ނުފުދި ހުރެވެސް އެހެން ނިކަމެތިންނަށް އެހީތެރިވުމަކީ ފުދުންތެރިކަން ލިބި ތަކްލީފްތަކުން ސަލާމަތްވެވޭ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ނުފުދި ހުރެވެސް އެހެން ނިކަމެތިންނަށް އެހީތެރިވުމަކީ ފުދުންތެރިކަން ލިބި ތަކްލީފްތަކުން ސަލާމަތްވެވޭ ކަމެއް! އިން ޝާ ﷲ

ފުރަތަމަ ކަމަކީ ދަތިޙާލުކޮޅުގައި ހުންނަވައިގެންވެސް މީސްތަކުންނަށް އެހީތެރިވެވަޑައިގަތުމުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ނަމޫނާ ދައްކަވައި ދެއްވަވާފައިކަމެވެ. ޞަޙާބީންވެސް އެގޮތަށް ޢަމަލުފުޅު ކުރެއްވެވި ކަމެވެ.  

ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވިފައި ތިބި އެތައް ބައިވަރު ބައަކު އަބަދުވެސް ތިބޭނެއެވެ. އެފަދަ މީހަކަށް އެހީތެރިވެދޭށެވެ! އޭނާގެ ތަކްލީފްތައް ފަސޭހަކޮށްދޭން އެހީތެރިވާށެވެ! އެއިރުން ތިބާއަށް އުފުލަން ޖެހޭ ތަކްލީފްތައް އުފުލަން ﷲ ތަޢާލާ އެހީތެރިވެވޮޑިގެން ދެއްވަވާނެތެވެ. އިން ޝާ ﷲ

ވީމާ އެހެން މީހުންނަށް އެހީތެރިވުމަކީ ތިމާ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވި ނުމުމުން ކުރަން އޮތް ކަމެއް ކަމަށް ނުދެކޭށެވެ! އެހެނީ އެހެން މީހުންނަށް އެހީތެރިވުމަކީ ތިބާ ކުރަން ހުރިކަންކަން ނުވަތަ ކުރަން ބޭނުންވާ ކަންކަން ފުރިހަމަކުރެވުމަށް ބާރަކަށް ވެގެންދާނެކަން ޔަޤީނެވެ.  

ކޮންމެ މީހަކީވެސް އެމީހަކު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ މީހެކެވެ. އަދި ކޮންމެ ދުވަހަކީވެސް ކަންތައްތަކެއް ކުރަން ޖެހޭނެ ދުވަހެކެވެ. ދިރިއުޅުން މިކިޔަނީ އެހުރިހައި ކަމެއް އެއްކޮށްގެންނެވެ. ވީމާ ތިމާ ކުރަން ބޭނުންވާ ކަންކަން ފުރިހަމަވެ ނިމޭނެ ދުވަހެއް އަންނާނެ ކަމަށް އުންމީދުވެސް ނުކުރާށެވެ.  

މިކަމުގެ އެންމެ ބޮޑު ދަލީލަކީ މީހުންގެ ބޭނުންތައް ފުއްދަވައި ދެއްވެވުމުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވި ގޮތެވެ. މީހަކު ކަމަކު އެދިގެން އައުމުން އެމީހާގެ ބޭނުން އަމިއްލަފުޅަށް ފުއްދަވައި ދެއްވެވެން ނެތް ޙާލުކޮޅުގައި ތެދުވެވަޑައިގެން އެމީހާގެ ބޭނުން ފުއްދަވައި ދެއްވެވޭނީ ކޮން ޞަހާބީއަކަށްތޯ ސުވާލުކުރައްވަވައިގެން ވެސް އެހެން މީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވަން މަސައްކަތްޕުޅު ކުރެއްވެވި ކަމެވެ.  

ވީމާ އެގޮތަށް ޢަމަލުކުރުން އަހަރެމެންނަށް މިވަނީ ސުންނަތް ކަމަކަށްވެފައެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުމަކީ އެކަމުގެ ފައިދާ އެމީހަކަށް ދެދުނިޔޭގައިވެސް ފެނިގެންދާނެ ކަމެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން