ހެޔޮލަފާ އަންހެނުންގެ ކައިވެނި ރޫޅުމުން އެކަނި ހުރެއެވެ.
އެއީ ރިވެތި ގޮތުގައި އުޅެމުންދަނިކޮށް ފިރިމީހާގެ ކިބައިން އޭނާއަށް ލިބެންޖެހޭ ލޯތްބާއި އަޅައިލުން އަދި އެހީތެރިކަން ނުލިބި ކައިވެނި ރޫޅެންޖެހުން ފަދަ ކަންކަމުގެ ސަބަބުން ލިބޭ މާޔޫސްކަމުގައެވެ.
ހެޔޮލަފާ އަންހެނުން އެޙާލަތުގައި ބަލާނީ އަވަސްއަރުވާލައިގެން ބައިވެރިއަކު ހޯދާކަށް ނޫނެވެ. މަސައްކަތްކުރާނީ ކެތްތެރިވުމަށެވެ. އެމީހަކާއި ގުޅުމުން އޭނާއަށް ރަނގަޅު ގޮތެއް މެދުވެރިވެދާނެކަމަށް ޤަބޫލުކުރެވޭ މީހަކާއި ބައްދަލުވަންދެން އޭނާ ކެތްތެރިވާނެއެވެ. ދުޢާކުރުންމަތީގައި އެކަމަށް އިންތިޒާރުކުރާނެއެވެ.
އަދިވެސް ވިސްނާށެވެ! އެފަދަ ޙާލަތެއް މެދުވެރިވިޔަސް ފިރިހެނުންގެ ތުންފުއްސަކަށްވާން ކޮފީތަކަށް ދިއުން ފަދަ ކަންކަމެއް ހެޔޮލަފާ އަންހެނުން ނުކުރާނެއެވެ. އެކަނބަލުން ތިބޭނީ އެކަނބަލުންނަށް ﷲ ތަޢާލާ ތިބެން އަންގަވާފައިވާ ގޮތުގައެވެ. ވީމާ އެއީ އެކަނބަލުންގެ ކިބައިން ކަންތައްތަކެއް އުނިވެގެނެއް ނޫނެވެ. ކަންތައްތައް ފުރިހަމަވީމައެވެ.
އެހެންވީމާ އަންހެނަކު ވަރިވެ އެކަނި ހުރިނަމަވެސް އޭނާ ކުށްވެރި ނުކުރާށެވެ! އޭނާއަށް ފުރައްސާރަ ނުކުރާށެވެ! މަލާމާތުގެ ބަސްތައް ނުބުނާށެވެ! ތިބާއަކީ ހެޔޮލަފާ ފިރިހެނަކު ކަމަށްވެފައި ތިބާހުރީ ހެޔޮލަފާ އަންހެނަކަށް ބޭނުންވެ އަދި ކައިވެނިކުރެވޭ ޙާލަތުގައިކަމަށްވާނަމަ އެފަދަ އަންހެނަކާއި ބައްދަލުވުމުން އަވަހަށް ކައިވެނިކުރާށެވެ. ތިބާއަށް އުފާވެރި ދިރިއުޅުމެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ
ކައިވެނީގެ ފޮނިމީރުކަން ލިބެނީ ހަމައެކަނި ތަނަވަސްކަމަކުން ނޫނެވެ. އަނބިމީހާ ޚަރަދުކުރާނެ ފައިސާ އަތަށް ދެވުމަކުން ނޫނެވެ. ލޯތްބާއި އަޅައިލުންދިނުމުންނެވެ. އޭނާގެ އިޙްޞާޞްތަކަށް އިހްތިރާމްކުރުމުންނެވެ. ހަމަ އެފަދައިން ފިރިމީހާއަށްވެސް އެކަންކަން ބޭނުންވާނެކަން އަނބިން ދަންނަންވާނެއެވެ. ކައިވެނި އުފާވެރިކަމުގައި ދެމެހެއްޓޭނީ ދެމީހުންވެސް އެކަމަށް މަސައްކަތްކުރުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން