ.
މިޘާލެއްވެސް ބުނެލާނަމެވެ. އަނބިމީހާއަކީ ހެޔޮލަފާ އަންހެނެކެވެ. އެހެންވެ އޭނާގެ ގާތުގައި ހުންނައިރު އޭނާއަށް ތަޢްރީފް ކުރެއެވެ. އޭނާ އެއިރު އުޅެނީ އެހެން އަންހެނަކު ދެކެ ލޯބިވެ އެއަންހެންމިހާ އާއި ދެވަނަ އަންތބެއްގެ ގޮތުގައި ކައިވެނިކުރަން ކަމަށްވެދާނެއެވެ. ކައިވެނިކުރުމުގެ ނިޔަތް ނެތި ހަމައެކަނި ލޯބިވެގެން އުޅޭކަމަށްވެސް ވެދާނެއެވެ.
ދެންމިވާގޮތަކީ އެމީހުންގެ ގާތުގައި ވާހަކަދައްކަނީ އަނބިމީހާ ކުށްވެރިކޮށްފައެވެ. އަނބިމީހާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތްކަމަށް ބުނެއެވެ. އެއިރުން އެކަންވާނީ ހަމައެކަނި ދޮގުހެދި ކަމަކަށް ނޫނެވެ. 2 މޫނުގެ ވެރިއަކަށްވުމުގެ ބިރުވެސް އެބައޮތެވެ.
ހަމަ އެފަދައިން ބައެއް އަނބިންވެސް ހަމަ މިމޭރުމުން ކަންކަން ކުރެއެވެ. ފިރިމީހާއަށް ދައްކާ މޫނާއި އެހެން މީހުންގެ ގާތު ފިރިންގެ ވާހަކަ ދައްކާގޮތް ބޮޑުތަނުން ތަފާތުކުރެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެ މޫނުގެ ވެރިންނަކީ މުނާފިޤުންނެވެ. މުނާފިޤުންވަނީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައެވެ. އެންމެ ގަދަފަދަ ޢަޛާބުގައެވެ. ވީމާ ނުއެނގި ތިބެ ނަމަވެސް މިހައި ބޮޑެތި ފާފަތައް ކުރެވޭކަމީ ހިތާމަހުރި ކަމެކެވެ.
ފިރިމީހާއަށް ނަމަވެސް އަދި އަނބިމީހާއަށް ނަމަވެސް އެއް މޫނު ދައްކާށެވެ! ހިތްހަމަ ނުޖެހޭނަމަ އެކަން ކުރިމަތީގައި ބަޔާންކުރާށެވެ. ގާތުގައި ތަޢްރީފްކޮށްފައި ދުރުގައި އެހެން ގޮތްގޮތަށް ވާހަކަ ނުދައްކާށެވެ! އެއިރުން އެވެވެނީ 2 މޫނުގެ ވެރިއަކަށެވެ.
ބައެއް މީހުން މިފަދަ ކަންކަން ކުރަނީ މިކުރެވޭ ކަންތަކުގެ ބޮޑުކަން ނުއެނގި ތިބެ ކަމަށް ވެދާނެއެވެ. ވީމާ ހޭލުންތެރިވާށެވެ! ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ހަމަ އެއްވެސް ކަމެއްގައި 2 މޫނުގެ ވެރިއަކަށް ނުވާށެވެ! ތިބާއަކީ އެންމެ ނުބައިކަން ބޮޑު މީހަކަށްވެދާނެ ކަމަށް ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން